ކޮވިޑް19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ގޮތުގައި، އެ ބަލީގައި މަރުވީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. އެ މީހާ ނިޔާވީ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
މިއީ މި ބަލީގައި މަރުވި 85 ވަނަ މީހާ އެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ އުމުރުން 51 އަހަރުގެ އަންހެނަކު މަރުވެފަ އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި މީގެކުރިން ގޯސް ނުވާ މިންވަރަށް ގޮސްފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގެ ހިސާބުތަކަށް ބަލާއިރު މީގެ ކުރިން ނަގާފައި ހުރި ނަތީޖާ ނުލިބޭ ސާމްޕަލާ އެކު 1091 މީހުންނަށް ބަލި ޖެހިފައިވެ އެވެ.

ކޮވިޑުގައި ރާއްޖެ އިން އެކި އުމުރުފުރައިގެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދާތީވެ، އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ގައި ދުރުކުރުމަށާއި މާސްކް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ހަލުވި ކަމާއި އެކު ބަލި ފެތުރެމުންދާއިރު، ޖުމްލަ 32 ރަށެއް މިހާރު ވެސް އޮތީ އަރައިފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގަ އެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި ކޮންމެ ރެއަކު ނުވައަކުން ފަތިހު ހަތަރަކަށް ކާފިއު ދަނީ ހިންގަމުންނެވެ.













