ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާއިރު، ރާއްޖެއިންވެސް ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތު އޮތީ މި ބަލިމަޑުކަން ރާއްޖޭން ފެނުނު ފަހުން، ނުވެއްޓޭހާ ގޯސް ހާލަތަކަށް ވެއްޓިފަ އެވެ.
އެގޮތުން، މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް 585 މީހުންނަށް އަލަށް ބަލިޖެހިފައިވެ އެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ރެކޯޑެއް ކަމަށްވާއިރު، ފާއިތުވި ދެ ދުވަހު ވެސް އަލަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 500 ހުރަސްކޮށްފަ އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ރޭޑިއޯލޮޖިސްޓު ޑރ. ފާތިމަތު މުފްލިހާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދުގެ އިތުރުން، ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުން ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ބައިތިއްބާ ބަލި މީހުންނަށް އޮކްސިޖަން ބޭނުންވާ މިންވަރުވެސް ކުރިއަށްވުރެ އިތުރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަދި އަވަށްޓެރި އިންޑިއާގެ އިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުން ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެންނަމުންދާއިރު، ރާއްޖޭގައި ވެސް ބަލި މި މިންވަރަށް ފެތުރެމުންދާނަމަ، ރާއްޖޭގައި ވެސް އާ ވޭރިއަންޓް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އާއި ޑރ. މުފްލިހާގެ އިތުރުން ޑރ. އިބްރާހިމް އަފްޒަލް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ
އަދި މިހާރު ދުނިޔޭން ފެންނަމުންދާ ބައެއް ވޭރިއަންޓްތަކަކީ ޕީސީއާރު ޓެސްޓަށްވެސް ނުދައްކާ ވޭރިއަންޓްތަކަކަށްވާތީ ހާލަތު ވަރަށް ބޮޑަށް ގޯސްވާ ފަހުންވެސް ބަލި މީހުން ދެނެގަނެވުމުގެ ފުރުސަތު ބޮޑުކަމަށް ޑރ. މުފްލިހާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކުންވެސް މި ބުނެދެނީ އަޅުގަނޑުމެންގެ ހާލަތު ގޯހުން ގޯހަށްދާކަން،" އޭނާ ވިދާޅުވި އެވެ.
އަދި ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އިންޑިއާ އާއި ނޭޕާލުގައި ބާލީގެ ހާލަތު އޮތް މިންވަރަށް ރާއްޖެ ވެސް ވެއްޓިގެންދާނެކަމުގެ އިންޒާރު ޑރ. މުފްލިހާ މިރޭ ވަނީ ދެއްވައިފަ އެވެ.
މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކޮވިޑު ފެތުރޭ ގައުމަކީ އިންޑިއާ އެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ތިން ލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލުތައް ފުރި، މުޅި ގައުމު ވަނީ އޮކްސިޖަނަށްވެސް ޖެހިފަ އެވެ.
އެއާއެކު، އިންޑިއާގެ ހޮސްޕިޓަލުތަކުން ޖާގަ ނުލިބި، މަގުމަތީގައި ވެސް މީހުން މަރުވަމުންދާ އަދަދު ވަނީ އިތުރުވެފަ އެވެ.
ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށިކޮށްފި
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ޕޮޒިޓިވް ކޭސްއަކާ ބައްދަލުވެގެން މިވަގުތު އައިސޮލޭޝަންގައި ހުންނެވުމުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ބަލީގެ ހާލަތު ގޯސްވަމުންދާނަމަ، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެ ކަމަށެވެ.
މިގޮތަށްދާނަމަ ރާއްޖޭގައި ވެސް ހޮސްޕިޓަލުތައް ފުރި، މިއަށް ވުރެ މާ ހިތާވެރި ދުވަހެއް ދެކެން ޖެހިދާނެ،" މަބްރޫކު ވިދާޅުވި އެވެ.
ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލްކުރަން އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.
މިގޮތުން، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 10 ދުވަހުގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން އޮންލައިކޮށް ހިދުމަތް ދިނުމަށް ވަނީ އަންގައިފަ އެވެ.
އަދި ހަމަ އެ މުއްދަތަށް ސްކޫލްތައް ވެސް ބަންދުކޮށް، އިމްތިހާންތައް ފިޔަވައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން، ބުދަ ދުވަހުން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވެސް މަނާވާނެކަމަށް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ރޯދަ މަހާ ދިމާކޮށް މިސްކިތްތަކުގައި އެޅި ފިޔަވަޅުތައް ލުއިދީފައި އޮތުމަށްފަހު، ބުދަ ދުވަހުން ފެށިގެން ގައިދުރުކޮށް ނަމާދު ކުރުން ވަނީ އިޔާދަކޮށްފަ އެވެ.
މި ފިޔަވަޅުތަކާއެކު ވެސް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އަނެއްކާވެސް ލޮކްޑައުން ކުރުމާއި ބޭރު މީހުންނަށް ރާއްޖޭ ނާދެވޭ ގޮތަށް ބޯޑަރު ބަންދުކުރުމަށް ވެސް ސަރުކާރުން ފަސްނުޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ހަރުކަށި ކުރަންޖެހުމުގެ ސަބަބުން އަނެއްކާވެސް ސްކޫލްތައް ބަންދުކުރަންޖެހި ކާފިއުއާއެކު ވިޔަފާރިތަކަށާއި، ވަޒީފާތަކަށް ވެސް ލޮޅުން އަންނާނެ ކަމަށެވެ.
އެއާއެކު މި ހާލަތުން އަރައިގަތުމަށް އޮތް ހަމައެކަނި މަގަކީ މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުންކަން މަބްރޫކު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 31،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.













