ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންޑިއާއަށް ވުރެ ވެސް ގިނަ ކަމަށް ދައްކައިފި އެވެ.
އިންޑިއާއިން މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ ވެސް ރިކޯޑު މިންވަރަކަށް، 346,786 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވިތާ ދެ ހަފްތާއާ ދިމާކޮށް ކުއްލިއަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވެ، ހުކުރު ދުވަހު އެކަނި ވެސް 319 މީހަކަށް ބަލިޖެހިފައިވާކަން ވަނީ ހޯދިފަ އެވެ.
އެހެންކަމުން 346,786 މީހުން ޕޮޒިޓިވްވުމުގެ މާނައަކީ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ 0.025 ޕަސެންޓު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމެވެ. ގާތްގަނޑަކަށް 530,953 މީހުންގެ އާބާދީއެއް ދިރިއުޅޭ ރާއްޖޭގެ ނިސްބަތުން 319 މީހުން ޕޮޒިޓިވްވުމަކީ އާބާދީގެ 0.060 މީހުންނަށް ކޮވިޑް ރޯގާ ޖެހުމެވެ.
"ނަންބަރުތައް ކިޔަންޖެހޭނީ އާބާދީގެ ނިސްބަތުން. ރާއްޖޭގައި އެންމެ މީހަކު މަރުވިޔަސް އެއީ ވަރަށް ބޮޑު ކަމެއްތާ. ރާއްޖޭގައި އަސްލު މީހުން އުޅެންޖެހޭނީ މިކަންތަކަށް ވަރަށް ބޮޑަށް ބަލައިގެން. ޕްރެކޯޝަންސް [ރައްކާތެރިކަމުގެ ފިޔަވަޅުތައް] ފަރުވާކުޑަކޮށްގެން ނުވާނެ،" ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގައި ބަލިޖެހޭ މިންވަރު ދައްކުވައިދޭ ގުރާފެއް: ޑޮކްޓަރުން ބުނަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ފަރުވާކުޑަ ނުކުރުމަށް -- ފޮޓޯ: އަވާވޯލްޑްއިންޑޭޓާ

ޑރ. ފައިސަލްގެ ނަސޭހަތަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އަދި ވެސް އަޅަމުންދިޔުމެވެ.
މީހުން މާ ބޮޑަށް ލެކްސް [ފަރުވާކުޑަ] ވަނީހެން އަޅުގަނޑަށް ހީ ވަނީ. މާސްކު އެޅުން ވެސް، މިސާލަކަށް އެތެރޭގައި މީޓިންއެއް ބާއްވާއިރު ވެސް. އޮފީހަށް ގޮސްފަ ވެސް މާސްކު ނަގައިގެން އުޅެންޖެހެނީ. މިސްކިތުގައި ވެސް ވަރަށް ބައިވަރު މީހުން މާސްކު ނާޅާ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ގިނަ މީހުންނަކީ ވެކްސިންޖެހޭ އުމުރުގެ މީހުން ނަމަވެސް ކުޑަކުދިންނާއި މާބަނޑު މީހުންނަށް ވެކްސިންނުޖެހޭތީ އެމީހުންނާމެދު ވިސްނުމަށް ވެސް ޑރ. ފައިސަލް އެދިވަޑައިގަތެވެ.
"ވެކްސިން ނުޖެހޭ މީހުން ޖެހޭނެ މާ ބޮޑަށް ޕްރެކޯޝަންސް ނަގަން. މިސާލަކަށް މާބަނޑު މީހަކަށް ޖެހި މާ ބޮޑަށް ބަލިނުވި ނަމަވެސް ކުޑަކުއްޖާއަށް ވަރަށް އޭގެ އަސަރު ކުރާނެ. އެހެންވީމަ ވެކްސިން ނުޖެހޭ މީހުންނަށްޓަކާ ވެސް އެބަޖެހޭ އެހެން މީހުން ވަރަށް ރަނގަޅަށް ޕްރެކޯޝަންސް ނަގަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 26،667 މީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފަ އެވެ. އެއީ އާބާދީގެ ފަސް ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން 71 މީހަކު ވަނީ ބަލިޖެހިގެން މަރުވެފަ އެވެ. މިހާތަނަށް 290،094 މީހެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ވަނީ ޖަހައިފަ އެވެ. އޭގެ ތެރެއިން 70،983 މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.












