ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ވަރަށް ބޮޑަށް ހާލަތު ގޯސްވެފައިވާ އިންޑިއާގައި ތެލަށް އޮތް ޑިމާންޑު ކުޑަވުމުގެ ސަބަބުން އަގު ވެއްޓެން ފަށައިފި އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ވަކިވަކި ސްޓޭޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭޕްރިލް މަހު ތެޔޮ ބޭނުން ކުރި މިންވަރު ވަނީ ދަށްވެފަ އެވެ. އެ ގައުމަކީ ދުނިޔޭގައި ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ގައުމެވެ.
"އޭޕްރިލް 2019 އާ އަޅާ ބަލާއިރު ތެލަށް އޮތް ޑިމާންޑު ޖުމްލަ ގޮތެއްގައި ވަނީ ހަތް ޕަސެންޓު ވެއްޓިފައި،" ބާރަތް ޕެޓްރޯލިއަމް ކޯޕޮރޭޝަނުގެ މާކެޓިން ޗީފް އޭކޭ ސިންގް ވިދާޅުވި އެވެ.
މި ފެށި މޭ މަހު އިންޑިއާގައި ތެލަށް އޮތް ޑިމާންޑު އިތުރަށް ވެއްޓޭނެ ކަމަށް އެނެލިސްޓުން ބުނެ އެވެ. އެއީ ދަތުރު ކުރުން މަދު ކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ކޮވިޑު ބަލި މީހުން ގިނަވުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ އިންޑިއާގެ ސިއްހީ ނިޒާމަށް އިސްކަން ދިނުމުގެ ގޮތުން އިގްތިސާދީ ހަރަކާތްތައް މަދު ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ދުވާލަކު ތިން ލައްކައަށް ވުރެ ގިނަ ކޭސް ފެންނަމުންދާ އިރު، މީގެ ކުރިން މާ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ނެތް ސިއްހީ ނިޒާމު ހުއްޓުމުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާ ނުލިބި ދަނީ މަރުވަމުންނެވެ. އިއްޔެ ވެސް ރިކޯޑު އަދަދަކަށް މީހުން މަރުވި އެވެ.










