ޕެރިސް (މެއި 8) - ފްރެންޗް ލީގުގައި ރޭ ލެންސް އަތުން 3-0 އިން މޮޅުވެ، ލިލް އިން 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ލީގުގައި ލިލް އަށް ބާކީ އޮތީ ދެ މެޗެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދެ ވަނައިގައި އޮތީ 35 މެޗުން 75 ޕޮއިންޓާ އެކު އެވެ. ބާކީ ދެ މެޗުން މޮޅުވެގެން ލިލް އަށް ޗެމްޕިއަންކަން ހޯދޭނެ އެވެ. އެހެންވެއްޖެނަމަ މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީ ނޫން ޓީމަކުން ލީގު ހޯދާނެ ދެ ވަނަ ފަހަރެވެ. ޕީއެސްޖީ ނޫން ޓީމަކަށް މިދިޔަ އަހަރުތަކުގައި ލީގު ހޯދުނީ 2017 ވަނަ އަހަރު މޮނާކޯ އަށް އެކަންޏެވެ.
ރޭގެ މެޗަށް ފަހު ލިލްގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ބާކީ އޮތް ދެ މެޗުން ވެސް ބޭނުމީ މޮޅެއް ކަމަށާއި ފަހަތުގައި އޮންނަ ޓީމަކަށް ވާ ގޮތެއް ބަލައިގެން ތަށި ހޯދަން އުޅުމަކީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށެވެ.
ލިލް އަށް ދެން އޮތީ 12 ވަަނައިގައި އޮތް ސެއިން އެޓިއެން އާއި 13 ވަނައިގައި އޮތް އެންޖާސްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.
ލެންސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިލް އަށް ލީޑުނަގައިދިނީ ހަތަރު ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް އެވެ. މިއީ އޭރިއާތެެރެއިން ލިލްގެ ޖޮނަތަން ބަމްބާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ލީގުގެ ހަ ވަނައިގައި އޮތް ލެންސަށް މި މެޗުގައި އެންމެ ބޮޑު މައްސަލަތަކެއް ދިމާވީ 35 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު އެ ޓީމުގެ ކްލެމެންޓް މިޗެލިން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ލެންސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 40 ވަނަ މިނިޓްގައި ޔިލްމާޒް ވަނީ ލިލްގެ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ލިލްގެ ތިން ވަނަ ލަނޑު ޖެހީ ޖޮނަތަން ޑޭވިޑް އެވެ.












