ރިޕޯޓުދެވަނަ ލޮކްޑައުނެއްގެ ބުރަ ވިޔަފާރިތަކަށް ނުއުފުލޭނެ

ދެވަނަ ލޮކްޑައުނެއްގެ ބުރަ ވިޔަފާރިތަކަށް ނުއުފުލޭނެ

މަޖީދީ މަގުގައި ހިންގާ ފިހާރަތަކެއް: އަނެއްކާވެސް މާލެ ލޮކްޑައުން ކުރަން އުޅޭ ކަމުގެ އަޑުތަކާއެކު ވިޔަފާރިވެރިންތިބީ މާޔޫސްވެފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މަޖީދީ މަގުގައި ހިންގާ ފިހާރަތަކެއް: އަނެއްކާވެސް މާލެ ލޮކްޑައުން ކުރަން އުޅޭ ކަމުގެ އަޑުތަކާއެކު ވިޔަފާރިވެރިންތިބީ މާޔޫސްވެފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ އަހަރު މާލެ ސަރަހައްދަށް ލޮކްޑައުނެއް އިއުލާނުކުރި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު، މިއަދާ ހަމައަށް ވެސް އެ ލިބުނު ގެއްލުމުން އަރައި ނުގަނެވޭ ވިޔަފާރިތައް ގިނަ އެވެ.

ލޮކްޑައުންގެ ދެ މަސް ދުވަހަށް ފިހާރަ ދޮރުގައި އެޅުވި ތަޅު ދާއިމީވި ވިޔަފާރިތައް ވެސް މަދެއް ނޫނެވެ. އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން އާރާސްތު ކުރި ވިޔަފާރިތަކާއި ފޮނި އުއްމީދުތަކެއްގައި އަލަށް ފަށައިގެން ރަނގަޅަށް ހިނގައި ނުގަނެވެނީސް ބަންދު ބޯޑު އަޅުވަން ޖެހުނު ވިޔަފާރިތަކުގެ ލިސްޓު ދިގެވެ.

މިއަދު އަނެއްކާވެސް ގައުމުގައި ކޮވިޑުގެ ހާލަތު ދުވަހަކު ނުވާވަރަށް ގޯސްވެ، ދެވަނަ ލޮކްޑައުނެއްގެ އިންޒާރުގެ ރަނގަބީލު ޖެހޭ އަޑު އިވުމުން ވިޔަފާރިވެރިން ތިބީ މާޔޫސްވެ ގޮތް ހުސްވެފަ އެވެ.

ފުރަތަމަ ލޮކްޑައުނުން ކިރިޔާ ސަލާމަތްވެގެން، އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވިގެން އުޅެނިކޮށް، ދެވަނަ ލޮކްޑައުނެއްގެ ބުރަ އުފުލޭނެ ހިތްވަރުނެތް ކަން އެނގޭތީ އެވެ.

ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ގޮންޖެހުން ބޮޑު

ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގައި ހުއްޓާލީ ކިތައް ވިޔަފާރި ކަމެއް އެނގޭނެ ދިރާސާއެއް ނެތެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމާ ގުޅިގެން ހެދިފައިވާ ދިރާސާތަކުގެ އަލީގައި ގިނަ ގައުމުތަކުގެ ޓްރެންޑްތައް ހުރި ގޮތަށް ބަލާ ނަމަ، ރާއްޖެއިން ވެސް އެންމެ ގިނައިން ބަންދުކުރަން ޖެހުނީ ހިދުމަތްދޭ ވިޔަފާރިތައް ނުވަތަ ސާވިސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކަމަށް ބެލެވެ އެވެ.

ހިދުމަތްދޭ ވިޔަފާރިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ގެއްލުންވީ ޓޫރިޒަމްގެ ހިދުމަތްތަކާއި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތަކާއި، ކާބޯތަކެތީގެ ހިދުމަތްދާ ވިޔަފާރިތަކުގެ އިތުރުން "ކްލޯސް ޕްރޮކްސިމިޓީ" ނުވަތަ ކައިރީގައި ތިބެގެން ހިދުމަތް ދޭން ޖެހޭ ވިޔަފާރިތަކަށެވެ.

ފފ
ފފ

މާލޭގައި ހިންގާ ސައި ހޮޓަލެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދުނިޔޭގެ އެެހެން ގައުމުތަކާ އަޅާ ކިޔާ އިރު ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ބޮޑުވީ ހިދުމަތްތަކަށް ބަރޯސާވެފައި އޮންނަ އިގުތިސޯދެއް އޮތުމުންނެވެ. ރާއްޖޭގައި މާ ބޮޑު މެނުފެކްޗަރިން އިންޑަސްޓްރީއެއް ނޯންނާތީ ގައުމަށް ވަންނަ ބޮޑު އާމްދަނީއެއް އޮންނަނީ ހިދުމަތްތަކާ ގުޅިފަ އެވެ. އެ އާމްދަނީގެ ތިން ބައި ކުޅަ ދެ ބައި އާމްދަނީ ލިބެނީ ޓޫރިޒަމާއި ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކުންނެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަކީ، ރީޓެއިލް ވިޔަފާރިތައް ނަގާފައި އެންމެ ގިނަ އަދަދެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހަރަކާތްތެރިވާ ދާއިރާ އެވެ. ލޮކްޑައުން ކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުލާ ފަރާތްތަކުގެ ތެރޭގައި އެ ވިޔަފާރިވެރިން ހިމެނެ އެވެ.

މާލޭގައި ދެ ރެސްޓޯރަންޓެއް ހިންގާ ވިޔަފާރިވެރިޔަކު "އަދަދު" އަށް ބުނީ އެންމެ ކަންބޮޑުވަނީ މިހާރު ނަގާފައި ހުރި ލޯނު އަނބުރާ ނުދެއްކި ވިޔަފާރިތައް ބަގުރޫޓު ވެދާނެތީ އެވެ.

"ކުރިން ވެސް ބަންދުކޮށްގެން ކުލި ދައްކަން ޖެހުނީ ލޯނު ނަގައިގެން. ކެފޭތައް މި ހިންގަނީ އަމިއްލަ ބިމަކު ނީން. ތަންތަން ކުއްޔަށް ނަގައިގެން. ފަހުން އެޗްޕީއޭއިން ބުނެގެން ތަން ކުޑަ ވަގުތުކޮޅަކަށް ހުޅުވައިގެން ނުލާހިކު ގެއްލުން ލިބުނު" އޭނާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ދެން ލޮކްޑައުންކޮށްގެން އޭނާއަކަށް އިތުރު ދަރަނިތަކެއް ބޮލުގައި އަޅައިގެން ވިޔަފާރިއެއް ނުހިންގޭނެ އެވެ. އަދި ލޮކްޑައުންއަކަށް ދަންޏާ ސަރުކާރުން ވިޔަފާރިވެރިންނަށް ގޮތްތަކެއް ހޯދައިދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި މި ކަންބޮޑުވުން ހުރިހާ ވިޔަފާރިވެރިން ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ކަންބޮޑުވުން ހިއްސާކުރާ ވިޔަފާރިތަކުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ޖިމްތަކާއި ސެލޫންތައް ހިމެނެ އެވެ.

އިގުތިސޯދީ ކުރިއެރުމަށް ގޮންޖެހުން

މި އަހަރު ފެށުނީއްސުރެން ކޮންމެ މަހަކު އަންދާޒާ ކުރި ވަރަށް ވުރެ ދައުލަތުގެ އާމްދަނީ ރަނގަޅެވެ. ސަބަބަކަށްވީ ކޮވިޑަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ގަންނަން ފެށުމާއި، އެއާ ވިދިގެން ރީޓެއިލް ސެކްޓާ އާއި އެހެނިހެން ވިޔަފާރި ހަރަކާތްތަކުގެ އާމްދަނީ ރަނގަޅު ވުމުންނެވެ.

ނަމަވެސް ލޮކްޑައުން ކޮށްގެން ދަތުރުފަތުރު ހުއްޓުވާލައިގެން އިގުތިސޯދަށް ހޯދުނު ކުރިއެރުން ހުއްޓުމުގެ ބިރު އެބައޮތެވެ. ހާއްސަކޮށް މިދިޔަ އަހަރު ބޮޑު ގެއްލުމެއް ލިބުނު ކޮންސްޓްރަކްޝަން ސިނާއަތަށް މި ބިރު ބޮޑެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (އެމްއޭއެންއޭސީ)އިން އަންދާޒާ ކުރީ މިދިޔަ އަހަރު އެ ސިނާއަތަށް 617 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށެވެ. ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތުން ލޮކްޑައުނަށް ދާން ބޭނުން ނުވަނީ އެހެންވެ އެވެ.

"ސަޕްލައި ޗޭނަށް ބުރޫ އަރާނެ. އަތޮޅު ތެރޭގައި ހުރި ޕްރޮޖެކްޓްތަކަށް އޭގެ ސަބަބުން ބުރޫ އަރާނެ. މިހާރު ވެސް ބޭންކުން ލޯނެއް ނަގައިގެން މިއުޅެނީ މިދިޔަ އަހަރު މަސައްކަތް ހުއްޓާލަން ޖެހިގެން މުވައްޒަފުންގެ ހަރަދުތައް ހަމަޖައްސަން. އެ ދައްކަން ފަށައިގެން މި އުޅެނީ އަނެއްކާ" ހުޅުމާލެ އާއި މާލެ އަތޮޅުގެ ދެ ރަށެއްގައި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

މިދިޔަ އަހަރު ތެރޭގައި ދިން ލޯން މޮރަޓޯރިއަމް އަދި ވިޔަފާރި އެހީ ލޯނު ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް ލިބުނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފިނޭންސް ކުންފުނިތަކުން އެކަނިވެސް 1.1 ބިލިއަން ރުފިޔާގެ އިމާރާތްކުރުމުގެ ދާއިރާއަށް ފަސްކޮށްދިނެވެ.

އަދި ބީއެމްއެލް މެދުވެރިކޮށް އިތުރު 35.5 މިލިއަން ރުފިޔާގެ ލޯނު ދެއްކުން ފަސްކޮށްދީ، އިތުރު 70 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. އަދި އިސްލާމިކް ބޭންކުން އިތުރު 59 މިލިއަން ރުފިޔާގެ ލޯނު ދެއްކުން ފަސްކޮށް ދިނެވެ.

ނަޝީދަށް މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ، ފަރުވާ އަށް ޖަރުމަނަށް
ނަޝީދަށް މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ، ފަރުވާ އަށް ޖަރުމަނަށް

މާލޭގައި ހިންގާ ފައިވާން ވިއްކާ ފިހާރައެއް: ކޮވިޑާހެދި ގިނަ ވިޔާފާރިތަކެއް ވަނީ ބަނގުރޫޓުވެފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފަސްކުރި ލޯނުތަކާއި، އަލުން ނެގި ލޯނުތައް މި އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހިފައިވާ އިރު، ބޭންކުތަކުން އޮތީ އިތުރު މޮރަޓޯރިއަމްއެއް ދޭ ގޮތަކަށް ނޫނެވެ. މިފަހުން އެސްއެމްއީތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ބެލި މައްސަލައަކަށް ފަހު، އެ ކޮމިޓީން ވެސް ވަނީ އިތުރު މޮރަޓޯރިއަމްއަކުން ބޭންކުތަކަށާއި އިގުތިސޯދަށް ލިބޭނެ ގެއްލުމަށް ބަލާފައި، ބޭންކުތަކުން ދެކޭ ގޮތަށް ތާއީދުކޮށް ކޮމިޓީ ރިޕޯޓް ފާސްކޮށްފަ އެވެ.

ކަންމަތީ ފިހާރައެއް ހިންގާ މީހެއް ކައިރީގައި ލޮކްޑައުންއަކުން ވިޔަފާރިއަށް އަސަރުކުރާނެތޯ އެހުމުން އޭނާ ބުނީ ޑެލިވަރީކޮށްލައިގެން ކުރިންވެސް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށެވެ. ނަމަވެސް ޑެލިވަރީ އާއި ސަޕްލައި ކަންކަން ހިންގަން ޖެހޭތީ އިތުރަށް ބުރަ ވާނެ ކަމަށް އޭނާ ބުންޏެވެ. ލޮކްޑައުން އޭނާއަކަށް މައްސަލައަކަށް ނުވި އެވެ.

ނަމަވެސް ހެދުން ފިހާރަތަކާއި، އެހެނިހެން ސާމާނު ވިއްކާ ވިޔަފާރިވެރިންނަށް ލޮކްޑައުން ކަމަކު ނުދެ އެވެ.

ހައްލެއް އެބައޮތް، މޮޑަރޭޓަޑް ލޮކްޑައުނެއް

ރާއްޖޭގެ އިގުތިސޯދު ދިރާސާކުރައްވާ އާތިފް ޝަކޫރް ވިދާޅުވީ، ޓޯޓަލް ލޮކްޑައުނަކަށް ދިޔުން ބުއްދިވެރި ނޫންކަމަށެވެ. ނަމަވެސް މިހާރު ކޭސްތަކުގެ އަދަދުތައް ހުރި ގޮތުން ލޮކްޑައުނަކަށް ދާން އޭނާ ވެސް ތާއީދުކުރެއްވި އެވެ. އެކަމަކު، ހުށަހެޅުއްވީ އިންތިޒާމުކުރެވިގެން ތަރުތީބުކުރެވިގެން ހިންގޭ "މޮޑަރޭޓަޑް" ލޮކްޑައުންއެކެވެ.

"ކުރީގެ ތަޖުރިބާގެ އަލީގައި މިހާރު ހުންނާނެ ޑޭޓާ. ހުރިހާ ވިޔަފާރިއެއް ހުއްޓުވާލައިގެން ޓޯޓަލް ލޮކްޑައުންއަކަށް ދިޔުމަށް ވުރެ ރަނގަޅީ މޮޑަރޭޓަޑް ލޮކްޑައުންއަކަށް ދިޔުން. އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް ވިޔަފާރި ހަރަކާތްތައް ހިންގޭ ގޮތަށް" އާތިފް ވިދާޅުވި އެވެ.

ކުރިން ދިޔަ ކަހަލަ ލޮކްޑައުނަކަށް ދިޔުމުގެ ސަބަބުން އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު މާ ބޮޑަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޕޮލިސީ ލެވަލްގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ، ޓޯޓަލް ލޮކްޑައުންއަކަށް ދިޔުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ހާއްސަކޮށް ބޯޑަރު ބަންދުކުރުން ފަދަ ފިޔަވަޅުތައް ނާޅާ "ކުރިއަށް ވުރެ މެނޭޖްކޮށްގެން މިކަން ވާނެ ގޮތެއް މި ބަލަނީ" ކަމަށް ވިދާޅުވި އެވެ.

ކޮންމެއަކަސް ސަރުކާރުން އަދި ލޮކްޑައުން ކުރަން ނުނިންމި ނަމަވެސް، ކޮވިޑް ބަލިމަޑުކަން ފެތުރޭ ރޭޓުގެ ސަބަބުން ރާއްޖޭގެ ހޮސްޕިޓަލުތަކަށް ނުކަތައިގެން އުޅޭއިރު އެ ގޮތަށް ނިންމަން މުޖުބޫރުވުމުގެ ފުރުސަތު ބޮޑެވެ.

ސިއްހީ މާހިރުންނާއި ގޮތް ނިންމާ ބޭފުޅުން ކޮންމެ ދުވަހަކު ދޭ އިންޒާރަކީ އެއީ އެވެ. ނަންބަރުތައް ތިރިނުވެއްޖެ ނަމަ ލޮކްޑައުން ކުރުން ނޫން ގޮތެއް ނޯންނާނެ ކަމެވެ.

ފުރަތަމަ ތަޖުރިބާއިން އެނގޭ ކަމަކީ، މުޅި ގައުމު އެކީގައި ލޮކްޑައުން ކޮށްގެން އިގުތިސޯދަށް ގެއްލުން ބޮޑު ކަމެވެ. އޭރު ވެސް އެހީ ލިބުމާއި ލޯނު ނެގުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން އެތައް ގެއްލުމެއް ލިބިގެން ދިޔަ އިރު، ވިޔަފާރިވެރިން ތިބީ ސަރުކާރުން މިކަމުގައި ދުރާލާ ގޮތްތަކެއް ނިންމާފައި ނޫނީ ލޮކްޑައުންއަކަށް ނުދާނެ ކަމުގެ އުއްމީދުގަ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox