ޝެޑިއުލްގައި އޮތްގޮތަށް ދިޔަނަމަ މިހާރު އޮންނާނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ޑީގެ ހަތަރު ޓީމު ވެސް ކަށަވަރުވެފަ އެވެ. އަދި ހުރިހާ ކަމެއް ރޭވިގެންދިޔަ ގޮތަށް ކުރިއަށް ދިޔަނަމަ މާދަމާ ގަލޮޅު ދަނޑުގައި ގްރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ކުޅޭނެ އެވެ. އެކަމަކު މި ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ދިމާވި އެކި ހާލަތްތަކާ ހުރެ، އަވަސް ނިންމުންތަކެއް ނިންމަން ޖެހިގެން މިހާރު ރާއްޖޭގައި ކުޅެން އޮތް އޭއެފްސީ ކަޕްގެ މެޗުތައް މި އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްވެފަ އެވެ.
ގްރޫޕް ޑީގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ދެން މި ގްރޫޕްގެ ފަހު ޖާގަ ހޯދަން ވާދަކުރަން ޕްލޭއޮފް މެޗަށް ތައްޔާރުވެ ތިބީ އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އެވެ. ޕްލޭއޮފް ތާވަލުކޮށްފައި އޮތީ މިދިޔަ އަންގާރަ ދުވަހުގެ ރެ އަށެވެ. ގްރޫޕް ސްޓޭޖު ކުޅެން ޝެޑިއުލްކުރީ މާދަމާ އިން ފެށިގެން ހަތް ދުވަހަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ބޭއްވުމުގެ ބިޑް ކާމިޔާބުކުރަން ރާއްޖޭން ގަދަހިފުމަކަށް ނުކުތީ ސަރަހައްދުގެ ބޮޑުބާރު އިންޑިއާއާ ދެކޮޅަށެވެ. މާޗް މަހު އެއް ވަނަ ދުވަހު އޭއެފްސީން ރާއްޖޭގެ ބިޑް ބަލައިގަނެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރަން ފުރުސަތު ދޭން ނިންމި އެވެ.
އޭއެފްސީ ކަޕްގެ މެޗުތަކަށް ސެންޓްރަލައިޒްކޮށް ބާއްވަން ޖެހިޖެހިގެން ދެ ވަނަ އަހަރަކު ރާއްޖޭން ބިޑްކުރީ ވެސް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައި ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ދެ ފަހަރު ވެސް ރާއްޖެ އަށް ބިޑް ކާމިޔާބުކުރެވުނީ އެފްއޭއެމްގެ ލީޑަޝިޕާއި އެ އެސޯސިއޭޝަންގެ އެހެން ޑިޕާޓްމަންޓްތަކުގެ ހީވާގި މަސައްކަތުންނެވެ. އެކަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރައްވާފައި ވެ އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީ ގްރޫޕް ސްޓޭޖުގައި ވާދަކޮށް މެޗެއް ވެސް ކުޅުނުއިރު، ފަހުން ކޮވިޑް-19ގެ ސަަބަބުން މުބާރާތް މެދުކަނޑާލަން ޖެހި ފަހުން މާލޭގައި ސެންޓްރަލައިޒްކޮށް ބިޑް ކާމިޔާބު ކޮށްގެން ކުޅެން އުޅުނު ނަމަވެސް އެންމެ ފަހުން އޭއެފްސީ އަށް ޖެހުނީ މުބާރާތް އެއްކޮށް ކެންސަލްކުރާށެވެ. އެހެންވެ ރާއްޖޭގެ ދެ ކްލަބެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެއް އެކުގައި ފުރިހަމަ ކުރުމުގެ ފުރުސަތު ހާލަތު ނިޔާކުރިގޮތުން ގެއްލުނީ އެވެ. އެކަމަކު މި ފަހަރު އަނެއްކާ ވެސް އެ ފުރުސަތު އޮތީ ހުޅުވިފަ އެެވެ.
މި ފަަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ރާއްޖޭގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން މާޒިޔާ އަށެވެ. ކޮލިފައިންގައި އީގަލްސް ވާދަކުރާއިރު، ފުރަތަމަ މެޗުން ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މާލޭގައި އޭޕްރީލް ހަތް ވަނަ ދުވަހު 2-0 އިން މޮޅުވި އެވެ.

ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސިފާއު ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ކޮލިފައިން ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އީގަލްސް ކުޅެން އޮތް މެޗު ލޮކްޑައުންގެ ސަބަބުން ބަންގްލަދޭޝްގައި ނުކުޅެވި ފަހުން ސެންޓްރަލައިޒްކޮށް އިންޑިއާ އަދި ނޭޕާލްގައި ކުޅެން މަސައްކަތް ކުރުމުން ވެސް ކުޅެވޭނެ އަލިމަގެއް ނުފެނުނެވެ.
އެހެންވެ އޭއެފްސީން ނިންމީ އަބަހާނީ މުބާރާތުން ވަކިކޮށް ޕްލޭއޮފްގެ ފުރުސަތު އީގަލްސް އަށް ދޭށެވެ. އީގަލްސްއާ ދެކޮޅަށް ޕްލޭއޮފްގައި ކުޅެން ތައްޔާރުވީ ރާއްޖޭގެ ތިން ކްލަބަކާ ދެކޮޅަށް މީގެ ކުރިން ކުޅެފައިވާ ބެންގަލޫރު އެވެ.
ގްރޫޕް ސްޓޭޖުގެ ފުރުސަތެއް ހޯދަން ބެންގަލޫރާ ކުޅެން އީގަލްސް އިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ހުއްޓުމެއް އައީ މިނިސްޓަރުގެ އަވަސް ނިންމުންތަކާ އެކު
ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން އެންމެ ފުރަތަމަ ނިންމިިއިރު، ކޮވިޑް-19ގެ ހާލަތު މިހާރު މި އޮތްހާ ގޯހެއް ނޫނެވެ. އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހެލްތު މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާ އެކު ވާހަކަ ދައްކައިގެން ރާއްޖޭގައި އޭއެފްސީ ކަޕް ހޯސްޓް ކުރަން ހުއްދަ ފަސޭހައިން ލިބުނެވެ.
މުބާރާތުގެ މެޗުތައް ރާއްޖޭގައި ފެށެން ގާތްވަމުންދިޔަ ވަރަކަށް ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު ވެސް ސަރުކާރުން އޭއެފްސީ ކަޕް ކުޅެން ހާއްސަ ހުއްދައެއް ދޭން ނިންމީ އޭއެފްސީގެ ސިއްހީ ޕްރޮޓޮކޯލް ވަރުގަދަވެފައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް މުބާރާތް ގެންދެވޭނެ ކަމަށް ފެންނާތީ އެވެ.
އޭއެފްސީގެ ޕްރޮޓޮކޯލްތަކަކީ ވަރަށް ވެސް ފުރިހަމަކަމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އޮތް ގައިޑްލައިންތަކެއް ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. އަދި އޭއެފްސީ ކަޕްގެ ގައިޑްލައިންތައް ތަފްސީލުކޮށް ކިޔައިދެއްވުމަށް ފަހު ވިދާޅުވީ "މިއީ އެންމެ ރައްކާތެރިކޮށް ކުރިއަށްދާނެ" ހަރަކާތް ކަމަށެވެ.
އެ ވާހަކަތަކަށް ބަރޯސާވެގެން ތިބެ އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރުން އިންޑިއާގައި ޕީސީއާރް ޓެސްޓްތަކެއް ހެދުމަށް ފަހު ރާއްޖެ އަ އެވެ. އަދި ރާއްޖެ އައިސް އެ ޓީމު ތިބެން ހަަމަޖެހިފައި އޮތް ހޮޓެލް ޖެން އަށް ޗެކިން ވިއިރު ވެސް އަނެއްކާ ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހެދި އެވެ. ދެ ދުވަހުގެ ތެރޭގައި ބެންގަލޫރުން ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލަކު ދެ ފަަހަރެއްގެ މަތިން ހެދި ކޮވިޑް ޓެސްޓްތަކުގެ ހުރިހާ ނަތީޖާއެއް ނެގެޓިވް އެވެ.
އެކަމަކު މައްސަަލަ ދިމާވީ ރާއްޖޭގައި އެއް ޕްރެކްޓިސް ސެޝަން ވެސް ބޭއްވި ފަހުން ބެންގަލޫރުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ މަގުތަކަށް ނުކުތުމުންނެވެ. މިއީ އޭއެފްސީ އާއި އެޗްޕީއޭގެ ޕްރޮޓޮކޯލާ ވެސް ހިލާފު އަމަލެކެވެ. ބޭރުން އަންނަ ޓީމެއްގެ އިތުރުން ރާއްޖޭގެ ޓީމަކަށް ވެސް ހޮޓަލްގައި ކޭމްޕްކުރުމަށް ފަހު ހަމައެކަނި ނުކުމެވޭނީ ޓްރެއިނިންނާއި މެޗު ކުޅެން އެކަންޏެވެ. އެކަމަކު ބެންގަލޫރުން ޕްރޮޓޮކޯލް މުގުރާލީ އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ކޮވިޑްގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައި އޮތް އިންޑިއާގެ ޓީމެއް ރާއްޖެ އަންނާތީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އާންމުންނާއި ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅޭ ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބެންގަލޫރު ކުޅުންތެރިން މަގުމަތީގައި ތިބި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ބައެއް މީޑިއާތަކުން އެ ހަބަރު ވެސް ގެނެސްދިންތާ މާ ގިނައިރެއް ނުވެ ފުލުފުލުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ ޓްވީޓްތަކެއް ކުރެއްވި އެވެ.
ހޮނިހިރު ދުވަހުގެރޭ މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ ޕްރޮޓޮކޯލާ ހިލާފުވުމުން މިހިނދުން ފެށިގެން ބެންގަލޫރު ޓީމު ފުރައިގެން ދިއުމަށާއި މެޗު ވެސް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. އަދި އޭއެފްސީ އާއި އެފްއޭއެމާއި މަޝްވަރާ ކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޓްވީޓް ކުރެއްވި އެެވެ.
މީގެ ކުރިން ވެސް ރާއްޖޭން އޮތީ ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން މި މަހުގެ ކުރީކޮޅުގައި ވެސް އޭއެފްސީގައި އެދިފަ އެވެ. އެއީ މިނިސްޓަރު ވެސް އެދިވަޑައިގަތުމުން އެފްއޭއެމުން ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.
އެކަމަކު އޭއެފްސީން އެންގީ މުބާރާތުގައި ކުޅެން އެހާ ގާތްވެފައިވާ ގިނަ ކްލަބްތަކުންނާއި އޭއެފްސީން ދަތުރު ފަތުރުކުރުމާއި ހޮޓަލަށް ކުރާ ހަރަދާއި އެހެނިހެން ކަންކަން ވެސް ކޮށްފައިވާތީ ކުއްލިއަކަށް މުބާރާތް ފަސްކުރުން ވާނީ ކްލަބްތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށެވެ. ކަންތައްތައް އެހެން އޮތުމާ އެކު އޭއެފްސީ އަށް އަނެއްކާ މުބާރާތް ފަސްކޮށް ކްލަބްތަކަށް އިތުރު މާލީ ބުރައެއް އުފުލަން ނުޖެއްސޭނެ އެވެ.
އެކަމަކު މިނިސްޓަރުގެ އަވަސް ނިންމެވުންތަކާ އެކު ރާއްޖޭގައި މި ވަގުތު މެޗުތައް ނުބޭއްވޭނެކަން އެންގުމުން އޭއެފްސީ އަށް ވެސް އިތުރު ގޮތެއް ނެތިގެން މެޗުތައް ފަސްކުރަން ޖެހުނީ އެވެ. މެޗުތައް ކުޅެވޭނެ ކަމުގެ ޔަގީންކަން ދީފައި ބަދަލުކުރުމުން ޓީމުތަކުގެ އިތުރުން އޭއެފްސީން ވެސް ހިތްހަމަނުޖެހުނެވެ.
މީޑިއާ ރިޕޯޓްތަކުން އެނގޭ ގޮތުގައި އޭއެފްސީން މުބާރާތުގެ މެޗުތައް ފަަސްކުރަން އެންގިއިރު، ބަންގްލަދޭޝްގެ ބަޝުންދުރާ އިން ދިޔައީ މާލެ އަންނަން އެއާޕޯޓަށް ދިއުމަށް ޓީމު ބަހަށް އެރުމުގެ ތައްޔާރު ވަމުންނެވެ. އަދި އޭއެފްސީގެ ބައެއް އޮފިޝަލުން ރާއްޖެ އަންނަން ބޭރު ގައުމެއްގެ އެއާޕޯޓެއްގައި ވެސް ތިއްބެވެ.
މި ހުރިހާ ކަމެއް ކުއްލިއަކަށް ބަދަލުކުރަން ޖެހުނީ މިނިސްޓަރުގެ ކުއްލި ނިންމެވުމާ އެކު އެވެ. އޭއެފްސީ އަށް ވެސް ޝެޑިއުލްގައި ލިޔެފައިވާ މުއްދަތުގެ ކުރިން ދެން ގޮތްތަކެއް ނުހޯދޭނެތީވެ މި ގްރޫޕްގެ މެޗުތައް ފަސްކުރުން ނޫން ގޮތެއް ނުފެނުނީ އެވެ.
ބޮޑު ފުރުސަތު ގެއްލުނީ މާޒިޔާ އާއި އީގަލްސް އަށް
އޭއެފްސީން އަދި މި ގްރޫޕްގެ މެޗުތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެއް ނާޅަ އެވެ. އަލުން ރާއްޖޭގައި މި މުބާރާތް ކުރިއަށް ގެންދަން ބަލާއިރު، މި ފަހަރު ލިބިފައި އޮތްވަރުގެ ފުރުސަތެއް ދެން ނުލިބޭނެ އެވެ.
އޭއެފްސީން މުބާާރާތް ފަސްކުރަން ނިންމިއިރު، އީގަލްސް އާއި މާޒިޔާ ތިބީ ކޭމްޕް ކޮށްގެންނެވެ. އީގަލްސް ތިބީ ހޮޓަލް ޖެންގަ އެވެ. މާޒިޔާ ކޭމްޕްކުރީ ހުޅުމާލޭ އަކާސިއާ ގެސްޓް ހައުސްގަ އެވެ. އެ ދެ ޓީމުން ދިޔައީ ބަރާބަރަށް ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރަމުންނެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވެގެން އޭއެފްސީން އެންގީ ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިން ބާކީކޮށް އެނބުރި ގައުމަށް ފޮނުވާލުމަށް ފަހު ދެން ތިބި ކުޅުންތެރިން ލައިގެން ކުރިއަށް ދިއުމަށެވެ.

ބެންގަލޫރުގެ ކުޅުންތެރިން މާލޭ މަގުމަތީގައި.-- ފޮޓޯ: ސޯޝަލް މީޑިއާ
އެ ގޮތަށް ކުރިއަށްދިޔަނަމަ ބެންގަލޫރުގެ މުހިއްމު ދެ ކުޅުންތެރިއަކު އެ ޓީމު ދޫކޮށް ދާން ޖެހޭނެ އެވެ. އެ ހާލަތުގައި އެ ޓީމުން ކުޅެފިނަމަ ޕްލޭއޮފްގައި އެ ޓީމާ ދެކޮޅަށް ނަތީޖާ ނެރެ ގްރޫޕް ސްޓޭޖަށް ވަންނަން ރާއްޖޭގެ އީގަލްސް އަށް ބޮޑު ފުރުސަތެެއް އޮންނާނެ އެވެ.
އެކަމަކު މެޗުތައް ފަސްކުރުމުން ބެންގަލޫރާ ދެކޮޅަށް އޭއެފްސީން އަޅާނެ ފިޔަވަޅެއް ނޭގޭއިރު، ދެން މި މެޗު ކުޅޭނެ ދުވަހެއް އަދި ތަނެއް ވެސް ކަށަވަރެއް ނުވެ އެވެ. މި މެޗު ރާއްޖޭގައި ކުޅެން ދެން ނުލިބިއްޖެނަމަ އެއީ އީގަލްސް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބުނެފަ އެވެ.
ގްރޫޫޕް ސްޓޭޖުގައި އޮތް މާޒިޔާ އިން މި ފަހަރުގެ ސީޒަނުގައި ޖުމްލަ އެއްކޮށް އަށެއްކަ މިލިއަން ރުފިޔާ ހަރަދުކުރާއިރު، އޭގެ އެންމެ ބޮޑު ބޭނުމަކީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. އެ އަމާޒުގައި މަސައްކަތްކުރަން ބަލާއިރު މާޒިޔާއާ ވާދަކުރާނެ ކަމަށް ބެލެވޭ އެއް ޓީމަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ޓީމު ވެސް މި ދަނޑިވަޅުގައި އޮތީ ވަރަށް ބަލިކަށި ކޮށެވެ.
އެ ޓީމުން ރާއްޖެ އަންނަން ފުުރުމުގެ ކުރިން ކަލްކަތާގައި އެ ޓީމު ކޭމްޕްކޮށްގެން ތިބޭ ހޮޓަލުގައި ތިބެފައި ކުރި ކޮވިޑް ޓެސްޓްތަކުން ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެއިން އެއްވެސް ކުޅުންތެރިއަކަށް ރާއްޖެ އަށް ދަތުރެއް ނުކުރެވޭނެ އެވެ.
އަނެއްކޮޅުން އޭޓީކޭގެ އެއް ވަނަ ކީޕަރު އަރިންދަމް ބަޓަޗާރްޔާގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ ޓީމުގެ ކޭމްޕާ ވަކިވިއިރު، އެ ޓީމުގެ ސްޕެއިން ކޯޗާއި ބިދޭސީ ކުޅުންތެރިންނަށް ވެސް މުބާރާތަށް ޓީމާ ގުޅުމުގެ ފުރުސަތު އޮތީ ކުޑަވެފަ އެވެ. އެއީ އެ ކުޅުންތެރިން ތިބޭ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެވެ. އެ ކަންކަމާ ހުރެ އޭޓީކޭ އޮތީ މުބާރާތް ފަސްކުރަން ވެސް ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
"އެ ފަދަ ހާލަތެއްގައި ޓީމުތައް އޮތީ. އޮއްވައި ހަގީގަތުގައި ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިން ވަކިކޮށްފައި މުބާރާތް ކުރިއަށް ގެންދިޔަނަމަ މިއީ ދިވެހި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅެ އެއް ޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދާން ރަނުގެ ފުރުސަތެއް. އަލުން ކުޅޭއިރު ދެން މި ހާލަތެއް ނޯންނާނެ،" އޭއެފްސީ ކަޕްގައި ވާދަކުރާ ދިވެހި ޓީމެއްގެ އޮފިޝަލަކު "އަދަދު" އަށް ބުންޏެވެ.
ޖެހިޖެހިގެން ދެ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް މިދާގޮތުން ވަކިވަކި ޓީމުތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއްވާނީ މާޒިޔާ އާއި ބަޝުންދުރާ އަށެވެ. މި ދެ ޓީމު މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލްވުމުން ލިބުނު ބަދަލު ހޯދަން އޭއެފްސީ އަށް ހުށަހެޅުމުން އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. އަނެއްކާ މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ވެސް މިހެން ދިގުލާން ފެށުމުން އިތުރަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ. ދެ އަހަރަށް ރަނގަޅު ބަޖެޓެއްގެ ތެރެއިން ޓީމު އެކުލަވާލައިގެން ކުރާ މަސައްކަތުން ރަނގަޅު ކަމެއް ހާސިލްނުވެ ދިއުމުގެ ބިރު މިހާރު މި ދެ ޓީމަށް އެބައޮތެވެ.
ބެންގަލޫރުގެ އިތުރުން އެފްއޭއެމަށް ވެސް އަދަބެއްގެ ބިރު!
ބެންގަލޫރުން ޕްރޮޓޮކޯލް މުގުރާލި ކުޅުންތެރިންނަށް ހަރުކަށި އަދަބުދޭނެ ކަމަށް އެ ކްލަބްގެ އިސްވެރިން ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ. އެފްއޭއެމުން ވެސް ބެންގަލޫރަށް ފިޔަވަޅު އަޅައިދޭން އޭއެފްސީގައި އެދިފައިވާނެ ކަމަށް މީގެ ކުރިން "އަދަދު" އަށް ވަނީ ވިދާޅުވެފަ އެވެ.
ބެލެވޭގޮތުގައި ޕްރޮޓޮކޯލާ ހިލާފުވުމުން މީގެ ބެންގަލޫރަށް ޖޫރިމަނާއެއް އަންނައިރު، ރާއްޖޭން (އެފްއޭއެމުން) ވެސް ޖޫރިމަނާއެއް ދައްކަން ޖެހުމުގެ ކޮންމެ ވެސް ވަރެއްގެ ފުރުސަތެއް އެބައޮތެވެ. އެއީ އޭއެފްސީގެ މުބާރާތެއް ހޯސްޓްކުރުމުގެ ޔަގީންކަން ތަކުރާރުކޮށް ދިނުމަށް ފަހު އޭއެފްސީއާ އެކު ފުރިހަމަ މަޝްވަރާއެއް ކުރުމެއްނެތި ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުކުރަން އެންގުމުންނެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި މިނިސްޓަރު މަހުލޫފް ވެސް ވަނީ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ނުބޭއްވިއްޖަނަމަ އޭއެފްސީގެ އަދަބެއް ރާއްޖެ އަށް އައުން ނޫނީ ރާއްޖޭގެ ކްލަބްތަކަށް މި މުބާރާތް ގެއްލުން ކަހަލަ ކަންކަން ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މީގެ ކުރިން އަދަދު އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މީގެ ކުރިން އޭއެފްސީގެ މުބާރާތްތައް ހޯސްޓް ކުރަން ބިޑް ކާމިޔާބު ކުރުމަށް ފަހު މުބާރާތް ފެށެން ކުޑަވަގުތު ކޮޅަކަށް ވެފައި ވަނިކޮށް މުބާރާތް ފަސްކުރަން ނިންމާ ގައުމުތަކަށް އޭއެފްސީގެ ފުރުސަތުތައް ލިބުމުގައި ހުރަސްތަކެއް މެދުވެރިވެ އެވެ.
އެފްއޭއެމާއި އީގަލްސް އާއި މާޒިޔާ އިން އަދިވެސް އުއްމީދުކުރަނީ މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖެ އަތުން ނުނަގައި ކުރިއަށްދެވޭނެ ގޮތެއް ވުމަށެވެ. އޭއެފްސީން ކުރިއަށް އޮތް ހަތަރު ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމާނެކަން އެނގިފައިވެ އެވެ.
މެޗުތައް ކުޅުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތަކަށް ފަހު އެވެ. އެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހަމަޖައްސާފައިވަނީ ޗައިނާގަ އެވެ.
އޭއެފްސީން ވަނީ މި މަހު ހޮންކޮންގް ގައި ކުޅެން އޮތް އޭއެފްސީ ކަޕްގެ ގްރޫޕެއްގެ މެޗުތައް ވެސް އަންނަ މަހު ފަހު ކޮޅަށް ފަސްކޮށްފަ އެވެ. އެއީ ވަރަށް ދުރާލާ ހޮން ކޮންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރި މަޝްވަރާތަކަށް ފަހު އެވެ.
ލީގު ކަލަންޑަރަށް ބުރޫއަރާނެ، ސީޒަން ފުރިހަމަކުރެވޭނެތަ؟
އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރުމުން ރާއްޖޭގެ ސީޒަން ކަލަންޑަރަށް އަނެއްކާ ވެސް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. އެފްއޭއެމުން ލީގުގެ ދެ ވަނަ ބުރު ނިމުމުން ކްލަބްތަކަށް ފޮނުވި ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރު ފަށަން އޮތީ އަންނަ މަހު 21 ވަނަ ދުވަހު އެވެ.
އެކަމަކު އޭއެފްސީ ކަޕްގެ މެޗުތައް އަންނަ މަހުގެ ފަހުކޮޅަށް ފަސްކޮށްފިނަމަ ލީގުގެ ތިން ވަނަ ބުރު ވެސް ޖެހޭނީ ފަސް ކުރާށެވެ. އެހެންވެއްޖެނަަމަ ލީގުގެ ތިން ވަނަ ބުރު ފަށާނީ ގިނަ ޓީމުތަކަކަށް ދެ ވަނަ ބުރުގެ ކުޅުން ނިމުނުތާ ދެ މަސް ފަހުންނެވެ. މީގެ ސަބަބުން އަނެއްކާ ވެސް ނުކުޅެ ކުޅުންތެރިންނަށް ކްލަބްތަކުން މުސާރަ ދޭން ޖެހޭނެ އެވެ. އަދި ސީޒަން ދިގުލައި އިތުުރަށް ކްލަބްތަކުން ކުރަން ޖެހޭ ހަރަދު ބޮޑުވާނެ އެވެ.

މާޒިޔާގެ ހަމްޕު (ކ) މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މިދިޔަ ދެ ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ބޭއްވުނީ ލީގު އެކަންޏެވެ. އޭއެފްސީ ކަޕްގެ ސަބަބުން ސީޒަން ކަލަންޑަރަށް ގެންނަން ޖެހުނު މި ބަދަލުތަކާ އެކު ދެ އުފެދޭނެ އަނެއް ސުވާލަކީ އެފްއޭއެމުން އަމާޒުހިފާފައިވާ ގޮތަށް މި ފަހަރުގެ ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފުރިހަމަ ކުރެވޭނެތޯ އެވެ. މި އަހަރު ވެސް އެ ދެ މުބާރާތް ނުބޭއްވިއްޖެނަމަ މި ވެގެންދާނީ ސީޒަން ކަލަންޑަރު ފުރިހަމަ ނުކޮށް ޖެހިޖެހިގެން ނިންމާލާ ތިން ވަނަ ސީޒަނަށެެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި މި ވަގުތަށް ބެލިޔަސް ނޭޕާލާއި ބަންގްލަދޭޝްގައި ވެސް އަންނަނީ އެ ގައުމުގެ ލީގު ކުރިއަށް ގެންދަމުންނެވެ. އެއީ ފުޓްބޯޅަ އަކީ މިހާރު ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ނުދެކި ވިޔަފާރިއެއްގެ ގޮތުގައި ދެކެވޭތީ އެވެ. އޭއެފްސީ ކަޕް ފަސްކުރުމަކީ ކޮވިޑްގެ ހާލަތަށް ބަލާއިރު، ބައެއްގެ ވިސްނުމުގައި ރަނގަޅު ނިންމުމެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އޮތް ކަމުގައި ވިޔަސް ހަގީގަތުގައި ފަސްކުރުމުން މީގެ ގެއްލުނު ފުރުސަތުތަކާއި ލިބޭ ގެއްލުންތަކާ މެދު ވެސް ވިސްނާލުން އެއީ މުހިއްމު ކަމެކެވެ.











