ކޮވިޑުގައި ރޭ ފަތިހު ވެސް މީހަކު މަރުވެ މި މަހުގެ ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ރާއްޖެ އިން މި ބަލީގައި މަރުވި ޖުމްލަ އަދަދު 20 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނިގޮތުގައި ރޭ ފަތިހު މަރުވީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.
ރާއްޖޭގެ ކޮވިޑު ކޮންޓްރޯލުން ނެއްޓިފައިވާ އިރު އިއްޔެ އެކަނި ވެސް މި ބަލީގައި ފަސް މީހަކު މަރުވެފައިވެ އެވެ. އެ ފަސް މީހުންނާއި ރޭ ފަތިހު މަރުވި މީހާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި ޖުމްލަ އަދަދު 93 އަށް އެރީ އެވެ.

ރާއްޖެ އިން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ އިރު އިއްޔެ އެކަނި ވެސް 1،467 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެތެރެއިން މާލެ އިން 1،267 މީހުންނަށް ބަލި ޖެހިފައިވެ އެވެ.
ޕޮޒިޓިވިޓީ ރޭޓު މަތިވެ، ކޮވިޑަށް ފަރުވާދޭން ހުރި އެނދުތައް ފުރިގެން މިހާރު ވަނީ އެނދުތައް އިތުރު ވެސް ކޮށްފަ އެވެ. މި ބައްޔަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. އެ މީހުންނަށް ނުތަކާ ވަރަށް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.
ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ގިނަގިނައިން އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކް އަޅައިގެން އުޅުމެވެ. އެއީ ތިމާއަށާއި އެހެން މީހުންގެ ރައްކަލަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއަށް ވާތީ، ފިޔަވަޅުތަކަށް ތަބާވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ މިހާރަށް ވުރެން ހާލަތު ގޯސްވެއްޖެ ނަމަ ލޮކްޑައުންއަކަށް ވެސް ދާން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އެ ހިސާބަށް ނުގޮސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.













