ޖަލުގައި ހުންނެވި ރަޝިއާގެ އިދިކޮޅު ލީޑަރު މަރުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި އެވެ.
އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ ނަވަލްނީގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަވަލްނީގެ ޑޮކްޓަރުން ބުނެފައިވަނީ ބުރަކަށީގެ ރިހުމާއި ފައި އައްސިވުމުގެ މައްސަލައަށް އަވަސް ފަރުވާ ނުދީފި ނަމަ "މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަރުވާނެ" ކަމަށެވެ.
އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ ރަޝިއާގެ ސަފީރު ވިދާޅުވީ ނަވަލްނީ އުޅުއްވަނީ ސަމާލުކަން ހޯދަން ކަމަށާއި ޖަލުގައި އޭނާ މަރުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އުމުރުން 44 އަހަރުގެ ނަވަލްނީ ޖަލަށް ހުކުމް ކުރީ މިދިޔަ ފެބްރިއަރީ މަހު އެވެ. އެއީ މާ ކުރިން ސާބިތު މަނީ ލޯންޑާ ކުރުމުގެ މައްސަލައެއްގެ ޕްރޮބޭޝަން އުސޫލާ ހިލާފުވި ކަމަށް ސާބިތުވުމުންނެވެ.
ނަވަލްނީ ވަނީ މާޗް 31 ވަނަ ދުވަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފަ އެވެ. އޭނާ ޑިމާންޑު ކުރަނީ ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.
އޭނާގެ ޑޮކްޓަރުން ބުނެފައިވަނީ ލޭގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ފަރުވާ ނުދީފި ނަމަ ކިޑްނީ ފެއިލްވެ، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.










