ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ފަސް ބޯޓް އަތުލީ ކޯސްޓްގާޑް ހުރަވީ ޕެޓްރޯލް ކުރުމުގެ ތެރެއިން މ. އަތޮޅާއި ވ. އަތޮޅާ ދިމާލު އިރުން 30 ނޯޓިކަލް މޭލު އެތެރެއިން ކަމަށެވެ.
އިތުރު ތަފުސީލު ސިފައިން ނުދޭތީ އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް ނޭނގެ އެވެ. އަދި، މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުލިބުނެވެ.

ސިފައިންގެ ކޯސްޓްގާޑް ލޯންޗެއް އޮޕަރޭޝަންއެއްގައި: މިއަދު ވަނީ ބޭރުގެ ފަސް މަސް ބޯޓް އަތުލައިގެންފައި-- ފޮޓޯ: އެމްއެންޑީއެފް
ރާއްޖެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަވަށްޓެރި ލަންކާގެ މަސް ބޯޓުތަކެވެ.

އެގޮތަށް އަތުލައިގަންނަ މަސް ބޯޓްތައް ސިފައިންގެ ބެލުމުގެ ދަށުން ފުލުހުންނާ ހަވާލު ކުރެ އެވެ. އެއަށް ފަހު ބޭރުގެ މަސްވެރިން އެމީހުންގެ ގައުމަށް ފޮނުވާލަ އެވެ.












