މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމްގެ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ. މިފަހަރު ރައީސް ފޮނުއްވި ލިސްޓުގައި ޝިފްލާގެ ނަން އޮތީ ދެ ވަނައަށެވެ.
ޝިފްލާގެ ނަން ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމީ ރައީސް ނަން ފޮނުއްވި ތިން ބޭފުޅުންނާ މިއަދު އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްތިފާގުންނެވެ.
ރައީސް ދެން ނަން ފޮނުއްވި ފާތުމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަން ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ފާހެއްނުވި އެވެ. ކޮމެޓީގައި 11 މެމްބަރުން ތިއްބެވިއިރު އެ ދެ ބޭފުޅުންނަށް ވެސް ލިބުނީ ހަ މެމްބަރުންގެ ވޯޓެވެ.
ބްރޯޑްކާސްޓިން ދާއިރާގައި ޝިފްލާ މަސައްކަތް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނިއުސް ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ޝިފްލާ މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގަ އެވެ. ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އާ މީހަކު ހޮވަނީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވާތީ އެވެ.
އެ ކޮމިޝަން އެކުލަވާލައިފައި ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސްގެ މަގާމުގައި ހުންނެވީ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ އަހުމަދު ގައިސެވެ. މެމްބަރުންގެ ގޮތުގައި ތިއްބެވީ "ހަވީރު" އާއި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި "ދިޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަމްޖަދު ވަހީދު އަދި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ.













