ކޮވިޑުގެ ބަލިމަޑުކަމުގައި ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ތިން މިލިއަނަށް އަރާފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
މަރުވި މީހުންގެ އަދަދު ތިން މިލިއަނަށް އަރާފައި މި ވަނީ ބަލި ފެތުރޭ ރޭޓު އާދަޔާ ހިލާފަށް އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނިތާ އެއް ދުވަސް ފަހުންނެވެ.
ކޮވިޑުގެ ދެ ވަނަ ރާޅެއް ކޮންޓްރޯލް ނުކުރެވިގެން އުޅޭ އިންޑިއާއިން މިއަދު އެކަނިވެސް 230،000 މީހުން ޕޮޒިޓިވްވި އެވެ.

މިދިޔަ އަހަރު ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް 140 މިލިއަން މީހުން މުޅި ދުނިޔެއިން ވަނީ ޕޮޒިޓިވްވެފަ އެވެ.
ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޗީފް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކޭސްތަކާއި މަރުވާ އަދަދު ކަންބޮޑުވާން ޖެހޭ ރޭޓެއްގައި އިތުރުވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހަށް ބަލާއިރު ކޮންމެ ހަފްތާއަކު ވެސް ޕޮޒިޓިވްވާ ކޭސްތައް ދެ ގުނަ އިތުރުވަމުންދާ ކަމަށެވެ.
ކޮވިޑުގެ އަދަދުތައް އެންމެ މަތިކޮށް އުޅެނީ އެމެރިކާ، އިންޑިއާ އަދި ބްރެޒިލްގަ އެވެ. އެ ތިން ގައުމުން އެކަނިވެސް މިލިއަނަކަށް ވުރެ މީހުން މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކަ އެވެ.










