މާލެ ސަރަހައްދުގައި ހިންގާ ޑޭކެއާތަކާއި ޓިއުޝަންދޭ ތަންތަން މިއަދުން ފެށިގެން ބަންދުކޮށް، ކޮލެޖް އަދި ޔުނިވަސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އަންގައިފި އެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު އާންމުކުރި އިއުލާނެއްގައި އެޗްޕީއޭން ވަނީ، މާލެ ސަރަހައްދުގެ ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ކުދިން ހާޒިރުނުކުރުމަށް އަންގާފަ އެވެ. އަދި، ވަކި ގޮތެއް އަންގަންދެން މިހާރުން ފެށިގެން އެ އުސޫލަށް އަމަލުކުރުމަށް ވެސް އަންގާފައިވެ އެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އަންގާރަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ.
އެޗްޕީއޭން ބަންދުކުރަން އަންގާފައިވަނީ ގްރޭޓާ މާލެ އޭރިއާގެ ގޮތުގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ޑޭކެއާ ސެންޓަރުތަކާއި ޓިއުޝަން ސެންޓަރުތަކުގެ އިތުރުން ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކެވެ.
ކޮވިޑަށް މީހުން ޕޮސިޓިވްވާ މިންވަރު އިތުރުވެ، މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ކޭސް ރިޕޯޓްކުރާ އަދަދު ވަނީ 500 އަށް ވުރެ މައްޗަށް އަރާފަ އެވެ.

އެޗްޕީއޭން މިއަދު ވަނީ، ދަތުރުފަތުރުކުރާ މީހުން ކަރަންޓީނުގައި ތިބެންޖެހޭ މުއްދަތު ވެސް 10 ދުވަހުން 14 ދުވަހަށް ބަދަލުކޮށްފަ އެވެ.












