ރިޕޯޓުއާ ސްޓްރެއިންއާ އެކު ކުޑަކުދިންނަށް ނުރައްކާވުމުގެ ފުރުސަތު!

އާ ސްޓްރެއިންއާ އެކު ކުޑަކުދިންނަށް ނުރައްކާވުމުގެ ފުރުސަތު!

ރޯދަ މަހުގެ ހަވީރުގެ ވަގުތެއްގައި ކުޑަ ކުދިން މަޑި އަރުވަން ނުކުމެ. ކޮވިޑުގެ ކޭސްތައް ގިނަވެ، އާ ސްޓްރެއިންއެއް އުފެދިފައިވާ ކަމަށް ބެލެވޭއިރު، އޭގެ ސަބަބުން ބަލިން ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ރޯދަ މަހުގެ ހަވީރުގެ ވަގުތެއްގައި ކުޑަ ކުދިން މަޑި އަރުވަން ނުކުމެ. ކޮވިޑުގެ ކޭސްތައް ގިނަވެ، އާ ސްޓްރެއިންއެއް އުފެދިފައިވާ ކަމަށް ބެލެވޭއިރު، އޭގެ ސަބަބުން ބަލިން ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"މިއަދު ދޫކޮށްލަ ދޭނަން ދޯ، އަހަރެންގެ އަދި ހުންނާނެ އެހެން ކުޑަ ބޭބީއެއް ވެސް. މިހެން އެކަނި އޮވެ އޮވެ ހަލާކުވެއްޖެ،" މިއީ މިދިޔަ ފެބްރުއަރީ މަހު ކޮވިޑު ޖެހިފައި ހުއްޓާ ވިހެއި މަންމައަކު ޑރ. އަހްމަދު ފައިސަލް ކައިރީގައި ކުރި އާދޭހެވެ.

ކޮވިޑުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ބަޔަކީ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކެވެ. ބަލީގެ ސަބަބުން ކޮމްޕްލިކޭޝަން އައުމުގެ ނުރައްކާ ކުދިންނަށް ކުޑަ ނަމަވެސް، އެހެނިހެން ގޮތް ގޮތުން އެތަކެއް ނޭދެވޭ އަސަރެއް ކުރެ އެވެ.

"އެޑަލްޓް ނަމްބާޒް ބޮޑުވާ ވަރަކަށް ކުޑަކުދިންނަށް ވެސް އޭގެ އަސަރު ކުރާނެ ކޮންމެ ގޮތެއް ވިޔަސް،" ކުޑަކުދިންގެ ހާއްސަ ޑރ. ފައިސަލް ވިދާޅުވި އެވެ.

މި ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިހަން ގެންދާ ކޮންމެ މީހަކު ވެސް ޓެސްޓު ކުރެ އެވެ. ޕޮޒިޓިވް ވެއްޖެ ނަމަ މަންމަ އޮންނަން ޖެހެނީ ތުއްތު ދަރިފުޅާ ވަކިންނެވެ. ނަތީޖާއެއްގެ ގޮތުން އުފަންވާ ދަރިފުޅާއި މައި މީހާއަށް އެންމެ މުހިއްމު "ފުރަތަމަ ވަގުތުކޮޅުން" މަހްރޫމް ވަނީ އެވެ.

ތުއްތު ކުދިންނަށް ހާއްސަ އައިޖީއެމްއެޗުގެ އެންއައިސީޔޫ.-- ފޮޓޯ: ޑރ. އަހްމަދު ފައިސަލް / ޓްވިޓާ
ތުއްތު ކުދިންނަށް ހާއްސަ އައިޖީއެމްއެޗުގެ އެންއައިސީޔޫ.-- ފޮޓޯ: ޑރ. އަހްމަދު ފައިސަލް / ޓްވިޓާ

ތުއްތު ކުދިންނަށް ހާއްސަ އައިޖީއެމްއެޗުގެ އެންއައިސީޔޫ.-- ފޮޓޯ: ޑރ. އަހްމަދު ފައިސަލް / ޓްވިޓާ

މައިންނާއި ތުއްތު ކުދިން ވަކިން އޮންނަން ޖެހުން ޑރ. ފައިސަލް ސިފަކުރެއްވީ "އުނދަގޫ ކަމެއްގެ" ގޮތުގަ އެވެ. ދަރިފުޅާއި މަންމައަށް ވެސް އަޅާލުން ބޭނުންވާ އެ ވަގުތުކޮޅުގައި އާއިލާއަށް ކޮށްދެވޭނެ ކަމެއް ނޯވެ އެވެ.

"އެއީ ފެމިލީގެ ޕްރޮޓެކްޝަނަކަށް، ފެމިލީއާ ވަކިން، ދެން މަންމަ އާއި ބޭބީއާ ވަކިން މި އޮންނަން ޖެހެނީ. މިސާލަކަށް ބޭބީ ރީނދޫ ވިޔަސް، އަދި ކޮވިޑާ ނުގުޅޭ ކަންކަމާ ހެދި ގިނަ ފަހަރަށް ބޭބީ ބާއްވަން ޖެހެނީ. އެކަމަކު ވާ ގޮތަކީ މަންމަ ޕޮޒިޓިވް ވީމަ މަންމައާ ކައިރިއަކަށް ނާދެވޭނެތާ އެހެން މީހުންނަކަށް. އަނެއްކާ ބާއްވަން ޖެހެނީ އައިސޮލޭޝަނުގައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ކޭސްތައް ގިނަވާ ވަރަކަށް މައިންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތަކަށް ބުރޫ އަރަ އެވެ. އެގޮތުން ކޮވިޑް ފެސިލިޓީތަކަށް ބާރު ބޮޑުވެ، ޑޮކްޓަރުންނާއި ނަރުހުން ގެންދަން ޖެހުމުން ހޮސްޕިޓަލުގައި ފޯރުކޮށްދޭ އާއްމު ހިދުމަތުގެ ފެންވަރަށް އަސަރު ކުރެ އެވެ.

"ރޭޓު މަތިވާ ވަރަކަށް، ކޮވިޑަށް ފޯކަސް މި ވަނީ. އެކަމަކު ކޮވިޑު ނޫން އެހެން ބައިވަރު ސާވިސްތަކަށް އޭގައި ބުރޫ އަރާނެ... ވޯޑުގައި ތިބޭ ނަރުހުންނާއި ޑޮކްޓަރުން ވެސް މަދުވާނެ. މަދުވާ ވަރަކަށް ސާވިސް ދަށްވާނެ. ސާވިސް ދޭން ޖެހޭ ވަރަކަށް ނުއެއް ދެވޭނެ. އެހެންވީމަ މުޅި ސިސްޓަމަށް އިފެކްޓް ކުރާނެ ކޮވިޑާ ހެދި،" ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ.

ކުދިންގެ އަދަދުތައް މައްޗަށް، މި ވަނީ ކިހިނެއް؟

ކޮވިޑުގެ ތިން ވަނަ ރާޅެއް ކުރިމަތިވެފައިވާ ރާއްޖޭގެ ކޭސްތައް އިތުރުވަމުންދާ ވަރަކަށް ކުޑަކުދިން ޕޮޒިޓިވްވާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

"ކޮވިޑް-19 ކޭސްތައް މި ދުވަސްވަރު އިތުރުވަމުން ދާއިރު، އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ހަމަ ކުޑަކުދިންގެ ނަންބަރުތައް ވެސް އިތުރުވަމުންދާކަން. މިގޮތުން ގާތްގަނޑަކަށް 70 ނުވަތަ 80 ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. މިއީ 10 އަހަރުން ދަށުގެ. އަދި އެއް އަހަރުން ދަށުގެ ހަތަރު ކުދިން ނުވަތަ ފަސް ކުދިން އެބަ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވޭ،" ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ނަމަވެސް ޑރ. ފައިސަލް ވިދާޅުވީ މިއީ "އޯވަރޯލްކޮށް ގިނަވާތީ" ފެންނަ އިތުރުވުމެއް ކަމަށާއި ނިސްބަތުން ބަލާއިރު ކުޑަކުދިންގެ ކޭސްތައް ގިނަ ނޫން ކަމަށެވެ.

"ކުރިން ވެސް ގިނަވާ ރޭޓުގައި ކުދިންގެ ކޭސްތައް ގިނަވަމުން ދަނީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

އާ ސްޓްރެއިންއެއް، ކުދިންނަށް ކޮން އަސަރެއް؟

އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ ޓެސްޓްތަކުގެ ނަތީޖާ ނުލިބޭތީ، ރާއްޖޭގައި އާ ސްޓްރެއިންއެއް އުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އިއުލާނު ނުކުރި ނަމަވެސް ކްލިނިކަލީ ބަލާއިރު ބަލީގެ އާ ސްޓްރެއިނެއް މި ވަގުތު ރާއްޖޭގައި އުޅޭ ކަމަށެވެ.

"މިއީ ޔަގީނުން ވެސް އާ ސްޓްރެއިންއެއް. ފެންނަ ފެނުމަށް މާ ހަލުވިކޮށް ބަލި ޖައްސުވާ. ފުއްޕާމެއަށް މާ ބޮޑަށް އަސަރު ކުރޭ. މާ އަވަހަށް ހާލަތު ގޯސް ވޭ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

ކޮވިޑު ޖެހިފައިވާ މީހެއްގެ ފުއްޕާމޭގެ އެކްސްރޭ ފޮޓޯއެއް.-- ފޮޓޯ: ޑރ. މުހައްމަދު އަލީ / ޓްވިޓާ
ކޮވިޑު ޖެހިފައިވާ މީހެއްގެ ފުއްޕާމޭގެ އެކްސްރޭ ފޮޓޯއެއް.-- ފޮޓޯ: ޑރ. މުހައްމަދު އަލީ / ޓްވިޓާ

ކޮވިޑު ޖެހިފައިވާ މީހެއްގެ ފުއްޕާމޭގެ އެކްސްރޭ ފޮޓޯއެއް.-- ފޮޓޯ: ޑރ. މުހައްމަދު އަލީ / ޓްވިޓާ

ސްޓްރެއިންތަކުގެ ސަބަބުން ކުދިންނަށް ބަލި ޖެހުން އިތުރުވެ، ހާލަތު ގޯސްވުމަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ރާއްޖެއިން އަދި މި މަންޒަރު ނުފެންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

"ނަމަވެސް އެއީ ވެދާނެ ގޮތެއް ސްޓްރެއިންތައް ތަފާތު ވީމަ އެހެން ވެދާނެ. އެކަމަކު އަދިއެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"ކުދިންގެ ސީރިއަސް ކޭސް ނުފެނޭ، އެކަމަކު ނުފެންނާނެއެކޭ ނޫން!"

ރާއްޖޭގައި މިހާތަނަށް ކޮވިޑުގައި ހާލު ސީރިއަސްވެ، ފުރާނަ ގެއްލިފައި ވަނީ ގިނައިން އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް އާ ވޭރިއެންޓުތައް އުފެދި މުޖުތަމައުގެ ތެރޭގައި ބޮޑަށް ފެތުރި ގަނެ ސްޓްރެއިންއަކަށް ބަދަލުވުމުން ބަލީގެ ސަބަބުން ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

"ދުވަސްވީ މީހުންނާ އަޅާ ބަލާއިރު ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށް ކަމުގައި ވިޔަސް މިއީ ނުވާނެ ކަމެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ،" ޓެގް ޓީމުގެ ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވެސް ވިދާޅުވީ މިހާތަނަށް ކުދިންގެ މެދުގައި ސީރިއަސް ކޭސް ނުފެނުނު ނަމަވެސް ކުރިމަގަށް ވިސްނާ ސަމާލުވާން ޖެހޭ ކަމަށެވެ.

ސީރިއަސް ކޭސްތައް އަސްލުގައި ކުޑަ ކުދިންގެ ތެރޭގައި ނުފެނޭ އަދިއެއް އިރާދަކުރެއްވިއްޔާ. އެކަމަކު ނުފެންނާނެއެކޭ ނޫން. އަބަދުވެސް ވޭރިއެންޓްސް ތަފާތުވީމަ ތަފާތު އާދޭ. -- ޑރ. އަހްމަދު ފައިސަލް

ޑރ. ފައިސަލް ވިދާޅުވީ ކުދިން ރައްކާތެރި ކުރުމަށް އަޅަން ޖެހެނީ ހަމަ އާދައިގެ މަތިން އަޅާ ފިޔަވަޅުތައް ކަމަށެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވުމާއި މާސްކު އެޅުން ފަދަ ކަންކަމަށް އިސްކަން ދޭން ޖެހެ އެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބޭކާރު އެއްވުންތައް ނުބޭއްވުމެވެ.

"ކުޑަކުދިންނަށް [ބަލި] ޖެހެނީ ބޭރުން ގެނެސްގެން ގެޔަށް ވައްދައިގެން. ނޫނިއްޔާ ހަމަ އަންނެސެސަރީކޮށް މި ބާއްވާ ޕާޓީތަކާއި ދާ ތަންތަން، ފަތަން ދިޔުން ނޫނީ ދަތުރު ދިޔުން ކަހަލަ އަންނެސެސަރީ އެއްޗެހިން ކުޑަކުދިންނަށް މި ޖެހެނީ. އެއީ ކޮންމެ ގޮތެއް ވިޔަސް ޕްރިވެންޓް ކުރެވޭނެ އެއްޗެހި،" ފައިސަލް ފާހަގަކުރެއްވި އެވެ.

މާލޭގެ ސްވިމިން ޓްރެކަށް ކުދިންތަކެއް ޖަމާވެފައި.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު
މާލޭގެ ސްވިމިން ޓްރެކަށް ކުދިންތަކެއް ޖަމާވެފައި.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގެ ސްވިމިން ޓްރެކަށް ކުދިންތަކެއް ޖަމާވެފައި.-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޑރ. ނަޒްލާ ވެސް އެދިވަޑައިގެންނެވީ ކުދިންގެ ރައްކާތެރިކަމަށްޓަކައި ގޭގައި ތިއްބެވުމަށެވެ.

"އެހެންވީމަ މިގޮތަށް ނަންބަރުތައް އިތުރުވަމުން ދާއިރު، އަޅުގަނޑުމެންގެ ދަރިންގެ ރައްކާތެރިކަމަށްޓަކައި ވެސް އެންމެން ވެސް ގޭގައި މަޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox