ކާން ނޫނީ ކޮޓަރިން ނުނިކުމެ އެވެ. ސްކޫލަށް ދާން ނޫނީ ގެއިން ނުނިކުމެ އެވެ. އާއިލާ މީހަކާ ވެސް ގުޅުމެއް ނޯވެ އެވެ. ކާން އިންނަނީ ފޯނުން ވީޑިއޯ ބަލަމުންނެވެ. ފެންވެރުމާއި ނިދުމަށް ނޫން ކަހަލަ ގޮތަކަށް ހެޑްސެޓް ނުނައްޓަ އެވެ. ރެ އާއި ދުވާލުގެ ގިނަ ވަގުތު އެ ކުއްޖާ ހޭދަ ކުރަނީ އެކަނި ކޮޓަރީގަ އެވެ. މިއީ އުމުރުން 12 އަހަރުގެ ދިވެހި ކުއްޖެއްގެ ހާލެވެ.
މި ހާލުގައި ތިބީ އެންމެ ކުއްޖެއް ނުވަތަ ދެ ކުއްޖެއް ނޫނެވެ؛
މިއީ އެތައް ބައެއްގެ ހާލެ އެވެ. ހާއްސަކޮށް ކޮވިޑްގެ ސަބަބުން ގިނަ ވަގުތު ގޭގައި ތިބެން ޖެހުމާއެކު ސްކްރީނަށް އެޑިކްޓުވުން ކުރިއާ ބަލާއިރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
"ލޮކްޑައުންއަށް ފަހު މިހާ މިކަން ބޮޑުވީ. ކިޔަވަން ވެސް ނޫޅޭ. އަބަދާ އަބަދު ފޯނުގައި. ކިތަންމެ ވަރަށް ކިޔަސް ކުއްޖަކާއެކު ކުޅެލަންވެސް ނުދަނީ،" އެ ކުއްޖާގެ ބެލެނިވެރިޔާ ބުންޏެވެ.
އޭގެ ފަހުން އެ ކުއްޖާއަށް ނަފްސާނީ އެކިއެކި އުނދަގޫތައްވާކަން ވެސް ވަނީ ފާހަގަވެފަ އެވެ. ކުއްލިކުއްލިއަށް ރުޅިގަދަވުމާއި ކަންކަމާ މާބިރުން އުޅުމެވެ. އެހެން މީހުންނާ މާ ބޮޑަށް އެކަހެރިވުމެވެ. މިއީ ސްކްރީނަށް ދެވިހިފުމުގެ ސަބަބުން ގިނަ ބައެއްގެ ހާލެވެ.

ކުޑަކުދިންތަކެއް ޓެބްލެޓް ކުޅެން: ކުދިން ސްކްރީނަށް އެޑްޓްވުމަކީ ނުރައްކަލެއް--
ސްކްރީން ޓައިމަކީ ސްކްރީނެއްގެ ކުރިމަތީގައި މީހަކު ހޭދަ ކުރާ ވަގުތެވެ. ސްމާޓް ފޯނާއި ކޮމްޕިއުޓާގެ އިތުރުން ޓީވީ އާއި ޓެބްލެޓް ފަދަ އާލާތްތައް ބޭނުން ކުރުމަކީ ސްކްރީން ޓައިމެވެ.
ސްކްރީނަށް ވަގުތު ނުދީ މިއަދުގެ ދުނިޔޭގައި އުޅުމަކީ ވަރަށް ދަތިކަމެކެވެ. ތައުލީމު ހާސިލު ކުރުމާއި މަސައްކަތް ކުރުމުގެ އިތުރުން ވިޔަފާރި ކުރުމާއި މުނިފޫހިފިލުވުން ވެސް ގުޅިފައި ވަނީ ކޮންމެވެސް ސްކްރީނަކަށެވެ. ހާއްސަކޮށް ޕެންޑެމިކްގެ ސަބަބުން ގިނަ ކަންކަން އޮންލައިންކޮށް ކުރުމަށް ބަދަލު ކޮށްފައިވާއިރު ސްކްރީނަށް ދޭން ޖެހޭ ވަގުތު މިވަނީ އިތުރުވެފަ އެވެ.
އެކަމަކު މިއީ ބޮޑު ނުރައްކަލެކެވެ. ވިސްނަންވީ ކަމަކީ ވަކި މިންވަރަކަށް ސްކްރީން ބޭނުން ކުރުމެވެ.
އެންމެން ދެވިހިފާފައި
ސްކްރީނަށް ދެވިހިފާފައި ވަނީ ހަމައެކަނި ބޮޑެތި މީހުންނެއް ނޫނެވެ. ތުއްތު ދަރިންނަށް ކާން ދޭ ވަގުތާއި އެ ކުދިން ރުއިން ހުއްޓުވުމަށް ކޮންމެވެސް ސްކްރީނެއް ދެއްކުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. ނަފްސާނީ ޑޮކްޓަރު ޑރ. އައިޝަތު އަލީ ނާޒްގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ އެވެރެޖުކޮށް ދިވެހި ކުއްޖަކު ދުވާލަކު ހަތަރު ގަޑިއިރު ސްކްރީން ބޭނުން ކުރާ ކަމަށެވެ. އަދި ނުވަ ގަޑިއިރަށް ވުރެ ގިނައިން ސްކްރީން ބޭނުން ކުރާ މީހުން ވެސް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގައިޑްލައިންތަކާ ހަވާލާ ދެއްވައި ޑރ. ނާޒް ވިދާޅުވި ގޮތުގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކަށް އެއްވެސް ގޮތަކަށް ސްކްރީން ދައްކަން ނުވާނެ އެވެ. އަދި ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ހަފްތާގެ ދުވަސްތަކުގައި ސްކްރީން ދައްކަން ޖެހޭނީ އެއް ގަޑިއިރު ކަމަށާއި ހަފުތާ ބަންދުގައި ވެސް ގިނަ ވެގެން ތިން ގަޑިއިރަށް ވުރެ އިތުރުނުވާނެހެން ސްކްރީން ވަގުތު ކަނޑައަޅަން ޖެހޭ ކަމަށް ނާޒް ވިދާޅުވި އެވެ.
"އެ ކުއްޖަކަށް އެ ދޭ އެއް ގަޑިއިރުގައި އެ ބޭނުން ކުރަންވީ އުނގެނުމުގައި ނުވަތަ އާއިލާ މީހުންނާ ވާހަކަ ދެއްކުމުގައި. އެކަނިއެކަނި އެއްކަލަ ސްކްރީނާ ދޯޅުވެގެން އޭގެ ތެރެއިން ގެއްލިފައި ކުއްޖާ އިންނަ ގޮތަށް އެ އެއްގަޑިއިރު ވެސް ނުދެއްވާތި،" ނާޒް އިލްތިމާސް ކުރެއްވި އެވެ.
ފަސް އަހަރުން ފެށިގެން މަތީގެ ކުދިން ތައުލީމު އުނގެނުމުގެ އިތުރުން ގިނަ ވެގެން ސްކްރީން ބޭނުން ކުރަން ވާނީ ދުވާލަކު ދެ ގަޑިއިރު ކަމަށް ވެސް ނާޒް ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ނާޒް: ސްކްރީން ވަގުތު އިތުރުވާތީ ކަންބޮޑުވުން ފާޅުކުރެއްވި-- ފޮޓޯ: ނާޒް ފޭސްބުކް
ސްކްރީނަށް ކުދިން ގިނަ ވަގުތު ދޭނަމަ އެކަން އެ ދިމާވަނީ ކީއްވެގެންތޯ ބަލަން ޖެހެ އެވެ. މިއީ ބެލެނިވެރިން ސަމާލުވާން ޖެހޭ ކަމެކެވެ. އެ ކުދިންގެ ހަޔާތުގައި އުފާވާނެ އެހެން ކަމެއް ނެތީތޯ ބަލަން ޖެހެ އެވެ. ނުވަތަ ކުއްޖަކަށް ދިމާވެފައިވާ ނަފްސާނީ ކޮންމެވެސް ކަމަކުން އަރައިގަތުމަށް ކުއްޖާ ބޭނުން ކުރާ ވަސީލަތަކީ ސްކްރީން ތޯ ވެސް ބަލަން ޖެހެ އެވެ. ބްލީ އާއި ގެވެށި އަނިޔާގެ އިތުރުން އެކެއެކި ގޯނާތަކުގެ ޝިކާރައަކަށް ވާ ކުދިން އެ އިހުސާސްތަކުން ދުރަށް ދިއުމަށް ސްކްރީނާ ގާތް ވަނީތޯ މިއީ ބަލަން ޖެހޭ ކަންކަމެވެ.
"ގޭމް ކުޅެލަކުޅެލާ ނުވަތަ އެނިމޭ ބަލާލަބަލާލައި ނޫނިއްޔާ ވީޑިއޯ ކްލިޕެއް ބަލާލަބަލާލައި މިކަހަލަ ތަފާތު ކަންކަމުގައި އެ ކުދިން އެތިބެނީ އެ ކުދިންގެ ހިތުގައި އޮތް ތަދެއް ފޮރުވާލުމަށްޓަކައި. ނުވަތަ އުފާލިބޭނެ އެހެން އެއްވެސް ޒަރިއްޔާއެއް ނެތީމައި،" ނާޒް ތަފްސީލް ކޮށްދެއްވި އެވެ.
ގިނަ މައްސަލަތަކެއް ދިމާވޭ
ދިރާސާތައް ބުނަނީ ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވާ ކަމަށެވެ. އޭގެ ތެރޭގައި ވެސް ނަފްސާނީ ގޮތުން ދިމާވާ ކަންކަން އިތުރެވެ.
ނާޒް ވިދާޅުވި ގޮތުގައި ވާހަކަ ދައްކަން ނުފަށާ ކުދިން ގިނަ ވަގުތު ސްކްރީން ކުރިމަތީ ވަގުތު ހޭދަ ކުރުމުން ބަސްމޮށެ އުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ. އަދި ސްކްރީނަށް ދޭ ވަގުތު ގިނަ ވުމުން އެ ކުއްޖާއަށް ދަސްވާން ޖެހޭ ގިނަ ކަންކަން ދަސްނުވެ ތޫނުފިލި ކަމަށް ވެސް އަސަރު ކުރާ ކަމަށް ނާޒް ވިދާޅުވި އެވެ.
"ކުދިންނާ ކުޅޭއެއްޗެހި ހިއްސާ ކުރަން، މީހުންނަށް ހެޔޮވާން، އެތައް އިހުސާސެއް ދަސް ކުރަން އެބަޖެހޭ. މި ހުރިހާ ކަމަކުން ކުއްޖާ މަހުރޫމުވެ ހަމައެކަނި ސްކްރީނަކާ ހިސާބަށް އެ ކުއްޖާ ގެއްލުވާލީމައި ދެން އޭގެ ސަބަބުން އޭނަގެ ނަފްސު ދުޅަހެޔޮގޮތެއްގައި އެ ބޮޑުވަން ޖެހޭ ބޮޑުވުންތަކަށް ބަދަލުތަކެއް އެބަ އާދޭ،" ނާޒް ވިދާޅުވި އެވެ.
ސްކްރީންގެ ކުރިމަތީގައި ގިނަ ވަގުތު އުޅޭ ކުދިން އެހެން ކުދިންނަށް ވުރެން ހެލިފެލިވެ އުޅޭ މިންވަރު އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް ނާޒް ވިދާޅުވި އެވެ. އެފަދަ ކުދިންނަށް ހިމޭނުން އިންނަން އުނދަގޫވާ ކަމަށް ނާޒް ވިދާޅުވި އެވެ.
ސްކްރީނަށް ދޭ ވަގުތު އެ ކުއްޖަކު ވަރަށް މަޑުމަޑުން އިންނާނީ. އެކަމަކު އާހިރުގައި ސިކުނޑިއަށް މިވާގޮތަކީ އެ ކުއްޖަކަށް އެއް ކަމަކަށް ސަމާލުކަން ދޭން އުނދަގޫ ވަނީ. ކިޔަވަން އެބަ އުނދަގޫވޭ. ކުއްޖަކު ލިޔަން އިންނަން ވިޔަސް ފޯކަސް ކޮށްގެން ލިޔަން އިންނަން އުނދަގޫވޭ. -- ނާޒް
ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ދުވާލަކު ދެ ގަޑިއިރަށް ވުރެ އިތުރަށް ސްކްރީން ބޭނުން ކުރާނަމަ ހާސްވުމާއި މާޔޫސް ވުމުގެ ބަލި، ޑިޕްރެޝަނަށް މަގު ފަހިވާ ކަމަށް ވެސް ނާޒް ވިދާޅުވި އެވެ. އަދި ސްކްރީނާ އެކު ގިނަ ވަގުތު ހޭދަ ކުރާ މީހުން އެހެން މީހުންނާ އެކަހެރިވުން އިތުރުވާ ކަމަށް ވެސް ނާޒް ވިދާޅުވި އެވެ.

ކުޑަކުއްޖަކު އައިޕެޑުން ވީޑިއޯއެއް ބަލަނީ: ކުޑަކުދިން ސްކްރީނަށް ދޭ ވަގުތު ކުޑަކުރަން ޖެހޭ
ބެލެނިވެރިން ކުރަންވީ ކޮންކަމެއް؟
ސްކްރީނަށް ގިނަ ވަގުތު ދިނުމުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާއިރު އެކަންކަމުން ކުދިން ސަލާމަތް ކުރުމަށް ބެލެނިވެރިން ސަމާލުކަން ދޭންޖެހެ އެވެ.
ނާޒް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ކުއްޖަކަށް ސްކްރީން ބޭނުން ކުރަން ލިބޭނީ ކިހާއިރަކުކަން ކުއްޖާ ބައިވެރިކޮށްގެން ކަނޑައެޅުން މުހިންމު ކަމަށެވެ. އަދި މިހާރު ގިނަ ވަގުތު ސްކްރީން ބޭނުން ކުރާ ކުދިން ކުއްލިއަކަށް ސްކްރީނާ ދުރުކުރުމުގެ ބަދަލުގައި ވަގުތު ދީގެން އެކަން ކުރުމަށް ވެސް ނާޒް އެދިވަޑައިގަންނަވަ އެވެ.
"ކޮންމެ ކުއްޖަކުވެސް ހަދަން ޖެހޭ ހޯމްވޯކްތައް ނިމުނީމައި ދަރިފުޅަށް ލިބޭނޭ އެއްކަލަ ދެ ގަޑިއިރު. ދެން ދަރިފުޅު ބަހާލާށޭ ހެނދުނު ބައިގަޑިއިރު ތޯ މެންދުރު ބައިގަޑިއިރުތޯ ހަވީރު ބައިގަޑިއިރުތޯ. މީގެ ތެރެއިން ކުދިން ކިޔަވާ ވަގުތު ލާނެ ކަމެއް ނެތް. އިތުރު ކަންކަން ކުރުމަށް ސްކްރީން ބޭނުން ކުރާ ވަގުތު އަޅުގަނޑު މިދަންނަވަނީ،" ނާޒް ވިދާޅުވި އެވެ.
އާއިލާ ތެރޭގައި ވަކި ގަވައިދުތަކެއް ހެދެން އެބަ ޖެހޭ. މިސާލަކަށް ކާ ގަޑީގައި އެއީ ފޯނު ބޭނުން ކުރާ ގަޑިއެއް ނޫންކަން. އަޅުގަނޑުމެން ނިދަން ކޮޓަރިއަށް ވަނުމަށް ފަހު ކޮޓަރީގައި ފޯނު ބޭނުން ނުކުރާނެކަން. އެންމެން ކުޅެލަން އުޅޭ ގަޑީގައި. މިކަހަލަ ގަޑިތަކެއް ހަދަން ޖެހޭ. -- ނާޒް
ނާޒް ވިދާޅުވި ގޮތުގައި ކުދިން ސްކްރީނާ ދުރު ކުރެވޭނީ މައިންބަފައިން އޭގެ ނަމޫނާ ދައްކައިގެންނެވެ. ބެލެނިވެރިން ސްކްރީނަށް ގެއްލިފައި އިނދެގެން ކުދިން ސްކްރީނާ ދުރު ނުކުރެވޭނެތީ އެވެ.
ސްކްރީނަކީ އެއްކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އޭގެ ސަބަބުންވާ ފައިދާ ގިނަވީތީ އެވެ. ތައުލީމު ހާސިލު ކުރުމަށާއި މައުލޫމާތު ހޯދުމަށް ވެސް ސްކްރީން މުހިންމެވެ. ނަމަވެސް ސްކްރީން ބޭނުން ކުރަން ވާނީ ވަކި ހައްދެއްގެ ތެރޭގަ އެވެ. ނޫނީ، ދިމާވާ މައްސަލަތައް ގިނަ އެވެ.












