ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތިދުވަހުގެ ރޭ ގޮއްވާލި ބާރުގަދަ އައިއީޑީގެ ތެރެއަށް އަޅާފައިހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅަށް ވަދެ 11 ތަނެއްގައި ފުން ޒަހަމްތަކެއް ހުރި ކަން "އަދަދު" އަށް އެނގިއްޖެ އެވެ.
ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް 8:27 ގައި ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ.
އެމްއެންޑީއެފުން ބުނީ އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ސެކިއުރިޓީން ހާލު އެއްސެވުމުން "މެއާ ދިމާލަށް ތަދުވާ" ކަމަށް ވިދާޅުވި ކަމަށެވެ.
ނަޝީދު ހޮސްޕިޓަލަށް ގެންގޮސް ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އިއްޔެގެ ހަވީރާ ހަމައަށް ގިނަ ސާޖަރީތަކެއް ހެދި އެވެ. ހަށިކޮޅަށް ލިބުނު ޒަހަމްތަކާ ގުޅިގެން ސާޖަރީ ހަދަމުން އަންނަ ކަމަށް ބުންޏަސް އެމަނިކުފާނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ. ސަރުކާރުގެ ރަސްމީ އިދާރާއަކުން ވެސް އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް މިހާތަނަށް ސާފުކޮށެއް ނުދެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން އެންމެ ފަހުން ބުނެފައި ވަނީ ނަޝީދުގެ ބޮލާއި މޭގެ އިތުރުން ބަނޑާއިި އަތާއި ފަޔަށް ލިބިފައިވާ ޒަހަމްތަކުން ނަޝީދުގެ ފުރާނަސަލާމަތް ކުރަން 16 ގަޑިއިރުގެ ތެރޭގައި ސާޖަރީތަކެއް ހެދި ކަމަށެވެ.
"ރައީސް ނަޝީދުގެ ހާލު އަދިވެސް ކްރިޓިކަލް، އެމަނިކުފާނު އޮންނެވީ އިންޓެންސިވް ކެއާ ޔުނިޓްގައި،" އޭޑީކޭގެ އިއްޔެގެ ޓްވީޓްގައިވެ އެވެ.
އެމްއެންޑީއެފުން ރޭ އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސައިކަލުގައި ހަރުކޮށްފައި ހުރި އައިއީޑީ ގޮއްވާލުމުން އެއިން ކުއްލި ބާރަކާ އެކު ބުރައިގެން ދިޔަ ރޭޒާ ފުއްތައް އަމާޒުވީ ނަޝީދުގެ ހަށިކޮޅުގެ ވައަތްފަރާތަށެވެ.
އޭޑީކޭގެ އައިސީޔޫގައި ނަޝީދަށް ފަރުވާދެމުން އަންނައިރު އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން "އަދަދު"އަށް އެނގިފައިވާ ގޮތުގައި، އައިއީޑީ ގޮއްވާލުމާ އެކު ހަށިކޮޅު ތޮރުފާލައި، ފުންކޮށް 11 ދިމާއަކަށް އެ ރޭޒާ ފުއްތައް ވަދެފައި ހުއްޓެވެ. އެމަނިކުފާނު ރެއާ ހަމައަށް އޮންނެވީ ވެންޓިލޭޓަރުގަ އެވެ.
އެމަނިކުފާނު ހޭނައްތައިގެން ސާޖަރީތައް ކުރަން ޖެހުނީ މި ރޭޒާ ފުއްތައް ނަގާށެވެ. މި ޒަހަމުތަކުގެ ސަބަބުން ނަޝީދުގެ ސިއްހީ ހާލަތަށް ކުރާނޭ އަސަރެއް އަދި ސާފެއް ނުވެ އެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު މިހާރު 'ސްޓޭބަލް' ކަމަށާއި ދެން އޮތީ ރިކަވަރީ އެވެ.
އައިއީޑީއަށް މޮހޮރާއި ރޭޒާ ފުއްތައް އަދި ތޫނު އެތިކޮޅުތައް ލަނީ އެ ހަމަލާ އަމާޒުކުރާ މީހާ ނުވަތަ ބަޔަކަށް ލިބޭ ގެއްލުން ބޮޑު ކުރަން ކަން "އަދަދު"އާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވެފައިވެ އެވެ.
އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ބޭނުންކޮށްފައި ވަނީ ރޭޒާ ފުއްތަކެއް ކަމަށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހަމަލާއަށް ޝައްކު ކުރެވޭ ހަތަރު މީހަކު އެބަތިއްބެވެ.
އެމްއެންޑީއެފުން ބުނީ ނަޝީދަކީ ރާއްޖޭގެ އިސްވެރިންގެ ތެރެއިން އެންމެ ހައި ރިސްކު ބޭފުޅާ ކަމަށެވެ. އެމަނިކުފާނަށް އޮންނަ ނުރައްކާ އަބަދުވެސް ވަޒަންކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާ ކަމަށާއި ހަމަލާ އަމާޒުކުރިއިރު ވެސް ސެކިއުރިޓީ ލެވެލް މަތިކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމަށް އެމަނިކުފާނުގެ ކާރުކޮޅު ނުވެއްދޭތީ، އެ ތަނުގައި ސައިކަލްތައް ޕާކު ނުކުރެވޭ ގޮތަށް ހަދައިދޭން ކަމާބެހޭ ފަރާތްތަކުގައި ވެސް އެދުނީ ލިބޭ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަަމަށް ޝަމާލް ވިދާޅުވި އެވެ.
ނަޝީދު، ބުރާސްފަތިދުވަހުގެ ރޭ ގެކޮޅުން ނުކުމެވަޑައިގަތީ ކުރުނބާ ރިސޯޓުގައި އޮތް ބައްދަލުވުމަށް ވަޑައިގަތުމަށެވެ. ހިންގަވާފައި ކާރުކޮޅާ ހަމައަށް ދެ މިނިޓުން ފޯރިތަނާ އެކު އައިއީޑީ ގޮއްވާލުމުން ނަޝީދާއި ސެކިއުރިޓީންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. އެކަމަކު އެ މީހުންނަށް ފަރުވާދީފައި މިހާރު ވަނީ ދޫކޮށްލައިފަ އެވެ.












