އެމްއީއެސް އިމާރާތުގެ އެއްބަސްވުން ބާތިލްކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުން އަންދާޒާކޮށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށާއި ސިވިލް ކޯޓުގައި މަންދަށް 15 މިލިއަން ރުފިޔާ ދޭން އެއްބަސްވީ ދައުލަތަށް އެންމެ ގެއްލުން ކުޑަ ގޮތަށް މައްސަލަ ނިންމަން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ދައުލަތުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދޭން އެއްބަސްވެފައި ވަނިކޮށް، އޮޑިޓަ ޖެނެރަލްގެ ރިޕޯޓެއް ވަނީ އާއްމުވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވާލައި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި އެސެސްމެންޓް ރިޕޯޓްގައިވާ ގޮތުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ އެވެ.
މަންދު ކޮލެޖަށް ބަދަލު ދޭން ނިންމި މައްސަލައިގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ ނިންމުމާ ހަމައަށް ދާން ޖެހުނު ސަބަބު ތަފްސީލްކޮށް ކިޔައިދީފަ އެވެ. އޮޑިޓް އޮފީހަށް ބަދަލުގެ ގޮތުގައި ނަގަން ފެންނަ އަދަދު، އޭޖީ އޮފީހަށް ގަބޫލުނުކުރެވޭ ސަބަބުތައް ވެސް ވަނީ ކިޔައިދީފަ އެވެ.

އޭޖީގެ ބަޔާނުގައި ބުނިގޮތުގައި، އޮޑިޓަ ޖެނެރަލްގެ ލަފަޔަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލްތަކާއި އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެކްޓް" އަދި އެއްބަސްވުންތަކަކީ ތަންފީޒުވާން ޖެހޭ އެއްޗެއް ފަދަ ގާނޫނީ މަހްފޫމްތަކާއި ތައާރަޒުވާ ގޮތަށް ދީފައިވާ ލަފައެކެވެ.
އެއްބަސްވުން ބާތިލްކުރުން
ކުރީގެ އެމްއެމްއީއެސް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެމްއީއެސްގެ މަސްއޫލުވެރިންނާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރީ ޑިސެމްބަރު، 28، 2008 ގަ އެވެ. އެ އެއްބަސްވުން ފެބުރުއަރީ، 6، 2010 ގައި ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކުރީ 25 ޖެނުއަރީ، 2015 ގަ އެވެ.
މި މައްސަލަ މާލޭ ހައި ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ ދައުލަތާ އެއްކޮޅަށެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ވެސް ނިންމީ ދައުލަތާ ދެކޮޅަށެވެ.
އެ ހުކުމުގައި އޮތީ، އޭޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، އެއްބަސްވުން އެޑިއުކޭޝަނުން ބާތިލްކުރީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އޭގެ ސަބަބުން މާލޭ ހައި އަށް ލިބޭ ގެއްލުމުގެ ބަދަލު ދިވެހި ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
މި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެ ހުކުމާ ހަވާލާދީ އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ އެޑިއުކޭޝަނުން އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގެ ހަ އަހަރު ފަހުން ކަމަށް ވެފައި މާލޭ ހައި ކުންފުންޏަށް އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ދެކިގެން ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
އަދި ސްކޫލް ހިންގުމަށް ނަގާފައި އޮވެމެ، އެއްބަސްވުން ބާތިލްކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ބުނެވެން ނެތް ކަމަށް ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން މާލޭ ހައި ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ސިވިލް ކޯޓަށް ހުށަހެޅި އެވެ.
އޭޖީ އޮފީހުން ބުނިގޮތުގައި ދެ ފަރާތުގެ ދެމެދުގައި ވެވޭ ކޮންްޓްރެކްޓަކާ، އެ ކޮންޓްރެކްޓުގެ ބައިވެރިއަކު ހިލާފު އަމަލެއް ކޮށްފި ނަމަ އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލުކުރި ފަރާތުން ބަދަލު ދޭން ޖެހޭނެ ކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެ އެވެ. މިގޮތުން ސީދާ ލިބޭ ގެއްލުމާއި ނުސީދާ ގޮތުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދޭކަން އެ މާއްދާ އިން އެނގޭ ކަމަށެވެ.
15 މިލިއަނަކީ ކޮލެޖް އަލުން ފެށުމާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުގެ ހަރަދު
ބަޔާނުގައި ބުނީ ބަދަލު ނަގައިދޭން މާލޭ ހައި ކުންފުނިން ހުށަހެޅި މައްސަލައިގެ ލިއުންތަކަށް ބަލާއިރު، ދައުވާގައި ހުށަހަޅާފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އަކީ އެއްބަސްވުމާ ހިލާފަށް، އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ކޮލެޖް އަލުން ފަށަން ބޭނުންވާ އާލާތްތައް ހޯދަން ހޭދަކުރަން ޖެހުނު 4.3 މިލިއަން ރުފިޔާ އާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10.7 މިލިއަން ރުފިޔާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެޕްރީލް، 19، 2021 ގައި އަންގާފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ރިޕޯޓަކީ ހައި ކޯޓުގެ ހުކުމާ ގުޅިގެން މާލޭ ހައި ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައެޅުމުން، އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ކުރިން ގެއްލުމުގެ މިންވަރު އަންދާޒާކޮށް ވަޒަންކުރުމުގެ ބޭނުމަށް އެޑިއުކޭޝަނުން އެދިގެން ކުރިއަށް ގެންދިޔަ އެސެސްމެންޓެކެވެ.
އެއްބަސްވުން ބާތިލްކޮށް މާލޭ ހައި ކުންފުނިން އެމްއީއެސް އިމާރާތް ވަކިކޮށްފައިވީ ނަމަވެސް، އޮޑިޓަ ޖެނެރަލްގެ ނަޒަރުގައި މާލޭ ހައި އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާތީ އެހެން އިމާރާތަކަށް ދައްކަން ޖެހުނު ކުއްޔަކީ ގެއްލުމުގެ ބަަދަލު ދޭން ޖެހޭނެ ކަމެއް ނޫނެވެ. އެކަމަކު މާލޭ ހައި އިން އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ހުއްދައަށް އެޑިއުކޭޝަންގައި އެދުމުން އެ ހުއްދަ ދީފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
"މާލޭ ހައި ޕވޓ. ލިޓޑ. އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއް ކަމާއި އެ ގެއްލުމަކީ ވެދާނެ ގެއްލުމެއް ކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއް ކަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭ ގެއްލުމެއް ކަމަށްވާ ކަން ވެސް ފާހަގަވެ އެވެ،" އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
އޭޖީ އޮފީހުން ބުނީ ސިވިލް ކޯޓުގެ ހުކުމުން މާލޭ ހައި ކުންފުންޏަށް ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ އެޑިއުކޭޝަނުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއް ކަމާއި އެއީ އެއްބަސްވުމާ ހިލާފުވެފައިވާ ހިލާފުވުމާ ސީދާ ގުޅުން ހުރި ގެއްލުމެއް ކަމަށެވެ. މާލޭ ހައި އަށް ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު އެ ހެކިި ދައުލަތަށް ތައުނުކުރެވެން ނެތް ކަމަށް ބަޔާނުގައި ވެ އެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލަ ޝަރީއަތުން ކުރިއަށް ގެންދާ ހާލަތެއްގައި ލިޔެކިޔުންތަކުން ސާބިތުވާން އޮތް ހަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް ޝަރީއަތުން އަމުރު ކުރުމުގެ ފުރުސަތު ބޮޑެވެ. ޝަރީއަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަކުރަން ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު އިތުރުވުމުގެ އިހްތިމާލް އޮތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.











