މި ސަރަހައްދުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޮސްވުމާ ގުޅިގެން، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން މަނާކޮށްފި އެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު އާންމުކުރި އިއުލާނެއްގައި އެޗްޕީއޭން ބުނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަނގަންދެން ވަޒީފާ އަދާކުރަން ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުންއައުން މަނާ ކޮށްފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ދެކުނު އޭޝިއާ އިން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށް ރަށަށް ދިއުން ވެސް ވަނީ މަނާ ކޮށްފަ އެވެ.
ކޮވިޑް ކޭސްތައް ކުއްލިއަކަށް ގިނަވުމާ ގުޅިގެން އެކި އެކި ގައުމުތަކުން ވަނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ.
އޭގޮތުން އޭޝިއާގެ ހަތަރު ގައުމަކުން މެލޭޝިއާއަށް ދަތުރުކުރުން ވަނީ މަނާ ކޮށްފަ އެވެ.

މި ސަރަހައްދުގެ އެންމެ ހާލަތު ގޯސް ގައުމަކީ އިންޑިއާ އެވެ. އިންޑިއާ ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ އެވެ.
ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިންތިހާ އަށް ގިނަ ވުމާއި ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ. އެގެތެރޭގައި މާލެ ސަރަހައްދު އަދި ބައެއް ރަށްރަށުގައި ވަނީ ރޭގަނޑު ނުވައަކުން ފަތިހު ހަތަރަކަށް ކާފިއު ހިނގަން ފަށާފަ އެވެ.













