މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ އާ ރާޅެއް އުފުލެމުންދާއިރު، އެ ހާލަތު ކޮންޓްރޯލްކޮށް ފިޔަވަޅުތައް އަޅަން އަވަސް ކުރަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކޮށްފި އެވެ.
މިގޮތުން، ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިސްކޮށް ތިއްބަވާ ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗްއީސީސީ)ގެ ބައްދަލުވުންތައް ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބާއްވާގޮތަށް ވަނީ ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.
އެ ބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ، ދުވަލަކު އެއް ފަހަރު ޕޮލިސީ ބައްދަލުވުންތަކެއް ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އޮންލައިންކޮށް ބޭއްވޭ އެ ބައްދަލުވުންތަކުގައި އެޗްއީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ފެނުމަށްފަހު ހާލަތު ގޯސްވެގެން ލޮކްޑައުން ކުރި ދެ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އޮންލައިންކޮށް އޭރު އުފެއްދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއެކު ކޮންމެ ދުވަހަކު ޕޮލިސީ މީޓިންތައް ކުރިއަށް ގެންދަވައިފަ އެވެ.
ނަމަވެސް، އޭރު ނަމްބަރުތައް ތިރިވުމާއެކު، އެންއީއޯސީ އުވާލުމަށްފަހު ކޮވިޑުގެ އޮޕަރޭޝަންތައް ހިންގުމަށް އެޗްއީއޯސީ އުފެއްދި އެވެ.
އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައިމިވަނީ ކުރިން ނުވެއްޓޭހާ ގޯސް ހާލަތަކަށް ރާއްޖެ ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ކޮންމެ ދުވަހަކު އަލަށް ބަލި ޖެހޭ މީހުން ރެކޯޑް އަދަދުތަކުން އިތުރުވަމުން އައިސް، އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެ ނަމްބަރު 600 ހުރަސްކޮށްފަ އެވެ.
އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް މިހާރު އެ ބަލި އިންތިހާއަށް ފެތުރިފައިވާއިރު، މިވަގުތު 22 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ.
ބަލި ޖެހޭ މީހުންގެ ނިސްބަތާއެކު ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހެއް ދުވަހުން އިތުރުވަމުންނެވެ. މިހާރު ވެސް ބޮޑުވަރުވާ ބަލި މީހުންނަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
އަދި މިވަގުތު ރާއްޖޭ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހޮސްޕިޓަލުތައް ފުރި ގިނަ ބަޔަކަށް ފަރުވާނުދެވުމުގެ އިންޒާރު ވެސް ޑޮކްޓަރުން ވަނީ ދެއްވައިފަ އެވެ.












