ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާފައިވާ ވަގުތީ މިސްކިތް، މިއަދުގެ ހުކުރު ނަމާދަށް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިސްކިތަކީ، ސަރުކާރުން ރޯދަ މަހަށް އެޅުމަށް މަސައްކަތް ކުރި މިސްކިތްތަކެއް ނަމަވެސް، މަސައްކަތްތައް ލަސްވެގެން ދިޔައީ އެތަން ކޮނުމުގެ ތެރެއިން މިނިކަށިތަކާއި އާސާރީ ބައެއް ތަކެތި އަދި އިހުގެ މިސްކިތެއްގެ ބައިތައް ފެނުމާ ގުޅިގެންނެވެ.
މިނިކަށިތައް ނަގައި އެތަން އިސްލާމިކް މިނިސްޓްރީން ސާފުކުރިއިރު، ހެރިޓޭޖް މިނިސްޓްރީން ވަނީ އެތަނުގައި ހުރި އާސާރީ ތަކެތި ޑޮކިއުމެންޓްކޮށްފަ އެވެ. އަދި، ނުނެގޭ ގޮތަށް ހުރި އިހުގެ މިސްކިތުގެ ބިންގަލާއި ވަޅު ފަދަ ތަންތަން މައްޗަށް ވެލި އަޅާ ވަނީ ފޮރުވާފަ އެވެ.
ތަން ސާފުކުރުމަށްފަހު، މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލެވިފައިމިވަނީ ގާތްގަނޑަކަށް 10 ދުވަހުންނެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ކުރީ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ބާތިލްކުރީ އެވެ.












