ކޮވިޑް ބަލީގައި ފަރުވާދެމުންދަނިކޮށް އިންޑިއާ މީހަކު ރާއްޖޭގައި މަރުވެއްޖެ އެވެ.
މިރޭ 8:44 ގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ކަމަށް އެޗްޕީއޭން މައުލޫމާތު ދިނެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ ކޮވިޑްގައި ހާލުބޮޑުވާ މީހުންނަށެވެ.
މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 73 އަކަށް އެރީ އެވެ. މިއަދު މެންދުރުފަހު ވެސް ކޮވިޑް ބަލީގައި މީހަކު މަރުވެފައިވެ އެވެ. އެއީ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި އިންޑިއާ މީހަކު މަރުވެފައިމިވަނީ އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ބަލީގައި އިންޑިއާއިން ދެ ލައްކަ މީހުން މަރުވެފައި ވާއިރު، ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަނާއި އިތުރު ސާމާނު ނެތުމުން ގިނަ ހޮސްޕިޓަލްތަކުން ވަނީ މީހުން އެޑްމިޓު ކުރުން ހުއްޓާލާފަ އެވެ.
އިންޑިއާގެ ހާލަތު އޮތް ގޮތުގެ ސަބަބުން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. ގިނަ ގައުމުތަކުން އެހީ ފޮނުވަން ފަށާފައިވީ ނަމަވެސް، ހާލަތު ރަނގަޅުވުމުގެ ނިޝާނެއް އަދި ނުފެނެ އެވެ.
ރާއްޖޭން ވެސް ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ކަރަންޓީނުވާން ޖެހޭ ގޮތަށް ހަދައި، ޓޫރިސްޓުންނަށް ވެސް ގެސްޓްހައުސްތަކަށް ނުދެވޭނެ ގޮތް ހަދާފަ އެވެ.












