ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީ ފުރަތަމަ ފަަހަރަށް ފައިނަލަށް

May 4, 2021, 9:06 PM
ލަނޑު ޖެހުމަށް ފަހު މާރޭޒް (ވީ) އާއި ޑިބްރޭނާ އުފާފާޅުކުރަނީ.--

ލަނޑު ޖެހުމަށް ފަހު މާރޭޒް (ވީ) އާއި ޑިބްރޭނާ އުފާފާޅުކުރަނީ.--

މެންޗެސްޓާ (މެއި 5) - ދެ ވަނަ ލެގުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އެ ކްލަބްގެ ތާރީހުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިފި އެވެ.

އެގްރިގޭޓަށް ބަލާއިރު ސިޓީ އަށް މިދިޔަ އަހަރުގެ ރަނަރަޕް ޕީއެސްޖީގެ މައްޗަށް ކުރި ލިބުނީ 4-1 އިންނެވެ. ފައިނަލުގައި ސިޓީ ކުޅޭނީ މާދަމާރޭ ޗެލްސީ އާއި ރެއާލް މެޑްރިޑް ކުޅެގެން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ. ރެއާލް ދަނޑުގައި ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ސިޓީން މީގެ ކުރިން ޔޫރަޕްގައި ކުޅުނު ހަަމައެކަނި ފައިނަލަކީ 1970 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕް ފައިނަލުގަ އެވެ. ޗެމްޕިއަންސް ލީގުގައި މީގެ ކުރިން 2016 ވަނަ އަހަރު މެނުއަލް ޕެލެގްރީނީގެ ކޯޗުކަމުގައި ސިޓީން އަލަށް ސެމީ ފައިނަލުގައި ވާދަކޮށްވީ ބައްޔެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި މި ފަހަރުގެ މުބާރާތުގައި ސިޓީން މެޗަކުން ބަލިނުވެ، ފައިނަލުން ފުރުސަތު ހޯދީ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެންނާނެ ފުރަތަމަ ފަހަރެވެ. ގާޑިއޯލާ ވަނީ 2009 އާއި 2011 ވަނަ އަހަރު ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ސިޓީން ޕީއެސްޖީ ދަނޑުގައި ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. ޕީއެސްޖީ މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އަށް ނުކުޅެވުމެވެ.

މިރޭގެ މެޗު ފަށައިގެން ޕީއެސްޖީން ސިޓީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. އެ ވަގުތު ސިޓީގެ ވާތު ބެކް ޔޫކްރޭނުގެ އޮލެކްސަންޑަ ޒިންޗެންކޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ފުރަތަމަ ޕީއެސްޖީ އަށް ޕެނަލްޓީ އެއް ދޭން ނިންމި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ނިންމުން ބަދަލުކުރީ ބޯޅަ ޖެހުނީ ޒިންޗެންކޯ ކޮނޑުގައި ކަމަށްވާތީ އެވެ.

ސިޓީން މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 11 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ފުރަތަމަ ލެގުގައި ވެސް ސިޓީ މޮޅުކޮށްދިން ހިލޭ ޖެހުން ކާމިޔާބުކުރި އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ. ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ޖެހި ބޯޅައެއް ހޯދައި ޒިންޗެންކޯ ނެގި ހުރަހަކުން ކެވިން ޑިބްރޭނާ ޖެހި ޝޮޓް ޕީއެސްޖީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ މާރޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕީއެސްޖީގެ ޑި މާރިއާ އަށް ރެފްރީ ރަތް ކާޑެއް ދައްކަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް.

ޕީއެސްޖީން އެއްވަރުކުރަން ކުރި މަސައްކަތުގައި އެ ޓީމުގެ ކެޕްޓަން މާކުއީނިއޯސް ބޮލުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ޕީއެސްޖީގެ ތަރި ނޭމާ ސިޓީ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރެވޭތޯ ކުރި މަަސައްކަތްތައް ހުއްޓުވުމުގައި ސިޓީގެ ރުބެން ޑިއާސް އާއި ޖޯން ސްޓޯންސް ވަނީ ކުރި ހޯދައިފަ އެވެ.

ދެ ވަނަ ހާފްގައި ޕީއެސްޖީން ދެ ބަދަލެއް ގެނައި ވަގުތު ޓީމު ރަނގަޅަށް ހަމަނުޖެހެނިސް ސިޓީން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ވެސް ކާމިޔާބުކުރީ ނޮކައުޓް ރައުންޑުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ މާރޭޒް އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ޒުވާން ތަރި ފިލް ފޯޑެން ހުރަސްކޮށްލި ބޯޅަ މާރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ސިޓީން ދެ ގޯލުގެ ލީޑެއްނެގި ފަހުން ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔަ އެވެ. އޭގެ ތެރެއިން ވަގުތެއްގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ އަށް ބޯޅަ ނެތިސް ހަމަލާ ދިނުމުން އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ޑިމާރިއާ ވަނީ އެއްލުމަކަށް ބޯޅަ ބޭރުވި ވަގުތުގައި ފެނާންޑީނިއޯއާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާގެ ފައި މައްޗަށް ފައިން އަރައިފަ އެވެ.

ޕީއެސްޖީން ފުރަތަމަ ލެގު ނިންމާލީ ވެސް އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިދްރީސާ ގޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މިރޭގެ މެޗުގައި ޑި މާރިއާ އަށް ރަތް ކާޑެއް ދެއްކިއިރު، ޕީއެސްޖީގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ފަހު 20 މިނިޓް ތެރޭގައި ސިޓީން ވަނީ އިތުރު އެޓޭކްތަކެއް ކޮށްފަ އެވެ. އެ ވަގުތު އިތުރު ގޯލެއް ޖަހަން ސިޓީގެ ފޯޑެން ފޮނުވާލި ބޯޅަތައް ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ ހުއްޓުވައިފަ އެވެ.

މެޗަށް ފަހު ސިޓީގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ސިޓީން މި ސީޒަނުގެ ހަތަރު ތަށި ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެފްއޭ ކަޕްގެ ސެމީގައި ޗެލްސީ އަތުން ކެޓުމުންނެވެ. އެކަމަކު އެ ޓީމުން ވަނީ ޓޮޓެންހަމް ބަލިކޮށް ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި މި ހަފްތާގައި ޗެލްސީ ބަލިކޮށްގެން ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ އެވެ.

ސިޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފައިނަލުގައި ކުޅޭނެ ނުވަ ވަނަ އިނގިރޭސި ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox