މެޑްރިޑް (އޭޕްރީލް 28) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި 1-1 އިން އިންގްލެންޑްގެ ޗެލްސީއާ އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު އަންނަ ހަފްތާގައި ޗެލްސީ ދަނޑުގައި ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިވިޔަސް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހޭނެ ހަމައެކަނި ނަތީޖާ އަކީ އެ މެޗު 1-1 އިން އެއްވަރުވެގެންނެވެ. އެ އަށް ވުރެ ބޮޑު ނަތީޖާ އަކުން އެއްވަރުވެއްޖެނަމަ ފައިނަލުން ފުރުސަތު ލިބޭނީ ރެއާލަށެވެ.
މިރޭގެ މެޗު ފަށައިގެން ޗެލްސީން އެޓޭކް ވަރުގަދަކޮށް ރެއާލް ހާސްކޮށްލި އެވެ. ހަތަރު ވަނަ މިނިޓްގައި ރެއާލްގެ އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެފައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ބޮލުން އެ ޓީމުގެ ޓިމޯ ވާނާ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ފައިން މަތަކޮށްފަ އެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ވާނާ އަށް ފޮނުވާލެވޭނެހާ ޖާގަ އޮތެވެ. ކޯޓުއާ އަކީ ކުރިން ޗެލްސީގެ ގޯލު ބެލެހެއްޓި ކީޕަރެކެވެ.
ޗެލްސީން ރަނގަޅަށް ކުޅެމުންދިޔަ ވަގުތުގައި އެ ޓީމުން ލީޑުނެގި އެވެ. މެޗުގެ 14 ވަނަ މިނިޓްގައި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ މަތިން ވައްޓާލި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޕުލިސިޗް މި ގޯލު ޖެހީ ކީޕަރު ކޯޓުއާ ކައިރިން ނައްޓާފައި ގޮހެވެ. ޕުލިސިޗް އެ ބޯޅަ އަށް އެރީ ރެއާލް ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެގެން ގޮހެވެ.
އޭގެ އިރުކޮޅެއް ފަހުން އޭރިއާބޭރުން ރެއާލްގެ ކަރިމް ބެންޒެމާ ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ރެއާލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ބެންޒެމާ ވަނީ ވޮލީ އަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބަދަލުތައް ގެނެސްގެން ދެ ވަނަ ހާފްގައި ދެ ޓީމުން ވެސް ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ރެއާލުން ވަނީ މި މެޗުގެ ދެ ވަނަ ހާފްގައި ކުރިން ޗެލްސީ އަށް ކުޅުނު ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ކުޅެން އަރުވައިފަ އެވެ. އަނިޔާގެ ސަބަބުން ހަޒާޑަށް ރެއާލްގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭގޮތްވަނީ ނުވެފަ އެވެ.
ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީއާ ދެކޮޅަށް އަދި ރެއާލަށް މޮޅެއް ނުލިބެ އެވެ. މިރޭގެ ކުރިން މި ދެ ޓީމުގެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޗެލްސީ މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް ރެއާލާ ދެކޮޅަށް މި މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެވެ. ހަތަރު މެޗުން އެއްވަރުވިއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.
ޓުޗެލް ބުނީ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު ޗެލްސީ އޮންނަން ޖެހޭނީ ލީޑުގައި ކަމަށާއި އެކަމަކު ވަގުތު ކޮޅަކަށް ޗެލްސީގެ ޑިފެންޑަރުންގެ ސަމާލުކަން ގެއްލުނުއިރު ރެއާލުން ލަނޑު ޖެހީ ކަމަށެވެ.
"ދެ ވަނަ ހާފް މިދިޔައީ ވަރަށް ޓެކްޓިކަލްކޮށް. މި ނަތީޖާ ގޯހެއް ނޫން. އެކަމަކު މިއީ އަހަރެމެންނަށް މަދުވެގެން ދެ ގޯލު ޖެހޭނެ ދުވަހެއް،" ކުރިން ޕީއެސްޖީ އާއި ޑޯޓްމަންޑް ގޮވައިގެން ރެއާލާ ދެކޮޅަށް ކުޅުނު ޓުޗެލް ބުންޏެވެ.
މާދަމާރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ޕީއެސްޖީއާ އެވެ.












