ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން ގެއަށް ބަދަލުކޮށްފި އެވެ.
ރައީސް ޔާމީން ވަނީ ހެންވޭރުކޮޅުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ސަޕޯޓަރުން އެއްވެފައިވާއިރު ކުޑަދޮރުން ބޭރަށް ބައްލަވާލައްވައި، އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.
ކަރެކްޝަންސުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ޔާމީން ގެއަށް ބަދަލު ކުރީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. ޔާމީން ގޭބަންދަށް ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް ވެސް ކަރެކްޝަންސުން ބުންޏެވެ.
ޔާމީން ގޭބަންދަށް ބަދަލުކުރީ ރޯދަ މަސް ނިމެންދެންކަމަށް ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރޯދަ މަހަށް ރައީސް ޔާމީނަށް ލުއި ދިނުމުގެ ގޮތުން އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށް ދިނުމަށް އާއިލާއިންނާއި ޕީޕީއެމުން ވަނީ އެދިފަ އެވެ.

މި ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އެ ސިޓީފުޅުގައި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށް ދިނުމަށް ފާތިމަތު އެދިވަޑައިގެންފައިވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކުރައްވާ ކަމަށެވެ.
ރައީސް ސޯލިހު އެ ދުވަހު ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި، އެމަނިކުފާނު ގެކޮޅަށް ބަދަލުކުރުމަށް، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޔާމީން ގެއަށް ބަދަލުކޮށްފައިވާއިރު އެމަނިކުފާން ޖަލަށް ލީ ދުވަހުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދިޔައީ މިނިވަން ކުރަން ގޮވާލައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. ޔާމީން ގެއަށް ބަދަލު ކުރާނެ ކަމުގެ ފެހި ސިގްނަލް ދިނުމަށް ފަހު ލަސްވުމުން ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި ހުންނެވިއިރު އިތުރު ޝަރީއަތެއް ވެސް މިހާރު ހިންގަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.












