ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދް އަލް ސާނީއަށް ދައުވަތެއް ފޮނުއްވައިފި އެވެ.
ސައުދީ އަރަބިއްޔާ އާއި ގަތަރުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ގަ އެވެ. ސައުދީން ތުހުމަތު ކުރީ ގަތަރުން އިރާނާއެކު މަސައްކަތްކޮށް، ސަރަހައްދީ ހަމަނުޖެހުމަށް އެއްބާރުލުންދޭ ކަމަށެވެ. އެކަމަކު ގަތަރުން އެ ތުހުމަތު ދޮގު ކުރެ އެވެ.
އެ މައްސަލާގައި ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރުން ގަތަރާ އޮތް ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުން ކަނޑާލާ، އެ ގައުމަށް ދަތި ކުރަން ފެށި އެވެ.
ނަމަވެސް މިދިޔަ ޖެނުއަރީ މަހު އެ ގައުމުތަކުން ބުނެފައިވަނީ އަލުން ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު އެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން ސައުދީ ރަސްގެފާނު ދައުވަތު އެރުވީ ގަތަރުގެ އަމީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. ގަތަރުގެ އަމީރު އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ކަމެއް އަދި ސާފެއް ނޫނެވެ.
މިދިޔަ ޖެނުއަރީ މަހު އޮތް ސަރަހައްދީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ގަތަރުގެ އަމީރު އެ ގައުމަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެ ފަހަރު ރަސްގެފާނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.










