ފާއިތުވި 15 އަހަރުގެ ތެރޭގައި މަތީ ތައުލީމު ހާސިލުކުރުމަށް އެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ދައްކަންޖެހި ނަމަވެސް އަނބުރާ ދައްކާފައިނުވާ ލޯނުތަކުގެ އަދަދު 173 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް އޮޑިޓު ރިޕޯޓަކުން ހާމަވެެއްޖެ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެކި ސްކީމްތައް މެދުވެރިކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ޖުމްލަ 1.88 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން 909.6 މިލިއަން ރުފިޔާގެ ލޯނު އަދި އަނބުރާ ދައްކަން ފަށަން ނުޖެހޭއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ބާކީ ހުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 173.1 މިލިއަން ރުފިޔާ އަނބުރާ ދައްކާފައިވާ ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާ ތަފްސީލުތަކަށް ބަލާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް އަނބުރާ ނުލިބި ވަނީ ސީދާ މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކަށެވެ.

މިގޮތުން، 15 އަހަރުގެ މުއްދަތެއްގެ ތެރޭގައި މިނިސްޓްރީން ދޫކުރި 114.1 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 101.8 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ހޯދިފައިނުވާކަމަށް އެ ރިޕޯޓުގައިވާ ތަފްސީލުތަކުން ދައްކަ އެވެ.

އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ލޯނުތަކުގެ ތެރެއިން ޖުމްލަ 65 މިލިއަން ރުފިޔާ ނުލިބޭއިރު، ބޭންކް އޮފް ސިލޯން (ބީއޯސީ) މެދުވެރިކޮށް ދޫކުރި ލޯނުތަކުގެ ތެރެއިން 3.1 މިލިއަން ރުފިޔާގެ ލޯނު ވެސް އަނބުރާ ލިބިފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފައިސާ ހޯދަން މަސައްކަތެއް ނުކުރެވޭ
އޮޑިޓު ރިޕޯޓުގައި ބުނީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހި އަނބުރާ ދައްކާފައިނުވާއިރު، އެ ފައިސާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
އެއީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
މިގޮތުން، ގަވައިދުން ލޯނުު ނުދައްކާ ބައެއް ފަރާތްތަކަށް 2019 ވަނަ އަހަރު ސިޓީ ފޮނުވައިގެން ފައިސާ ދެއްކުމަށް އެންގި ނަމަވެސް، މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރަމުން ނުގެންދާނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ގެއްލިގެން ދިއުމުގެ ފުރުސަތުު އޮންނާނެއެވެ،" އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، އެކަށީގެންވާ މުއްދަތެއްގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.
ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާނުކުރޭ
މީގެ އިތުރުން، ލޯނު ސްކީމްތައް މެނޭޖްކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ވިޔަފާރި ބޭންކުތަކުގައި ހުޅުވާފައިވާ ފަސް އެކައުންޓެއްގައި 76 މިލިއަން ރުފިޔާ ބަހައްޓާފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އަދި އެ އެކައުންޓްތަކުގެ ތެރެއިން ހަތަރު އެކައުންޓެއް މެދުވެރިކޮށް ލޯނުދޫކުރުން ހުއްޓާލާފައިވީ ނަމަވެސް އެ އެކައުންޓްތަކުގައި ޖުމްލަ 29.48 މިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާއިރު، އެ ފައިސާ ދައުލަތުގެ އެކައުންޓިން ސިސްޓަމަށް ޕޯސްޓުކޮށްފައިނުވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި، ދައުލަތަށް ލިބޭ ހުރިހާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓް ނޫން އެހެން އެކައުންޓަކަށް ޖަމާކުރަން ޖެހުނު ނަމަވެސް، އެގޮތަށް ޖަމާކުރާ ފައިސާ ވެސް އެކަށީގެންވާ މުއްދަތެއްގައި ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.













