ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)

ޝިމާނާއާއި އޭނާގެ ދެ އެކުވެރީން ތިބީ، ސިނަމާ ހޯލުގައެވެ. އެ މީހުންނަށް ޚާއްޞަކޮށްފައިވާ ގޮނޑީގައެވެ. އަދި ފިލްމެއް ނުފެށެއެވެ. އެހެންކަމުން، އެ މީހުންގެ މައުޟޫޢަކަށް އޮތީ ނަޖާހެވެ. ޝިމާނާ ނޫން ކުއްޖަކަށް ނަޖާހެއް ނޭނގެއެވެ. އެ މީހުން ހީކުރީ ނަޖާހަކީ ޝިމާނާގެ ރައްޓެއްސެއްކަމަށެވެ. އެއީ ކުށް ހީއެއްކަން އެނގުނީ ޝިމާނާ ބުނި އެއްޗަކުންނެވެ.

"އަސްލު މަށަކަށް ކުރިއަކުން ނޭނގެ އެއީ ކޮންރަށެއްގެ، ކޮން ނަމެއް ކިޔާ މީހެއްކަމެއް ވެސް. އެކަމަކު ވަރަށް ކުރިއްސުރެ މަށާ އަޅައިގަނެގެން އުޅޭ މީހެއް އެއީ. ފެންނަ ކޮންމެ ތާކުން ވަރަށް ބަލާނެ."

"ދެން ކިހިނެއް މިތާ އޭނަ އުޅޭކަން އެނގުނީ؟" އައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ.

"މިދިޔަ މަހު އެއް ރެއަކު، އޮފީސް މީހުންނާއެކު ފިލްމަށް އައިމެއްނު. އެ ރޭ އެނގުނީ."

"ޓިކެޓެއް ނެތޭ ބުނާއިރަށް އަވަހޭ ދޯ ޓިކެޓް ގަންނަން ދިޔަލެއް." ފަރީހާ ހޭންފެށިއެވެ.

"އިންޓަވަލް ގަޑީގައި ވެސް ކޮންމެވެސް އެއްޗެއް ލިބޭނެހެން ހީވަނީ. އެ ކަހަލަ އެއްޗެއް ބުނި." ފަރީހާގެ ހުނުމުގައި ބައިވެރިވަމުން ޝިމާނާ އިތުރުކޮށްލިއެވެ.

"ކޮންމެ ފިލްމަކަށް ވެސް ދެން އަންނަން ވާނެ." އައިޝާ ވެސް އިނީ ވަރަށް ވެފައެވެ.

"ދޯ، ހިލޭ ޓިކެޓާ އިންޓަވަލާ ލިބެންޏާ ކީއްވެ ނާންނަންވީ؟" ފަރީހާ ތާޢީދުކުރިއެވެ.

ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، ރަނގަބީލުގެ އަޑުން ސިނަމާ ގުގުމާލައިފިއެވެ. ފިލްމު ފެށޭ ވަގުތު ކުޑަތަން ވަނީއެވެ. ސިނަމާގެ ހޯލު އަނދިރިކޮށްލައިފިއެވެ. ޖަހަމުން ދިޔަ ލަވައިގެ އަޑު ކެނޑި، ސިނަމާތެރެ ހިމޭންވެއްޖެއެވެ.

ނަޖާހު އިނީ ޓިކެޓް ވިއްކާ ކައުންޓަރު ދޮށުގައެވެ. އޭނާގެ މޫނުމަތީގައި އުފާވެރިކަން ވިދަވިދާ ހުއްޓެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ކައުންޓަރު ދޮށުގައި އިން ކަމާލަށް އެކަން ފާހަގަކުރެވުނެވެ. ނަޖާހު މާ ވާހަކަ ގިނަވެފައި، މަޖާވެފައި އިނީމައެވެ. މޫނުމަތީގައި ކުރިން ހުންނަ މާޔޫސްކަން ފިލައި، އުފާވެރިކަން އުތުރިއަރަމުން އަންނަތަން ފެނުނީމައެވެ. ކަމާލުގެ ހިތުގައި އުފެދުނު ސުވާލު އޭނާ ނަޖާހާކުރިއެވެ. ހިނިގަނޑަކާއެކު ނަޖާހު ދިނީ ކުރު ޖަވާބެކެވެ.

"ނުލިބިގެން އުޅުނު މީރު މޭވާ މި ރޭ ލިބިއްޖެ!"

ޝިމާނާގެ ވާހަކަ ކަމާލަށް ނަޖާހު ކިޔައިދިނެވެ. އޭނާއަށް ޝިމާނާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން، މި ރެއާ ހަމައަށް ކަން ހިނގައިދިޔަ ގޮތެވެ. އެ ވާހަކަތައް އަޑުއަހާފައި ނަޖާހަށް އުފާވެރި ދުވަސްތަކަކަށް ކަމާލު އެދުނެވެ.

ފިލްމު ނިމިއްޖެއެވެ. އޮލިމްޕަހުން މީހުންތައް ނިކުންނާން ފަށައިފިއެވެ. އޮލިމްޕަހުގެ އުދާސް މާހައުލުން ނިކުތުމާއެކު، ކޮންމެ މީހަކަށް ވެސް ހީވަނީ، އެހެން ދުނިޔެއަކަށް ނިކުމެވޭ ހެންނެވެ. އެއާކޯންކޮށްފައިވާ މާހައުލަކަށް ނޭވާލެވޭ ހެންނެވެ. އޮލިމްޕަހަށް ވަންއިރު، ރީތިކޮށް ފުށްޖަހައި މޭކަޕްކޮށްފައިވާ މޫނުތަކުން މިހާރު ފެންނަނީ ތެޔޮ ހިލިފައިވާ ތަނެވެ. ބައެއް މީހުން އަތުން މޫނު ފޮހެލައެވެ. ބައެއް މީހުން ޓިޝޫއަކުން ނޫނީ ރުމާލަކުން މޫނު ފޮހެލައި ރީތިކޮށްލައެވެ. ކޮންމެ ގޮތަކަށް މޫނު ހުއްޓަސް، ހެޔޮކަމަށް ކުރިއަށް ހިނގައިގަންނަ މީހުން ވެސް ފެނެއެވެ.

މި ބައިގަނޑުގެތެރޭގައި ހިމެނިގެން، ޝިމާނާއާއި އޭނާގެ އެކުވެރިން ވެސް ބޭރަށް ނިކުމެއްޖެއެވެ. މަގަށް ނިކުމެ ހަމަނޭވާ ލެވުމާއެކު، ހިތަށް ފިނިކަން ލިބުނެވެ.

"ކޮން ކަހަލަ ފިލްމަކަށްތަ މި އާދެވުނީ؟" މަގަށް ނިކުމެ، ކުރިއަށް ހިނގައިގަންނަމުން އައިޝާ ބުނެލިއެވެ.

"ނޭނގެ! އިޝްތިހާރުކުރިވަރުން މަ ހީކުރީ ވަރަށް ރީތިވާނެކަމަށް. ކަމުދާ ކަހަލަ ލަވައެއް ވެސް ނެތް" ޝިމާނާއަކަށް ވެސް ފިލްމު ކަމަކު ނުދިޔައެވެ.

"ކިޔައި ނުކިޔައި އެއްޗެއް ވެސް ސާފެއް ނޫން! އަނެއްކޮޅުން..."

ފަރީހާގެ ޖުމުލަ މެދުކަނޑައިލީ، މީހަކު ފަހަތުން ޝިމާނާއަށް ގޮވައިލި އަޑު އިވުމުންނެވެ. ތިން ކުދިންނަށް އެކުގައި ކަހަލަ ގޮތަކަށް ފަހަތަށް ބަލައިލެވުނެވެ. ފެނުނީ ނަޖާހެވެ. އޭނާ ހިނިއައިސްފައި ހުރެ، އެ މީހުންނާ ދިމާއަށް އަންނަތަނެވެ. މި މަންޒަރު ފެނިފައި، ޝިމާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއީ އޭނާ އުއްމީދުކުރި ކަމެއް ނޫނެވެ. އެ ގޮތަށް ފަހަތުން ނަޖާހު އަތުވެދާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

"ފިލްމު ކިހިނެއް؟" ނަޖާހު އައިސް ހުއްޓުނީ ޝިމާނާގެ ގާތުގައެވެ.

"ވަރަށް ރީތި." ޝިމާނާ ހިނިތުންވެލީ ގަދަކަމުންނެވެ.

އެ ވަގުތު މަޖީދީމަގުން ސައިކަލެއްގައި ދިޔަ އައިޝާގެ ރައްޓެއްސަކަށް އައިޝާ ފެނިގެން ގޮވައިލިއެވެ. އައިޝާ އެ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ފަރީހާ ވެސް ދިޔައެވެ. ޝިމާނާއާއި ނަޖާހު އެކަނިވީއެވެ. މިއީ ނަޖާހު ބޭނުންވެފައި ހުރި ގޮތެވެ. އެހެންކަމުން ލިބުނު ފިރުސަތުގެ ބޭނުން ހިފަން ނަޖާހު ބޭނުންވިއެވެ.

"އަހަރެން ޝިމާނާ ގާތު ވަރަށް ސީރިޔަސް ވާހަކައެއް ދައްކާލަން ބޭނުން. ކިހިނެއް ހަދާނީ؟"

"ދެން ދިމާވީމަ ދައްކާނީ ދޯ!" ޝިމާނާ ބޭނުންވީ ވާހަކަ ކުރުކޮށްލާށެވެ.

"ނަންބަރު ދޭންވީނު!"

"ނަންބަރު ދޯ!" ޝިމާނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. ހަދާނީ ކިހިނެއް ބާވައެވެ؟ ނަންބަރު ދޭންވީ ބާވައެވެ؟ ނަންބަރު ދީގެން މާ ގިނައިން ގުޅަންފަށައިފިއްޔާ، ދެން ވާނީ ކިހިނެއް ބާވައެވެ؟

"ކޮންކަމަކާ ތި ވިސްނަނީ؟ އަހަރެން މާ ގިނައެއްކޮށް ނުގުޅާނަމޭ!"

"ޔަޤީންތަ؟" އެއް ފަހަރު ވެސް ނަޖާހު ގުޅާކަށް ޝިމާނާ ބޭނުމެއް ނުވެއެވެ.

"އާނ!"

"އަސްލު ވާ ގޮތަކީ ބައްޕައަކީ ނިކަން ފާޑެއްގެ މީހެއް. ވަރަށް ރުޅިގަދަވާނެ! މީހަކު މަށާ ގުޅާކަން އެގިއްޖެއްޔާ ވަރަށް ސުވާލު ގިނަވާނެ!"

"ޝިމާނާއަށް ފަސޭހަ ގަޑިއަކު ގުޅާނީ. އޯކޭއެއްނު! ދެން ދީ ނަންބަރު!" ނަޖާހުގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.

މަޖުބޫރުވެގެން ދޭ ކަހަލަ ގޮތަކަށް، ނަޖާހަށް ޝިމާނާ ނަންބަރު ދީފިއެވެ. މާ ގިނައިން ނުގުޅުމަށް ޝަރުތުކޮށްފައެވެ. މި ރޭ ކުޅެވުނު ޑްރާމާއާމެދު މިހާރު ވެސް ޝިމާނާ މޮޔަ ހީވާން ފަށައިފިއެވެ. މި ކުރެވުނީ އަނެއްކާ ކޮންކަހަލަ ކަމެއް ބާވައެވެ؟ ނަޖާހަކީ ކޮންކަހަލަ މީހެއް ކަމެއް ވެސް ނޭނގެއެވެ. އެންމެފަހުން ނަންބަރު ވެސް ދެވުނީއެވެ.

ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ޝިމާނާ އޮށޯތީ ނިދާކަށް ނޫނެވެ. އޭނާ ފިލްމަށް ދިޔައީ ފައިރޫޒްގެ ގާތުގައި، ގުޅާނަމޭ ބުނެފައެވެ. އެހެންކަމުން އޭނާ އޮށޯވެ ހަމަޖެހިލުމަށްފަހު، ފައިރޫޒަށް ގުޅައިލިއެވެ. ތިންވަނަ ރިންގާއެކު ފައިރޫޒް ފޯނު ނެގިއެވެ.

"ތި ކޯލުގެ އިންތިޒާރުގަ ނުނިދިފަ މި އޮންނަނީ." ފޯނު ނެގިގޮތަށް ފައިރޫޒް ބުންޏެވެ.

"އެނގޭ!" ޝިމާނާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.

"ފިލްމު ރީތިތަ؟"

"ވަރަށް ފޫހި. ނުދެވުނު ނަމައޭ ހިތަށް އެރި. ފިލްމަށް ގޮސް އިންްްއިރު ފައި ވަަރަށް މިސްވި."

"އަހަރެން ވެސް މި ރޭ މި އުޅެނީ ވަރަށް ބޮޑަށް މިސްވާތީ."

"އަދިވެސް ދެ ހަފުތާ އެބަ އޮތް ދޯ! ހާދަ ދުވަހެކޭ." ޝިމާނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އޮތީ ފައިރޫޒް ދެކޭހިތުން ކެތްމަދުވެފައެވެ.

"އާނ! އަދި ބަރާބަރު ދެ ހަފުތާ އެބަ އޮތް."

"ދެން އޮފީހުން ތިކަހަލަ ދަތުރެއް ލިބުނަސް ނުދާތި!" ފައިރޫޒް ހުރީ އޮފީސް ދަތުރެއްގައި އަތޮޅުތެރޭގެ ރަށެއްގައެވެ.

"ޝިމާ ދައްކާވާހަކަ." ޝިމާނާގެ އެ ޖުމުލައިން ފައިރޫޒްގެ ގާތަށް ހިނިއައެވެ. "އޮފީހުގައި އުޅެންޏާ ޖެހޭނީ ދާން!"

"އާނ! ދޯ!"

"މިހާރު ގަޑިން ކިހައި އިރެއް؟" ފައިރޫޒް އާފުރެލިއެވެ.

"ބާރަގަޑި ބައިވަނީ."

"ދެން ހިނގާ ނިދަން އުޅެމާ! މާދަމާ ވެސް ވަރަށް ކުރިން ތެދުވަން ޖެހޭނެ."

"އާނ. މަވެސް ނުވައެއް ޖަހާއިރަށް އޮފީހަށް ދާންޖެހޭނެ." ޝިމާނާ އެނދުން ތެދުވިއެވެ.

"މާދަމާ ހެނދުނު ހޭލާފައި ގުޅާނަން. ގުޑް ނައިޓް"

"ގުޑް ނައިޓް. ލަވް ޔޫ ސޯމަޗް!"

"ލަވް ޔޫ މޯރ"

ފޯނު ބާއްވާފައި ޝިމާނާ އައިސް އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ނިދާބޮކި ދިއްލައިލުމަށްފަހު، ކަންނޭލުގައި ބައްދާލަމުން ލޯ މަރައިލިއެވެ. ގިނަ އިރުތަކެއް ނުވެ، ފޯނު ރިންގުވާން ފަށައިފިއެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ނުބުނެވި އޮތުމުން ފައިރޫޒް ގުޅީއޭ ހީކޮށް ޝިމާނާ ތެދުވެގެން ގޮސް،ް ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox