ރާއްޖޭން މިއަދު ކޮވިޑަށް 508 މީހަކު ޕޮޒިޓިވްވެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ދުވަހަށް މިއަދުވެއްޖެ އެވެ.
އެޗްޕީއޭން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 276 މީހުންނަށް ބަލި ޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 185 ގަ އެވެ.
މިވަގުތު މުޅި ރާއްޖޭގައި ކޮވިޑް ޖެހިފައި 5،594 މީހުން ތިބިއިރު އޭގެ ތެރެއިން 172 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
މިބަލީގައި މިހާތަނަށް ރާއްޖޭން 74 މީހަކު ވަނީ މަރުވެފަ އެވެ.
އަތޮޅުތެރެއިން ޕޮޒިޓިވްވި އަދަދުތައް
- ކ. މާފުށިން 31 މީހުން
- ޅ. ނައިފަރުން 27 މީހުން
- ކ. ދިއްފުށިން 21 މީހުން
- އއ. އުކުޅަހުން 16 މީހުން
- ކ. ހިންމަފުށިން 15 މީހުން
- އއ. މަތިވެރިން 14 މީހުން
- މާދޫން ފިޝަރީޒްއިން 23 މީހުން
- ދޫނިދޫން 8 މީހުން
- ތިލަފުށިން އެކަކު
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު މިއަދު ވަނީ އަތޮޅުތެރޭ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް މަނާ ކޮށްފަ އެވެ.














