އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީންގެ އޮކްސިޖަން ސަޕްލައި ހުސްވާހާ ވަގުތު ފާއިތުވެފައި ވުމުން އޭގައި ތިބި މީހުން ދިރި ތިއްބާ ފެނިދާނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ.
އަސްކަރީ ސަބްމެރީން 53 މީހުންނާ އެކު ގެއްލުނީ މިދިޔަ ބުދަ ދުވަހު ބާލީގެ އައްސޭރި ފަށާ 100 ކިލޯމީޓަރު ދުރުން ފުން ހިސާބަކަށެވެ.
"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން އަސްކަރީ ތަމްރީނެއް ކުރިއަށް ގެންދަނިކޮށެވެ. އޮސްޓްރޭލިއާ، އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުން އަންނަނީ އެ ހޯދުމުގެ މަސައްކަތުގައި އިންޑޮނީޝިއާއަށް އެހީވަމުންނެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދެއް ވަނީ ބާލީއަށް ތިރިކޮށްފަ އެވެ.
"އިންޑޮނީޝިއާއަކީ ގާތް އެކުވެރިއެއް އަދި ސްޓްރެޓެޖިކް ބައިވެރިއެއް. ސަބްމެރީންއާ ގުޅޭ ރިޕޯޓުތައް ފެނުމާ އެކު އަޅުގަނޑުމެން އެންމެންނަށް ވެސް ފުން ހިތާމައެއް ކުރެވުނު،" ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި އެވެ.
ސަބްމެރީން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ މަތީގައި ތެލުގެ ތުނި ފަށަލައަށް ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޭގެ ފިޔުލް ޓޭންކަރަށް ގެއްލުމެއް ލިބުނު ކަމަށެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ އިންޑޮނީޝިއާގެ އަސްކަރިއްޔާއަށް ވަނީ ކަނޑުގެ 50 މީޓަރާއި 100 މީޓަރާ އަޑީގެ ސަރަހައްދެއްގައި އެއްޗެއް އޮތްކަން ފާހަގަވެފަ އެވެ. އެއީ ކޮން އެއްޗެއް ތޯ ޔަގީން ކުރަން ސޯނާ ޓްރެކް ކުރާ އާލާތްތަކާ އެކު މަނަވަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
އަސްކަރީ ތަރުޖަމާނަކު ބުނީ ސަބްމެރީންގައި އޮކްސިޖަން ހުރީ އިންޑޮނީޝިއާ ގަޑިން ހޮނިހިރު ދުވަހުގެ ދަންވަރު 03:00 ޖަހަންދެން ކަމަށެވެ. އެ ގަޑި ފާއިތުވެފައި ވާތީ ބެލެވެނީ އޭގައި ތިބި މީހުން ދިރި ތިއްބާ ނުފެންނާނެ ކަމަށެވެ.
ސަބްމެރީން ހޯދުމުގެ މަސައްކަތުގައި އިންޑޮނީޝިއާގެ ހަނގުރާމަ މަތީ ހަ މަނަވަރާއި، ހެލިކޮޕްޓަރަކާއި، 400 މީހުން އެބަ އުޅެ އެވެ. ސިންގަޕޫރާއި މެލޭޝިއާގެ މަނަވަރުތައް ވެސް އެ ސަރަހައްދުގައި އުޅޭ އިރު، އޮސްޓްރޭލިއާ، ފްރާންސް އަދި ޖަރުމަނުން ވެސް ދަނީ އެހީވަމުންނެވެ.

އިންޑޮނީޝިއާއިން ގެއްލިގެން ހޯދަމުންދާ ސަބްމެރީން.-- ފޮޓޯ: ގެޓީ އިމޭޖަޒް
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަނުގައި އުފެއްދި އެ ސަބްމެރީންނާ ގުޅުން ކެނޑުނީ ފުނަށް ޑައިވް ކުރުމުގެ ހުއްދަ ދިން ފަހުންނެވެ. އެއީ އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ދުއްވާ ފަސް ސަބްމެރީންގެ ތެރެއިން އެކައްޗެވެ. އޭތި އުފައްދާފައިވަނީ 1970 ގެ ތެރޭގަ އެވެ. އޭގެ ފަހުން ދެކުނު ކޮރެއާގައި ދެ އަހަރުގެ ދިގު މަރާމާތެއް ކޮށް ނިމުނީ 2012 ގަ އެވެ.
މީގެ ކުރިން ވެސް އަސްކަރީ ސަބްމެރީން ގެއްލުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން 2017 ވަނަ އަހަރު 44 މީހުންނާ އެކު ގެއްލުނު އާޖެންޓީނާގެ ސަބްމެރިންނެއް ފެނުނީ އޭގެ އެއް އަހަރު ފަހުން ގޮވާފައި އޮއްވަ އެވެ. ނަމަވެސް މިއީ އިންޑޮނޭޝިއާގައި ސަބްމެރީންނެއް ގެއްލުނު ފުރަތަމަ ފަހަރެވެ.










