މިދިޔަ 24 ގަޑިއިރު ތެރޭގައި މާލޭން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް، އަނެއްކާވެސް ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމުގެ ބިރު ކުރިމަތިވެއްޖެ އެވެ.
މީގެކުރިން ވެސް މާލޭގައި ކޭސްތައް ދެ ފަހަރެއްގެ މަތިން އިންތިހާއަށް އިތުރުވެފައިވެ އެވެ. ދެވަނަ ރާޅަށްފަހު މާލޭން ކޭސްތައް މަދުވެ، ފިޔަވަޅުތައް ވެސް ލުއިކޮށްފައިވަނިކޮށް އަނެއްކާވެސް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ވަނީ ފަށާފަ އެވެ.
އެގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭން 207 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިފަހުން، މާލޭގެ ކޭސްތައް އުޅުނީ 200 އިން ތިރީގަ އެވެ. އިއްޔެ ޕޮޒިޓިވްވީ 105 މީހުންނެވެ.
މާލޭގައި ކޭސްތައް މަދުވެފައި މިވީ ދުވަސްތަކުގައި އަތޮޅު ތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރުވެގެން ދިޔަ އެވެ. އަދިވެސް ރަށްރަށުން ފެންނަ ކޭސްތަކުގެ ރޭޓް ދަށް ނުވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 146 މީހަކު އެކި ރަށްރަށުން ޕޮޒިޓިވްވެފައިވެ އެވެ.
އެއާއެކު، ޖުމްލަ 464 މީހަކު މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާއިރު، މިއީ ކޮވިޑް ފެތުރެން ފެށި ފަހުން ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކޭސްތައް ރިކޯޑް ކުރެވުނު ދުވަހެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ކޭސްތަކަށް ބަލާއިރު، މިއަދު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ބ. އޭދަފުށިންނެވެ. އެ ރަށުން 38 މީހަކު ޕޮޒިޓިވްވި އެވެ. ކ. ހިންމަފުށިން 28 މީހަކު ޕޮޒިޓިވްވިއިރު، ޅ. ނައިފަރުން 19 މީހެއް އަދި ލ. ގަމުން 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ސިނާއީ ރަށްރަކުގެ ތެރެއިން މަންދޫގެ 89 މީހަކު ޕޮޒިޓިވްވެފައިވާއިރު، ގުޅީފަޅުން ތިން މީހެއް، އަދި ތިލަފުށިން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.
މިވަގުތު ޖުމްލަ 23 ރަށެއް އޮތީ އަރާފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގަ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި 3،948 މީހެއްގެ ސާމްޕަލް ނެގިއިރު، މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 122 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ދަރުމަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހަކު މިއަދު ވަނީ މަރުވެފަ އެވެ. އެއީ، 85 އަހަރުގެ ދިވެހި އަންހެނަކާއި 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
މާލޭންނާއި ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު، އެޗްޕީއޭއިން މާލޭން ރަށްރަށަށް ދިޔުމުގައި ކޮވިޑް ވެކްސިނާ ގުޅިގެން ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން ރަށްރަށަށް މާލޭން ކަރަންޓީނުވެގެން ނޫނީ ނުދެވޭ ގޮތަށް މީގެ އެއް އަހަރު ދުވަސް ކުރިން އަމަލު ކުރަން ފެށި އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން، އެޗްޕީއޭން އެންމެފަހުން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ. އަދި، އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ އެވެ.
ނަމަވެސް، މިހާތަނަށް އެއްވެސް ރަށެއްގައި އާބާދީގެ 60 ޕަސެންޓް، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެއް ނުވެ އެވެ.












