އިންޑިއާގައި ކޮވިޑުގެ ތޫފާނެއް އުފެދުނީ ކިހިނެއް؟

އިންޑިއާގައި ކޮވިޑް ބަލި މީހަކަށް ހޮސްޕިޓަލް އެނދެއް ނުލިބިގެން ގޮނޑިއެއްގައި އޮކްސިޖަން ފަރުވާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގައި ކޮވިޑް ބަލި މީހަކަށް ހޮސްޕިޓަލް އެނދެއް ނުލިބިގެން ގޮނޑިއެއްގައި އޮކްސިޖަން ފަރުވާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ މައި ސަރުކާރުގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް ވިދާޅުވީ ވެރިރަށް ނިއު ދިއްލީ އާއި އެހެން ހިސާބެއްގައި ވެސް އޮކްސިޖަންގެ ދަތިކަން ނެތް ކަމަށެވެ.

އެކަމަކު އެ ވާހަކަ ދައްކަމުން ދިޔަ ވަގުތު ވެސް ދިއްލީގެ ހޮސްޕިޓަލުތަކުން ދިޔައީ އޮކްސިޖަން ހުސްވާތީ އެހީއަށް އެދި މެސެޖުތައް ނެރެމުންނެވެ.

ހާލަތު މިހެން އޮތް ނަމަވެސް މައި ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ އޮކްސިޖަން ހުސްނުވާ ކަމަށެވެ. މައްސަލައަކީ އޮކްސިޖަން ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި ދިމާވާ މައްސަލައަކީ ސަޕްލައި ފޮނުވުމުގެ މައްސަލަ،" އިންޑިއާގެ ހޯމް މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ޕިޔުޝް ގޯޔަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އުސޫލުތަކާ އެއް ގޮތަށް އޮކްސިޖަން ހަމަހަމަ ކަމާއެކު ބޭނުން ކުރާނެ ގޮތް" ކަނޑައެޅުމުގެ ޒިންމާ މަތިވަނީ ހޮސްޕިޓަލްތަކާ ކަމަށެވެ.

ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި އިންޑިއާގެ މައި ސަރުކާރުގެ މި ވާހަކަތަކަކީ މި ދަނޑިވަޅުގައި ބަލައިގަންގަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތަކުން ވެސް ދައްކައި ދެނީ ކޮވިޑުގެ ދެ ވަނަ ރާޅު ހުއްޓުވަން ސަރުކާރު ނުކުޅެދިފައިވާ ކަމެވެ.

ހާލަތު ގޯސްވެދާނެ ކަމަށް އަންގާ އެކި ފަހަރު މަތިން ރަނގަޅު ކުރަންވީ ކަންކަން އެކި ފަރާތްތަކުން އިންޑިއާ ސަރުކާރަށް ބުނެދީފައި ވެއެވެ. އަދި ނުރައްކަލުގެ އިންޒާރު ވެސް ހުއްޓުމެއް ނެތި ދެމުން ދިޔަ އެވެ.

  • ހޮސްޕިޓަލް އެނދު ނެތް ކަމަށާއި އޮކްސިޖަން ސަޕްލައި ވެސް ނެތް ކަމަށް ޕާލިމެންޓުގެ ސްޓޭޑިން ކޮމިޓީން ބުނީ ނޮވެމްބަރު މަހު
  • ކޮވިޑު ސުނާމީއަށް ބޯމަތިވަމުންދާ ކަމުގެ ބިރު އެކި ތަޖުރިބާކާރުން ބީބީސީއާ ހިއްސާކުރި
  • މާ ނުރައްކާތެރި ވޭރިއެންޓެއް ފެތުރެމުންދާ ކަމުގެ އިންޒާރު ސަރުކާރުން އެކުލަވާލި ސައިންޓިސްޓިންގެ ގްރޫޕަކުން ސަރުކާރަށް ދިނީ މާޗް މަހު، ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ

މި އިންޒާރުތަކާ އެކު ވެސް މާޗް 8 ވަނަ ދުވަހު އިންޑިއާގެ ހެލްތު މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަން ނިމެން ގާތްވެފައިވާ ކަމަށެވެ.

ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ފެންނަމުން ދިޔަ ކޭސްތައް މިދިޔަ ސެޕްޓެމްބަރު މަހުގެ 90،000 އާ އަޅާ ބަލާއިރު 20،000 އަށް ތިރިވި އެވެ. އެއާއެކު ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ކޮވިޑު ބަލި ކުރެވިއްޖެ ކަމަށެވެ. އަދި އާއްމުން އެއްވެ އުޅޭ ހުރިހާ ތަނެއް ހުޅުވާލި އެވެ.

މާސް ލަސްތަކެއް ނުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުން ހުއްޓާލި އެވެ. މޯދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސްވެރިން ގެންދެވީ މާސްކު ނާޅާ، މިލިއަނުން މީހުން ޖަމާވެފައިވާ ކެމްޕެއިން އެއްވުންތަކުގައި ބައިވެރިންވަމުންނެވެ.

ހިންދޫއިންގެ އެންމެ ބޮޑު ފެސްޓިވަލް، ކުމްބް މޭލާއަށް އެތައް މިލިއަން ބަޔަކު އެއްވެ، ގަންގާ ކޯރުން ފެންވެރުމުގެ ހުއްދަ ވެސް ސަރުކާރުން ދިނީ އެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިންޑިއާ ސަރުކާރުން ކޮވިޑް ބަލި ކުރެވިއްޖެ ކަމަށް ނިންމާ އާއްމު ދިރިއުޅުމަށް މާ އަވަހަށް ރުޖޫއަވީ އެވެ. ނަތީޖާއެއްގެ ގޮތުން ދެ ވަނަ ރާޅު އައިސް ބިންދާލިއިރު ވެސް ނޭނގެ އެވެ.

މި ދަނޑިވަޅުގައި އިންޑިއާގެ ސިއްހީ ނިޒާމަށް އިހުމާލުވެފައިވާ މިންވަރު ވެސް ދަނީ ހާމަވަމުންނެވެ. ހޮސްޕިޓަލްތަކުގައި ފަރުވާ ދެވޭނެ ގޮތެއް ނެތި މަގުމަތީގައި ތިބެ މަރުވަމުންދާ މީހުންގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ފުރިފަ އެވެ.

ޕަބްލިކް ސިއްހީ ނިޒާމުގެ ބޭނުން މުއްސަނދިންނާއި މެދު ފަންތީގެ މީހުން ކުރާކަށް ނުޖެހެ އެވެ. އެ މީހުން އަބަދުވެސް ދަނީ ޕްރައިވެޓް ހޮސްޕިޓަލުތަކަށެވެ. އެހެންކަމުން ސިއްހީ ނިޒާމުގެ ހަގީގީ ހާލަތު ހާމަވެގެން މި ދިޔެއީ ބަލިމަޑުކަމުގައި ދެ ވަނަ ރާޅު ބިންދާލުމުންނެވެ.

ތަރައްގީވަމުން އަންނަ ބޮޑެތި އިގްތިސާދުތަކަށް ބަލާއިރު އިންޑިއާއަކީ ސިއްހީ ނިޒާމަށް އެންމެ މަދުން ހޭދަކުރާ ގައުމެވެ. އެ ގައުމުން ފާއިތުވި ހަ އަހަރު ސިއްހީ ނިޒާމަށް ހޭދަކުރީ ޖީޑީޕީގެ އެންމެ 3.6 ޕަސެންޓެވެ.

ކޮވިޑުގެ ރާޅުތަކަށް ތައްޔާރުވުމަށް ހާއްސަ ކޮމިޓީތަކެއް މިދިޔަ އަހަރު ހެދި އެވެ. އެހެންކަމުން ބޭނުންވާ އެނދާއި އޮކްސިޖަން ނުލިބުމަކީ ހައިރާން ވާން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ރައްދުގައި އޮފިޝަލުން ބުނަނީ އޮކްސިޖަން އެބަ ހުރި ކަމަށާއި ސަޕްލައި ކުރަން ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ތެދު ވާހަކައެއް ކަމަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ.

އިންޑިއާ ސަރުކާރުން މިހާރު ދަނީ ސްޓޭޓުތަކަށް އޮކްސިޖަން ފޯރުކޮށްދޭން މެދުކެނޑުމެއް ނެތި ހާއްސަ ރޭލު ދަތުރުތައް ބާއްވަމުންނެވެ. އެކަމަކު މިކަން ފެށީ ވެސް އެތައް ހާސް ބަޔަކަށް ފަރުވާ ނުލިބި މަރުވި ފަހުންނެވެ.

އާއިލާތަކުން ވަނީ ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި ކަޅު ބާޒާރުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކޮށްގެން އޮކްސިޖަން ސިލިންޑަރާއި ބޭސް ހޯދަން ފަށާފަ އެވެ.

މުޅި އިންޑިއާގެ އެހެން ސްޓޭޓުތަކާ ހިލާފަށް ދެކުނު ކެރަލާއިން ވަނީ އަމިއްލައަށް އިސްނަގައިގެން ދެ ވަނަ ރާޅަށް މިދިޔަ އޮކްޓޯބަރު މަހު ތައްޔާރުވާން ފަށާފަ އެވެ. އެހެންކަމުން އެތަނަށް އޮކްސިޖަން ދަތިކަން އެއްވެސް ވަރަކަށް ދިމާނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާ ވޭރިއެންޓުތައް ދެނެގަތުމަށް "ޖިނޯމް ސީކުއެންސިން" އަކީ މުހިއްމު ކަމެކެވެ. މިކަމަށް ހާއްސަ އިދާރާއެއް 10 ލެބޯޓަރީ އެކުވެގެން މިދިޔަ އަހަރު އުފެއްދި އެވެ. އެކަމަކު އެ ތަނަށް ވެސް އެންމެ ފުރަތަމަ ފައިސާ ހޯދުންވީ ދަތި ކަމަކަށެވެ.

އެތަނަށް ބޭނުންވާ ފައިސާ ހަމަޖެހުނީ މިދިޔަ ފެބްރުއަރީ މަސް ނިމެން ގާތްވެފައި ވަނިކޮށެވެ. މިހާރު ސީކުއެންސް ކުރަމުންދަނީ ސާމްޕަލްތަކުގެ އެންމެ ޕަސެންޓެކެވެ.

މި ހުރިހާ ސަބަބުތަކާ ހެދި އިންޑިއާއިން އުއްމީދު ކުރީ ވެކްސިން ދީގެން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އިންޑިއާގެ އެންމެ ފުރަތަމަ ޓާގެޓަކަށް ހެދީ ޖުލައި މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ޓާގެޓަށް ވާސިލްވާން ބޭނުންވާ ވަރަށް ވެކްސިނުގެ ސަޕްލައި ސަރުކާރުން ނުހޯދަ އެވެ.

އިންޑިއާގެ 1.4 ބިލިއަން މީހުންގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ކުރީ 26 މިލިއަން މީހުންނެވެ. އިތުރު 124 މިލިއަން މީހުން ވަނީ އެއް ޑޯޒް ޖަހާފަ އެވެ. ވެކްސިނުގެ ދަތިކަމާ ހެދި އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް އަދިވެސް ބޭނުންވާ ވަރަށް ސަޕްލައި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox