މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖިމްތަކާއި ސެލޫންތައް ބަންދުކުރަން އަންގާފައި ވަނިކޮށް ހިދުމަތް ދޭ މައްސަލައިގައި ޝާމިލުވާ ވިޔަފާރިތައް ދެނެގަންނަން ފުލުހުން ނުކުމެއްޖެ އެވެ.
ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި ސިނަމާތަކާއި ސެލޫންތަައް ބަންދުކުރަން އެޗްޕީއޭއިން އެންގީ މޭ 7 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ބައެއް ތަންތަނުން ހިދުމަތްދޭ ކަމުގެ ޝަކުވާ މީޑިއާތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ރިޕޯޓް ކުރި އެވެ.
މިއަދު ވެސް ބައެއް ސެލޫންތަކުގައި ހިދުމަތްދޭ މަންޒަރު ފެނިގެން އެޗްޕީއޭއިން އަޅަނީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، މި ތަންތަން ހުޅުވާފައި ހުރި ކަމުގެ ޝަކުވާ ލިބިގެން ފުލުހުންނަށް ހުށައަޅައިގެން އެކަންކަން ބަލަމުންދާ ކަމަށެވެ. އަދި އިންސްޕެކްޝަންތަކަށް ފަހު ގަވާއިދާ ހިލާފުވީ ވިޔަފާރިތަކުގެ އަޕްޑޭޓެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
ވިޔަފާރިތަކާ ގުޅިގެން ހުށައެޅުނު ޝަކުވާތަކުގެ ތެރޭގައި ސެލޫންތަައް ހުޅުވައިގެންނާއި ބަންދު ބޯޑު އަޅުވައިގެން ވަގަށް ހިދުމަތްދޭ މައްސަލަތަކާއި ޖިމްތަކުން ހިދުމަތްދޭ މައްސަލަތައް ހިމެނެ އެވެ. ހާއްސަކޮށް އެ ތަންތަނުން ހިދުމަތް ހޯދާ ރެގިއުލާ ކަސްޓަމަރުންނަށް ހާއްސަ އިންތިޒާމްތަކެއް ދަށުން ހިދުމަތް ލިބެމުން އަންނަ ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުންޏެވެ.
މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން މި ތަންތަން ބަންދުކުރަން ނިންމީ މުއްދަތެއް ނެތް ގޮތަށެވެ. މިހާރު ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ފެންނަމުން އަންނަ އިރު، މި ނިންމުން ކައިރި މުސްތަގުބަލެއްގައި މުރާޖައާ ކުރާނެ ކަމަކަށް ނުބެލެވެ އެވެ.










