ރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނު ލީކުކޮށްލާފައިވާ ކަމަށް ބެލެވޭތީ އިނގިރޭސިވިލާތުގެ އެ އިމްތިހާނު ދޭ އެގްޒެމިނޭޝަން ބޯޑުން ގޮތެއް ނިންމަންދެން އިމްތިހާނު ކުރިއަށް ގެންދަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އޭ ލެވެލްސް އިމްތިހާނުގެ ބައެއް މާއްދާތަކުގެ އިމްތިހާނު ކަރުދާސްތައް އިންޓަނެޓުގައި ލީކުކޮށްލާފައިވާ ކަމަށް އަންނަނީ އަޑުފެތުރެމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު އަލީ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިމްތިހާނު ކަރުދާސްތައް ލީކުވެފައި ވަނީ ރާއްޖެއިން ނޫންކަން ޔަގީންވާ ކަމަށެވެ.
"މިހާރު ކުރިޔަށްދާ އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ސްކޫލުތަކުގައި ކުރިޔަށްދާކަމުގައި ދަންނަވަން،" އައިޝަތު އަލީ ވިދާޅުވި އެވެ. "އަދި އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައެއް ނުވޭ."
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ހަމަޖައްސާފައިވާ ކަލަންޑަރުގެ ތެރެއިން އިމްތިހާނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"މިކަމާގުޅިގެން އެހެންގޮތަކަށް ޢަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭ.ލެވެލް އިމްތިހާނު ކުރިޔަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އިމްތިހާނުތައް ރާއްޖޭގައި ބާއްވަމުންދާ ގޮތް އެނގޭ މީހަކު ބުނީ އޭ ލެވެލްސް އިމްތިހާނު ކަރުދާސްތައް ރާއްޖެ ގެނެސް އެންމެ ފުރަތަމަ ބަހައްޓާނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެއަަށްފަހު ސަލާމަތީ ފިޔަވަޅުތަކާއެކު އިމްތިހާނު ކަރުދާސްތައް ރަށްރަށް ގެންދިއުމަށްފަހު ބަހައްޓާނީ އިމްތިހާނު މަރުކަޒުގެ ހުންނަ ސޭފް ރޫމެއްގައި ކަމަށެވެ.
"އިމްތިހާނު ކަރުދާސްތައް ލީކުވީ ރާއްޖެއިން ނޫން ކަމަށް އެޑިއުކޭޝަނުން ބުނީ އެ ސޭފް ރޫމްތައް ބެލުމަށްފަހު ކަންތައް ޔަގީންކޮށްފައި،" އޭނާ ބުންޏެވެ.











