މެޑްރިޑް (އޭޕްރީލް 22) - ސްޕެނިޝް ލީގުގައި މިރޭ ރަށުންބޭރުގައި ކަޑިޒް އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އެއް ވަަނަ އަށް އެރީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ރެއާލަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އިން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 32 މެޗު ކުޅެގެންނެވެ. ރެއާލަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ.
މިރޭ ލެވަންޓޭ 1-0 އިން ބަލިކުރި ސެވިއްޔާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 32 މެޗުން 67 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ހަތަރެއްގައި އޮތީ 30 މެޗުން 65 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ މެޗު ހަމަކުރާއިރު ގަދަ ދޭއްގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތެވެ.
މާދަމާރޭ ބާސެލޯނާ ކުޅޭނީ ގެޓަފޭއާ އެވެ. އަދި އެތުލެޓިކޯ ބައްދަލުކުރާނީ ހުއެސްކާއާ އެވެ.
ލީގުގެ 13 ވަނައިގައި އޮތް ކަޑިޒްގެ ދަނޑުގައި މިރޭ ކުުޅުނު މެޗުގައި 30 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ވިނީޝިއުސް ޖޫނިއާ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ތިން މިނިޓް ފަހުން އަލްވާރޯ އޮޑްރިއޮޒޯލާ ވަނީ ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ ބެންޒެމާ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ބެންޒެމާ އެވެ. މިއީ ކަސެމީރޯ ދިން ބޯޅައަކުން މެޗުގެ 40 ވަަނަ މިނިޓްގައި ބެންޒެމާ ޖެހި ގޯލެކެވެ. މި ދެ ގޯލާ އެކު ބެންޒެމާ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ.
ކަޑިޒް ސަޕޯޓަރުން ވަނީ އެ ޓީމުގެ ސްޓޭޑިއަމް ބޭރުގައި މިރޭގެ މެޗުގެ ކުރިން ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އެމެރިކާގެ ފަންޑުގައި ގެންނަން އުޅުނު ސުޕަ ލީގުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ. އެއީ ފައުންޑަރުންގެ ގޮތުގައި ތިބި 12 ކްލަބްގެ ތެރެއިން ނުވަ ކްލަބުން ވަކިވުމުންނެވެ. އަދި ރަސްމީކޮށް ވަކިނުވެ ތިބީ ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަކީ ސުޕަ ލީގުގެ ޗެއާމަން އެވެ.












