ރާއްޖޭގައި މި ވަގުތު ކޮވިޑް-19 ފެތުރޭ މިންވަރު ހުރީ ވަރަށް ކަންބޮޑުވާ ދަރަޖައެއްގައި ކަމަށާއި، މި މިސްރާބުގައި ދާނަމަ، ހޮސްޕިޓަލުތައް ފުރި، އަވަށްޓެރި އިންޑިއާގައި އޮތް ހާލަތަށް ރާއްޖެ ވެއްޓިދާނެކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ދީފި އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތު އޮތީ މި ބަލިމަޑުކަން ރާއްޖޭން ފެނުނު ފަހުން، ނުވެއްޓޭހާ ގޯސް ހާލަތަކަށް ވެއްޓިފަ އެވެ.
އެގޮތުން، މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް 585 މީހުންނަށް އަލަށް ބަލިޖެހިފައިވެ އެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ ރެކޯޑެއް ކަމަށްވާއިރު، ފާއިތުވި ދެ ދުވަހު ވެސް އަލަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 500 ހުރަސްކޮށްފަ އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ރޭޑިއޯލޮޖިސްޓު ޑރ. ފާތިމަތު މުފްލިހާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދުގެ އިތުރުން، ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުން ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.


މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުފްލިހާ މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ބައިތިއްބާ ބަލި މީހުންނަށް އޮކްސިޖަން ބޭނުންވާ މިންވަރުވެސް ކުރިއަށްވުރެ އިތުރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ސަބަބުން، އަވަށްޓެރި އިންޑިއާ އާއި ނޭޕާލުގައި ބާލީގެ ހާލަތު އޮތް މިންވަރަށް ރާއްޖެ ވެސް ވެއްޓިގެންދާނެކަމުގެ އިންޒާރު ޑރ. މުފްލިހާ މިރޭ ދެއްވި އެވެ.
މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކޮވިޑު ފެތުރޭ ގައުމަކީ އިންޑިއާ އެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ތިން ލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލުތައް ފުރި، މުޅި ގައުމު ވަނީ އޮކްސިޖަނަށްވެސް ޖެހިފަ އެވެ.
އެއާއެކު، އިންޑިއާގެ ހޮސްޕިޓަލުތަކުން ޖާގަ ނުލިބި، މަގުމަތީގައި ވެސް މީހުން މަރުވަމުންދާ އަދަދު ވަނީ އިތުރުވެފަ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ޕޮޒިޓިވް ކޭސްއަކާ ބައްދަލުވެގެން މިވަގުތު އައިސޮލޭޝަންގައި ހުންނެވުމުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ބަލީގެ ހާލަތު ގޯސްވަމުންދާނަމަ، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެ ކަމަށެވެ.
މިގޮތަށްދާނަމަ ރާއްޖޭގައި ވެސް ހޮސްޕިޓަލުތައް ފުރި، މިއަށް ވުރެ މާ ހިތާވެރި ދުވަހެއް ދެކެން ޖެހިދާނެ،" މަބްރޫކު ވިދާޅުވި އެވެ.
ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލްކުރަން އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.
މިގޮތުން، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 10 ދުވަހުގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން އޮންލައިކޮށް ހިދުމަތް ދިނުމަށް ވަނީ އަންގައިފަ އެވެ.
އަދި ހަމަ އެ މުއްދަތަށް ސްކޫލްތައް ވެސް ބަންދުކޮށް، އިމްތިހާންތައް ފިޔަވައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން، ބުދަ ދުވަހުން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވެސް މަނާވާނެކަމަށް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ރޯދަ މަހާ ދިމާކޮށް މިސްކިތްތަކުގައި އެޅި ފިޔަވަޅުތައް ލުއިދީފައި އޮތުމަށްފަހު، ބުދަ ދުވަހުން ފެށިގެން ގައިދުރުކޮށް ނަމާދު ކުރުން ވަނީ އިޔާދަކޮށްފަ އެވެ.
ބުދަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅުތައް
- ސަރުކާރު އޮފީސްތައް ބަންދުކުރުން
- ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން
- ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން
- މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން
- ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން
- އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުން
މަބްރޫކު ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ހަރުކަށި ކުރަންޖެހުމުގެ ސަބަބުން އަނެއްކާވެސް ސްކޫލްތައް ބަންދުކުރަންޖެހި ވިޔަފާރިތަކަށް ވެސް ލޮޅުން އަންނާނެ ކަމަށެވެ.
އެއާއެކު މި ހާލަތުން އަރައިގަތުމަށް އޮތް ހަމައެކަނި މަގަކީ މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުންކަން މަބްރޫކު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.












