އެޑްއެކްސެލްގެ އޭލެވެލް އިމްތިހާނުގައި ބައިވެރިނުވެ، ޓީޗާ ބޭސްޑް އެސެސްމަންޓު ހިޔާރުކުރާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕް ނުލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކް ވެފައިވާތީ މި އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދަން އެޑިޔުކޭޝަން މިނިސްޓްރީން އިން މިއަދު ވަނީ ނިންމާފަ އެވެ.
ނަމަވެސް އެޑެކްސެލްގެ މަޝްވަރާއާއެކު މި އިމްތިހާނުގައި ބައިވެރިވާން ތިބި ކުދިންނަށް ދެ އޮޕްޝަނެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ފުރަތަމަ އޮޕްޝަނަކީ އޮކްޓޯބަރު/ނޮވެމްބަރު މަހަށް އިމްތިހާނު ފަސްކުރުމެވެ. އަނެއް އޮޕްޝަނަކީ އޭޕްރީލް/މެއި ގައި އިމްތިހާނު ނިންމަން ބޭނުންވާ ކުދިންނަށް "ޓީޗާ ބޭސްޑް އެސެސްމަންޓް" އެއް ގޮތުގައި އިމްތިހާނު ކުރިއަށް ގެންދިއުމެވެ.

އޭލެވެލް އިމްތިހާނު ކެންސަލް ކުރިކަން އިއުލާނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރައީސްގެ ސްކޮލާޝިޕަކީ ގިނަ ކުދިން ވަރަށް ބުރަ މަސައްކަތް ކޮށްގެން ހޯދައި ފުރުސަތަކަށް ވުމުން، ސްކޮލާޝިޕް ދިނުމަށް ބަލާނީ އެޑެކްސެލް އޮކްޓޯބަރު / ނޮވެމްބަރު ގައި އިމްތިހާނު ހަދާ ދަރިވަރުންނަށް ކަމަށެވެ.
"އަޅުގަނޑުމެން ބޮޑަށް ޕްރިފާ ކުރަނީ ހުރިހާ ކުދިންވެސް އޮކްޓޯބަރު ނޮވެމްބަރު އެގްޒާމް ހަދަން ދިއުމަށް" މިނިސްޓަރު ވިދާޅުވި އެވެ.
ޑެޕިޔުޓީ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ގޮތުގައި ޓީޗާ ބޭސްޑް އެސެސްމަންޓު ހަދާ ދަރިވަރުންނަށް ވެސް ލިބޭނީ އެޑެކްސެލްގެ ސެޓުފިކެޓެވެ.
އަދި ޓީޗާ ބޭސްޑް އެސެސްމަންޓު ހަދާ ކުދިންނަށް ކޮލެޖު/ޔުނިވާސިޓީތަކުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހެޅުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.













