މާލޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިފަހުން މިހާތަނަށް ފެންނަނީ ދިގު ކިޔޫތަކުގައި ތޮއްޖެހިގެން މީހުން ތިބޭ ތަނެވެ. ވެކްސިން ޖަހަން ބައެއް މީހުން އެތައް އިރަކު ކިޔޫގައި ހޭދަކުރަން ޖެހެ އެވެ. މި ޝަކުވާ ބޮޑުވުމުން މި ދޭތެރެއިން އޮންލައިންކޮށް ނަމްބަރު ނެގޭ ގޮތް ހަދައި ކިޔޫ ކުޑަކުރި އެވެ. އެ ބަދަލުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް ރޭ ފެނުނީ އަނެއްކާވެސް ވެކްސިން ޖަހަން އެތައް ބަޔަކު ކިޔޫޖެހެން މަޖުބޫރުވި ތަނެވެ.
ސޯޝަލް ސެންޓަރުން ފެށިގެން ތާޖުއްދީން ސްކޫލާ ހަމައަށް ދިގު ކިޔޫއެއް ހަދަން ޖެހުނެވެ. ދެތިންގަޑިއިރު އެ ކިޔޫގައި ފިތިބާރުވެގެން ތިބުމަށް ފަހު ވެސް ވެކްސިން ނުޖެހިގެން ގެއަށް ދާން ޖެހުނު ބަޔަކު ތިއްބެވެ. އެކަމަކު، މިހެން ގިނަ ބަޔަކު އެއްވާ ތަންތަނުގައި އެންމެ ރައްކާތެރި ގޮތަކީ ގައިދުރުކުރުމުގެ އުސޫލެވެ. މި އުސޫލު ވެކްސިން ކިޔުއިން އެއްވެސް ވަރަކަށް ނުފެނެ އެވެ.
ރޯދަ މަހު ވެކްސިން ޖަހަން ހާއްސަކޮށްފައި އޮންނަނީ ތިން ގަޑިއިރެވެ. އެއީ ރޭގަނޑު 9 އިން ފެށިގެން 11:45 އަށެވެ. ކިޔޫދަމާލާފައި ތިބި އެންމެންނަށް އެ ވަގުތު ރޭ ވެކްސިން ނުޖެހުނީ އެވެ.
ހައްލު ނުހޯދުނު ވެކްސިން ކިޔޫއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ބައެއް މީހުން ރޭ ވެސް ވަނީ ޝަކުވާކޮށްފަ އެވެ. އާއްމުންނަށް މިހާރަށް ވުރެން ފަސޭހަވާނެ ގޮތަށް ވެކްސިން ޖެހުން އިންތިޒާމްކުރުމުގެ ވިސްނުން ނެތްތޯ ސުވާލުކޮށް ވެސް ހެދި އެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވަނީ ވެކްސިން ދިނުމުގައި މީހުން އުފުލަން ޖެހޭ ތަކުލީފް ނިމުމަކަށް އަންނަން ޖެހޭ ވާހަކައަށް ތާއީދު ކުރައްވައިފަ އެވެ. ވެކްސިން ޖެހުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭން ކަމާބެހޭ އިދާރާތަކުގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"ވެކްސިން ޖެހުމަށް ފަސޭހަކޮށްދެއްވާ. އާދޭސް ދަންނަވަން،" މުހައްމަދު އަލީ ވިދާޅުވި އެވެ.
"ވެކްސިން ކިޔޫއަށް ހައްލު އެބަ ހޯދަން"
ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ވެކްސިން ޖަހަން ގޮސް ކިޔޫތައް ބޮޑުވުމުން އެޗްޕީއޭ އިން ވަނީ އޮންލައިންކޮށް ނަމްބަރު ނެގޭނެ ގޮތް ހަދައިފަ އެވެ. މިގޮތަށް ހަމަޖެއްސުމުން ގިނައިރުތަކެއް ވަންދެން ކިޔޫގައި މަޑުކުރަން ނުޖެހި ވެކްސިން ޖެހެ އެވެ.
ގޭގައި ތިބެ ނަމްބަރު ނެގުމަށް ފަހު ނަމްބަރު ޖެހެން ކައިރިވުމުން މަރުކަޒަށް ގޮސް ވެކްސިން ޖެހެ އެވެ.
އެކަމަކު ރޭ ކިއުބީން އޮންލައިންކޮށް ވެކްސިން ނަމްބަރު ދުލެއް ނުކުރެ އެވެ. ގިނަ ބަޔަކު ތޮއްޖެހެން ޖެހުނު ސަބަބަކީ ވެސް އެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އޮންލައިން ޓޯކެން ނެގުން ހުއްޓާލީ އޮންލައިންކޮށް ވަރަށް މަދު ބަޔަކު ނަމްބަރު ނަގާތީ ކަމަށެވެ. އެކަމަކު ރޭ ދިގުކިޔޫއެއް އޮތުމަކީ ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް އެޗްޕީއޭން ގަބޫލުކުރެ އެވެ.
އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް މީހުން ތޮއްޖެހުމާއި އެހެނިހެން ކަންތައްތަކާއި ގުޅޭގޮތުން މިއަދު މަޝްވަރާ ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ މަޝްވަރާ އިން އިތުރު ބަދަލުތައް އަތުވެއްޖެ ނަމަ ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގައި ވެކްސިން ދެމުން އަންނަނީ ސޯޝަލް ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.
ރާއްޖޭގައި މިހާތަނަށް 294،265 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އަދި 92،612 މީހުން މިހާތަނަށް ދެ ވަނަ ޑޯޒު ޖަހައިފި އެވެ.
ކޮވިޑް ފެތުރެން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ އިއްޔެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 464 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.













