ކޮވިޑުގެ ދެ ވަނަ ރާޅު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާ އިންޑިއާގައި ވެރިރަށް ނިއު ދިއްލީގައި އެކަނިވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި 24،000 މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ނޫސްވެރިންނަށް ވިދާޅުވީ އެ ސިޓީގެ ހޮސްޕިޓަލްތައް ފުރި އޮކްސިޖަންގެ ދަތިކަމާ ކުރިމަތިވެ، ބަލި މީހުންނަށް ފަރުވާ ދޭން ބޭނުން ކުރާ ބޭހެއް ހުސްވާން ގާތްވެފައިވާ ކަމަށެވެ.
"ފާއިތުވި 24 ގަޑިއިރު ތެރޭގައި 24،000 ކޭސް ރިޕޯޓުކުރި ދިއްލީގެ ހޮސްޕިޓަލް އެނދުތައް ދަނީ ފުރެމުން އަދި އޮކްސިޖަނާއި ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ރެމެޑެސިވިރް ބޭސް ދަނީ ހުސްވަމުން. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ އަދި ސީރިއަސް ހާލަތެއް. ކޭސްތައް މައްޗަށް ދިޔެއީ ހަމަ ކުއްލިއަކަށް،" ކެޖްރިވާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހާލަތު ކޮންޓްރޯލްގައި އޮތް ހެން ހީވި ނަމަވެސް، މިހާރު ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ.
"މި ވައިރަސް ދަތުރު ކުރަމުންދާ ދުވެއްޔަށް ބަލާއިރު، މީގެ ޕީކަށް ދާނީ ކިހާ ހިސާބަކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭ". -- ކެޖްރިވާލް
ދިއްލީގެ ސްޓޭޓް ސަރުކާރުން ދަނީ ފޯރުކޮށްދެވެން އޮތް ހުރިހާ އެހީ ހޮސްޕިޓަލްތަކަށް ދެމުން ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެނދުތައް އިތުރު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކެޖްރިވާލް ނިސްބަތްވެ ވަޑައިގަންނަވާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ) އިން ކޮންޓްރޯލް ކުރާ ދިއްލީގެ ސްޓޭޓް ސަރުކާރުން ވަނީ ކޮވިޑް ބަލި މީހަކަށް ފަރުވާ ކުރަން އެނދެއް ނުދައްކައިފި ނަމަ އެ ހޮސްޕިޓަލަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"މީހުން ޝަކުވާ އެބަ ކުރޭ ހޮސްޕިޓަލުގައި އެނދު ހުރި ނަމަވެސް، އެޑްމިޓު ކުރަން ދެކޮޅު ހަދާ ކަމަށް. އެފަދަ ކޮންމެ އަމަލާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނަން،" ކެޖްރިވާލް އިއުލާނު ކުރެއްވި އެވެ.










