ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ހާއްސަ ކްލަބްތަކަށް އޮންނަ ބައި އުވާލުމަށް ފަހު އެސޯސިއޭޝަންގެ ކަންކަމުގައި ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބްތަކަށް ބައިވެރިވެވޭ ގޮތަށް ކަނޑައަޅައިފި އެވެ.
ބީއޭއެމް އިން މި ގޮތަށް ނިންމީ މިިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތާއީދާ އެކު އެވެ.
ހާއްސަ ކްލަބްތަކުގެ ޖާގައަކީ މީގެ ކުރިން އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އޮންނަ ރެކްރިއޭޝަން ކްލަބްތަކަށް އޮތް ޖާގައެކެވެ. އެ ގޮތަށް އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައި އޮންނަ ކްލަބްތަކަށް ވެސް ރަސްމީކޮށް ހިންގާ ކްލަބްތަކާ އެއްވަރަށް ދިޔައީ ފުރުސަތު ލިބެމުންނެވެ. އެކަމަކު ބީއޭއެމް އިން ގެނައި މި ބަދަލާ އެކު ކުރިން ހާއްސަ ކްލަބްތަކުގެ ގޮތުގައި އޮތް ކްލަބްތައް ވެސް ޖެހޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު އެސޯސިއޭޝަނާ އެކު ކުރިއަށްދާށެވެ.
ބެޑްމިންޓަން ކްލަބެއް ހިންގާ އިސް ފަރާތަކުން "އަދަދު" އަށް ބުނީ ހަގީގަތުގައި މި ބަދަލުގެ ސަބަބުން ބެޑްމިންޓަނަށް ފައިދާކުރާނެ ކަމަށާއި އެސޯސިއޭޝަނުން ކޯޓް ޝެޑިއުލްކުރުމާއި އެހެނިހެން ކަންކަން ކުރާއިރު ވެސް ރަސްމީ ހައިސިއްޔަތުން އޮންނަ ހުރިހާ ކްލަބަކަށް ވެސް ލިބޭނީ ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ. އަދި މީގެ ކުރިން ހާއްސަ ކްލަބްތަކަށް ކުޑަ ފީއެއް ދައްކައިގެން ބޮޑު ފީ އެއް ދައްކާ ރަސްމީ ކްލަބްތަކާ އެއްވަރަށް ހުރިހާ ފުރުސަތެއް ލިބޭ ކަމަށާއި އެކަމަކު މި ބަދަލުގެ ސަބަބުން އެ ފަރަގު ވެސް ނެތިގެން ދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.
މިއީ ދާދި ފަހުން ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަކުން ވެސް ގެނެސްފައިވާ ބަދަލެކެވެ. ކުރިން އެސޯސިއޭޝަންގައި ރަޖިސްޓްރީވެގެން މުބާރާތްތަކުގައި ކުޅެވޭގޮތަށް އޮންނަ އޮތުން ހަރުދަނާ އުސޫލަކަށް ފެއްތުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް ތެރެއިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާ ގޮތަށް ބަދަލުކުރި އެވެ. އެއީ ޕްރޮފެޝަނަލް އުސޫލުން ކްލަބްތައް ހިންގުމަށް ވެސް އެޅޭ ފިޔަވަޅެކެވެ.
ބީއޭއެމް އަހަރީ އާންމު ޖަލްސާގައި ދެން ވަނީ އެ އެސޯސިއޭޝަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަސާސީ ގަވާއިދުގައި ހުރި އިތުރު ކަންކަން ވެސް ގާނޫނުގެ ތެރެއިން ކުރިއަށްދެވޭނެ ގޮތަށް އިސްލާހުކޮށްފަ އެވެ. އެގޮތުން އަސާސީ ގަވާއިދުގައި ރަޖިސްޓްރާ ހިމަނާފައިވާ ތަންތަނުގެ ބަދަލުގައި އެ ބައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ގޮތުގައި މާނަކުރެވޭ ގޮތަށް ލަފްޒަށް ބަދަލު ގެނައުން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު ބެޑްމިންޓަން އެސޯސިއޭޝަނަކީ އިދާރީ ހިންގުމާއި އެހެނިހެން ގޮތްގޮތުން ބަލާއިރު ކުރިއެރުން ހޯދަމުން އަންނަ އެސޯސިއޭޝަނެކެވެ.













