ރިޕޯޓުބޭސް ފަރުވާ އަށް ނާށިގަނޑު ދިއްކުރަން ޖެހެނީ ކީއްވެ؟

ބޭސް ފަރުވާ އަށް ނާށިގަނޑު ދިއްކުރަން ޖެހެނީ ކީއްވެ؟

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ފަންޑު ފޮށި ހުޅުވައިގެން އެހީ ހޯދުމުގެ ސަގާފަތް ހުއްޓުމަކަށް ގެނެސް އެފަދަ މީހުންނަށް ދައުލަތުން އެ ހަރަދުތައްކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ބޭސް ފަރުވާއަށް ސަލާން ޖަހަނީ: ބޭހަށް ސަލާން ޖެހުން ހުއްޓުވުމުގެ ވައުދު އަދިވެސް ނުފުދޭ-- ގްރެފިކްސް: އަހުމަދު އިހްސާން
ބޭސް ފަރުވާއަށް ސަލާން ޖަހަނީ: ބޭހަށް ސަލާން ޖެހުން ހުއްޓުވުމުގެ ވައުދު އަދިވެސް ނުފުދޭ-- ގްރެފިކްސް: އަހުމަދު އިހްސާން

ސޯޝަލްް މީޑިއާގެ ތެރެއިން ފެންނަ އެންމެ ހިތްދަތި އެއް މަންޒަރަކީ ބޭސް ފަރުވާ އަށް ސަލާންްް ޖަހާ ތަނެވެ. ކުއްްލިއަކަށް ދިމާވާ ސިއްހީ މައްސަލަތަކާއި ދާއިމީ ބަލިތަކަށް ފަރުުވާ ހޯދާ އެތައް ބަޔަކު ކޮންމެ ދުުވަހަކު ސޯޝަލް މީޑިިއާގައި ނާށިގަނޑު ހިފައިގެން ސަލާން ޖަހަ އެވެެ. އެހީއަށް އެދި ކޮށްފައި ހުންނަ ޕޯސްޓްތަކާއި ހުޅުވާފައި ހުންނަ ފަންޑުފޮށިތައް ދަނީ އިތުރުވަމުންނެވެެެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ފަންޑު ފޮށި ހުޅުވައިގެން އެހީ ހޯދުމުގެ ސަގާފަތް ހުއްޓުމަކަށް ގެނެސް އެފަދަ މީހުންނަށް ދައުލަތުން އެ ހަރަދުތައްކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރަށް ދެ އަހަރާއި ބައިވިއިރު ސުވާލަކީ އެ ވައުދު ފުއްދިއްޖެތޯ އެވެ؟

ވައުދު ފުއްދިއްޖެ، ފަރުވާގެ ހަރަދު ދެން: އާސަންދަ

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވިގޮތުގައި ސަރުކާރުގެ ވައުދަކީ ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވުން ކަމަށްވާއިރު އާސަންދަ ސްކީމްގެ ތެރެއިން އެ ވައުދު ވަނީ ފުއްދައިފަ އެވެ. އަމިއްލައަށް ހަރަދެއް ނުކޮށް ބޭސް ފަރުވާގެ ކަންކަން ރާއްޖޭގެ ހޮސްޕިޓަލްތަކުން ކުރެވޭއިރު ރާއްޖޭން ނުލިބޭ ފަރުވާތައް ބޭރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ވެސް އާސަންދައިން އެއްކޮށް ކަވަރު ކުރާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

ސުވާލަކީ އެހެންވިއްޔާ ނާށިގަނޑު ދިއްކުރަން ޖެހެނީ ކީއްވެތޯ އެވެ.

ދެ ކިޑްނީ ފެއިލް ވެފައިވާ ނޫސްވެރިޔާ، ސާއިދު އަހުމަދު ހަފްތާއަކު ދެ ފަހަރު ޑައިލަސިސް ހަދަން ޖެހޭއިރު އޭނާއަށް ވެސް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މަރިޔަމް ވިދާޅުވި ފަދައިން އާސަންދައިން އެ ހަރަދުތައް ކަވާ ކުރުމެވެ. ޑޮކްޓަރަށް ދެއްކުމާއި ކާން ޖެހޭ ބޭސްތައް ވެސް އާސަންދައިން ލިބެ އެވެ.

ކިޑްނީ ބަދަލު ކުރުމަށް ސްރީ ލަންކާއަށް ފުރަން ސާއިދު ތައްޔާރު ވަމުން އަންނަނީ އެ ބޮޑު އޮޕަރޭޝަންގެ ހުރިހާ ހަރަދެއް ވެސް އާސަންދައިން ހަމަޖައްސައި ދޭތީ އެ ހިތްހަމަޖެހުމާއެކު އެވެ. ނަމަވެސް ކަންބޮޑުވާން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭން ބޭރުގައި މަދުވެގެން ހަ މަސް ދުވަހު ހުންނަން ޖެހޭއިރު އެކަމަށް ހިނގާނެ ހަރަދުތަކެެވެ.

މީގެ ދެ އަހަރު ކުރިން ދެކިޑްނީ ފެއިލްވެ, އެހީއަށް އެދެމުންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު: އޭނާ ބުނަނީ ފަރުވާއަށް 7،000 ޑޮލަރު ބޭނުންވާ ކަމަށް -ފޮޓޯ: ހުސައިން ވަހީދު/އަދަދު
މީގެ ދެ އަހަރު ކުރިން ދެކިޑްނީ ފެއިލްވެ, އެހީއަށް އެދެމުންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު: އޭނާ ބުނަނީ ފަރުވާއަށް 7،000 ޑޮލަރު ބޭނުންވާ ކަމަށް -ފޮޓޯ: ހުސައިން ވަހީދު/އަދަދު

މީގެ ދެ އަހަރު ކުރިން ދެކިޑްނީ ފެއިލްވެ, އެހީއަށް އެދެމުންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު: އޭނާ ބުނަނީ ފަރުވާއަށް 7،000 ޑޮލަރު ބޭނުންވާ ކަމަށް -ފޮޓޯ: ހުސައިން ވަހީދު/އަދަދު

ބޭހުގެ ހަރަދު އާސަންދައިން ދޭއިރު އޭނާގެ އަތުން އެހެނިހެން ހަރަދުތަކަށް ހަ ލައްކަ ރުފިޔާ ހަރަދު ވާނެ ކަމަށް ސާއިދު ލަފާ ކުރެ އެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އެހެނިހެން ހަރަދުތަކަށް އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް އެހީ ދިނަސް އެއީ އެންމެ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ސާއިދު ބުނެ އެވެ. އެގޮތުން ކިޑްނީ ބަދަލު ކުރި އޭނާގެ އެކުވެރިއަކަށް އެންސްޕާ މެދުވެރިކޮށް ލިބުނީ 27،000 ރުފިޔާ އެވެ.

"ރިކަވަރީއަށް ވަރަށް ދުވަސް އެބަ ނަގާ. މަދުވެގެން ހައެއްކަ މަހު އެބަ ޖެހޭ އެކޮޅުގައި ހުންނަން. ބައެއް މީހުން އަހަރެއް ވެސް އެބަ ނަގާ. އެހާ ގިނަ ދުވަހު ބޭރުގައި ހުންނަން ޖެހޭތީ ކެއުމާއި ހުރުމަށް އަދި ދަތުރުފަތުރަށް ބޮޑު އެއްޗެއް ހޭދަވާނެ. އެއީ ގިނަ މީހުން އަދިވެސް އެހީއަށް އެދެން ޖެހޭ ސަބަބަކީ،" ސާއިދު ބުންޏެވެ.

ރާއްޖޭން ބޭރުގައި ފަރުވާއަށް ގިނަ ދުވަހު ތިބެން ޖެހެނީ ކިޑްނީ ބަދަލު ކުރުމާއި ކެންސަރުގެ އިތުރުން ހިތުގެ ބަލިތައް ފަދަ ކަންކަމުގަ އެވެ. އާސަންދަ ގަބޫލު ކުރާ ހޮސްޕިޓަލްތަކުން އެފަދަ ފަރުވާތަކަށް ހޭދަވާ ހުރިހާ ހަރަދެއް ކަވަރު ކޮށްދެ އެވެ. ނަމަވެސް ގޮންޖެހުމަކަށް ދިމާވާ ކަމަކީ އެހާ ގިނަ ދުވަހު ރާއްޖޭން ބޭރުގައި ތިބެން ޖެހުމުން ތިބުމާއި ކެއުމާއި ދަތުރުފަތުރުގެ ހަރަދުތަކެވެ. ގިނަ ބަޔަކު އަދިވެސް އެހީއަށް އެދެން ޖެހޭ ސަބަބަކީ އެއީކަމަށް ފަރުވާ ހޯދާ މީހުން ބުނެ އެވެ.

ކެންސަރު ބައްޔަށް އިންޑިއާއިން ފަރުވާ ހޯދާ 67 އަހަރުގެ އަންހެނެއްގެ އެހީތެރިޔަކު ބުނިގޮތުގައި އާސަންދައިން ބޭސް ފަރުވާގެ ކަންކަން ހަމަޖެހުނަސް އެ ގައުމު ތިބުމާއި އެހެނިހެން ހަރަދުތަކަށް މަހަކު މަދުވެގެން 800 ޑޮލަރު (12,336ރ.) ހަރަދުވެ އެވެ. އެ މީހުން އިންޑިއާގައި ތިބޭތާ ދެ މަސް ވެއްޖެ އެވެ. އެންސްޕާއިން އެހީ ގޮތުގައި ފުރަތަމަ މަހު 600 ޑޮލަރު ދިންއިރު ދެވަނަ މަހު ދިނީ 350 ޑޮލަރެވެ. ބޮޑެތި ބަލިތަކަށް އަހަރު ދުވަހަށް ބަހާލައިގެން ޒަކާތު ފަންޑުން ދެނީ 30،000 ރުފިޔާ އެވެ.

"އެހީގެ ގޮތުގައި އެ ލިބޭ އެއްޗަކުން އެ ހަރަދުތައް ނުކުރެވޭ. ބޮޑު އެއްޗެއް ހޭދަވޭ ކެއުމާއި ހުރުމަށް. އެހެންވެ އެހީތެރިކަން ބޭނުން ވަނީ،" އެހީތެރިޔާ ބުންޏެވެ.

ކެންސާ ޕޭޝެންޓެއް ކީމޯތެރަޕީ ނަގަނީ: ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އަދިވެސް ދަތި-- ފޮޓޯ: މަރުހަމް. ޕީކޭ
ކެންސާ ޕޭޝެންޓެއް ކީމޯތެރަޕީ ނަގަނީ: ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އަދިވެސް ދަތި-- ފޮޓޯ: މަރުހަމް. ޕީކޭ

ކެންސާ ޕޭޝެންޓެއް ކީމޯތެރަޕީ ނަގަނީ: ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އަދިވެސް ދަތި-- ފޮޓޯ: މަރުހަމް. ޕީކޭ

ފަންޑު ފޮށިތައް ބެހެއްޓުން ނުހުއްޓޭ ސަބަބަކީ އެއީ އެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ރާއްޖޭން ބޭރުގައި ތިބުމަށްދާ ހަރަދު ބޮޑު ކަމުން އާއްމުންގެ އެހީއަށް ނޭދިވާން ނެތީ އެވެ. އެހެންވެ އަދިވެސް ފަންޑު ފޮށި ބެހެއްޓުމަށް ބަދަލެއް ނާދެ އެވެ.

އާސަންދައިން އަގުތައް ކަނޑައަޅާފައި ހުންނަނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގެ ރޭޓުތަކުގަ އެވެ. ޕްރައިވެޓް ހޮސްޕިޓަލަކަށް ނުވަތަ ކްލިނިކްއަކަށް ދިޔަސް އާސަންދައިން ކަވަރު ކުރާނީ ސަރުކާރުގެ ރޭޓެވެ. އެއަށް ވުރެ ޕްރައިވެޓް ތަނުގެ އަގު ބޮޑުނަމަ އަމިއްލަ އަތުން އިތުރުވާ ބައި ދައްކަން ޖެހެ އެވެ. އަދި އެޑްމިޓް ކުރާއިރުވެސް ކޮޓަރީގެ ހަރަދުތައް ބަލަހައްޓަން ޖެހެނީ އަމިއްލަ އަށެވެ.

މަރިޔަމް ވިދާޅުވީ ރާއްޖޭން ނުލިބޭ ފަރުވާތައް ހޯދަން ބޭރަށް ދާން ޖެހޭ މީހުންނަށް ވެސް އާސަންދަ ލިބޭ ހޮސްޕިޓަލްތަކުން މުޅި ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. ނަމަވެސް ބައެއް މީހުން ވަކި ހޮސްޕިޓަލަކަށް ދާން ބޭނުންވެގެން ހުށަހަޅާ ކަމަށާއި އެ ހޮސްޕިޓަލަކީ އާސަންދަ ނުލިބޭ ހޮސްޕިޓަލެއް ނަމަ އެ ހަރަދުތައް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބެންގަލޫރުގެ ވަރަށް ހައިފައި ތަނަކަށް ދާން ބޭނުންވެދާނެ މީހަކު. އެހެންވެއްޖެއްޔާ ސޯޝަލް ސްކީމަކުންނެއް އޭތި ފުލްކޮށް ކަވާއެއް ނުކޮށްދެވޭނެ. އެކަމަކު އަޅުގަނޑުމެން އާސަންދައިން އަބަދުވެސް ޗޮއިސްއެއް ދޭނެ ބޭރަށް ފޮނުވާއިރުގައި ވެސް އެކަން އެ ސާވިސް ނެގޭނެ ހޮސްޕިޓަލެއް ދޭނެ ފުލްކަވަރޭޖާއެއް ކޮށްދޭ ތަންތަން،" މަރިޔަމް ވިދާޅުވި އެވެ.

އެކި ބަލިތަކަށް ފަރުވާ ދިނުމުގައި މަޝްހޫރު ޑޮކްޓަރުން ތިބޭއިރު ވަކި ހޮސްޕިޓަލަކުން ނޫނީ ފަރުވާ ނުހޯދަން ބައެއް މީހުން ބޭނުންވެ އެވެ. އެއީ އާސަންދަ ނުލިބޭ ހޮސްޕިޓަލެއްނަމަ އެފަދަ ހާލަތްތަކުގައި ވަކި ހޮސްޕިޓަލަކުން ފަރުވާ ހޯދަން މީހުން އެހީ ހޯދާ ކަން ފާހަގަ ކުރެވޭ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އާސަންދައިން ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވާއިރު ހޮސްޕިޓަލްގެ ހަރަދުތަކުގެ އިތުރުން ބަލި މީހާ އާއި އެއް އެހީތެރިއަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދެ އެވެ. އަދި ސިއްހީ އެހީތެރިއަކާ އެކު ގެންދަން ޖެހޭ ހާލަތުގައި އެބައެއްގެ ޓިކެޓްގެ ހަރަދު ވެސް ދެ އެވެ. ރާއްޖޭން ބޭރަށް މީހުން ބޭސްފަރުވާއަށް ދިއުމަށް ޓިކެޓަށް 15 މިލިއަން ރުފިޔާ އާސަންދައިން މިދިޔަ އަހަރު ވެސް ހަރަދު ކުރި އެވެ.

އާސަންދައިގެ އެމްޑީ މަރިޔަމް އަދަދު އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ބޭސް ފަރުވާގެ ހަރަދު އާސަންދައިން ދޭ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
އާސަންދައިގެ އެމްޑީ މަރިޔަމް އަދަދު އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ބޭސް ފަރުވާގެ ހަރަދު އާސަންދައިން ދޭ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އާސަންދައިގެ އެމްޑީ މަރިޔަމް އަދަދު އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ބޭސް ފަރުވާގެ ހަރަދު އާސަންދައިން ދޭ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މަރިޔަމް ވިދާޅުވިގޮތުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން މީހުން ދާއިރު އެންމެ އެހީތެރިއެއްގެ ބަދަލުގައި ތިނެއް ނުވަތަ ހަތަރު މީހުން ގެންދެ އެވެ. އެ އެންމެންގެ ޓިކެޓާއި ހުރުމުގެ އިތުރުން ކެއުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ވެސް މީހުން އެހީއަށް އެދޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިން ބޭސް ފަރުވާގެ ހަރަދުތައް ހިފާއިރު އެހެން ހަރަދުތަކަށް އެންސްޕާ އާއި ޒަކާތު ފަންޑުން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

"އޭގެ ހުރިހާ މެޑިކަލް ކޮސްޓްތައް ހަމަ އާސަންދަ ތެރެއިން ގޮއްސިއްޔާ އާސަންދައިން ކަވާކޮށްދޭނެ. ޓްރާންސްޕްލާންޓަކަށް ވިޔަސް، ދެން، އާސަންދައިން ނުވާ އެއްޗެއް ވެއްޖެއްޔާ ހަމަ ގިނަ ބޭފުޅުން ހަމަ އެދިވަޑައިގަންނަވާނެ މި އެންސްޕާ އަށް ވެސް، ޒަކާތު ފަންޑުން ވެސް އެހީވެދެއްވާ. އެހެންވީމަ، އެހީ ލިބޭނެ ވަރަށް ބައިވަރު ގޮތްގޮތް ހުރޭ އަސްލުގައި،" މަރިޔަމް ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ކުރިން ވާހަކަ ދެއްކި ސާއިދު ބުނިގޮތުގައި ބޭސް ފަރުވާއަށް އާސަންދައިން ބޭރަށް ދާއިރު އެހެނިހެން ހަރަދުތައް ހަމަޖައްސަން ބަޖެޓެއް ދިނުން މުހިންމެވެ. ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓޭނީ އޭރަށް ކަމަށް ސާއިދު ގަބޫލުކުރެ އެވެ.

"އެންސްޕާއިން އެދޭ އެއްޗަކުން ނުވޭ. އެކޮމެޑޭޝަން އާއި ކެއުމުގެ ހަރަދު ލިބޭނެ ގޮތެއް ހަމަޖެހެން ޖެހޭ. އޭރަށް ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓޭނީ. އެކޮމެޑޭޝަން ޕެކޭޖްތަކެއް ދީގެން،" ސާއިދު ބުންޏެވެ.

އާސަންދައިގެ އެމްޑީ މަރިޔަމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ހައްލަކީ ރާއްޖޭން ބޮޑެތި ބަލިތަކަށް ފަރުވާ ލިބުމެވެ. އޭރުން ޓިކެޓާއި ހުރުމާއި ކެއުންފަދަ ބޮޑެތި ހަރަދުތަކެއް ކުޑަ ކުރެވޭނެތީ އެވެ.

މަރިޔަމް ވިދާޅުވީ ބޮޑެތި ބަލިތަކަށް ރާއްޖޭން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނި ކުރަމުންނެވެ. އެގޮތުން ރާއްޖޭން ކުރިން ނުލިބޭ ބައެއް ފަރުވާތައް މިހާރު ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގައި ވެއްޖެއްޔާ އަޅުގަނޑުމެން ހުރިހާ އެންޖިއޯ ގްރާމްސްތައް ވެސް މި ފޮނުވަނީ ރާއްޖޭންް ބޭރަށް. މިހާރު އަޅުގަނޑުމެން އެންޖިއޯގްރާމްސްއެއް ނުއެއް ފޮނުވާނެ. އައިޖީއެމްއެޗްގައި އިންނާނެ އެންޖީއޯ ގްރާމް ހެދެން. އޭޑީކޭގައި ހުރޭ އެންޖީއޯ ގްރާމް ހެދެން. ދެން ހަމަ އެގޮތަށް މިހާރު އަޅުގަނޑުމެން ބޭރަށް ފޮނުވާނީ ކެންސާ އާއި ޓްރާންސްޕްލާންޓް ފަދަ ކަންކަމުގައި،" މަރިޔަމް ވިދާޅުވި އެވެ.

ބޭސް ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ދެ އެވެ. ބައެއް އެހީތައް އެންސްޕާ އާއި ޒަކާތު ފަންޑުން ދެ އެވެ. އެކަމަކު ފަންޑުފޮށި ބެހެއްޓުމަށް ބަދަލެއް ނާދެ އެވެ. ބަލި މީހުން ބުނަނީ ހުރުމާއި ކެއުމަށް ބޮޑު ހޭދައެއް ދާތީ ކަމަށެވެ. އެހެންކަމުން މިކަމަށް ޖުމުލަ ހައްލެއް ބޭނުންވެ އެވެ. ބޭސްފަރުވާއަށް ސަލާން ޖެހުން ހަގީގަތުގައި ހުއްޓުވޭނީ އޭރުންނެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox