އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ އަތޮޅުދުވުމުގެ މެޑަލްއާ އެކު ނަގާ ފޮޓޯ ޝެއާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި ވާޗުއަލް ދުވުން ކުރިޔަށް ދަނީ މި އޮގަސްޓު މަހުގެ 1 އިން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބައިވެރިންނަށް 5 ކިލޯމީޓަރު ދުވެގެން ނުވަތަ 10 ކިލޯމީޓަރު ދުވެގެން ވެސް މި ދުވުން ފުރިހަމަ ކުރެވޭނެ އެވެ. ބޭނުންވާ މީހުންނަށް ދެ ކެޓެގަރީގައި ވެސް ދުވެވޭނެ އެވެ.
މި އިނާމުތައް ހޯދަން ބޭނުންވާ މީހުންނަށް ޖެހެނީ އެ މީހެއްގެ ދުވުން ފުރިހަމަ ކުރުމުން ލިބޭ ޑިޖިޓަލް މެޑަލްއާ އެކު ނަގާ ފޮޓޯ ooredooatolhudhuvun# ޖަހާފައި ޝެއާކުރާށެވެ. އަދި އެކައުންޓް ޕަބްލިކް ކުރުމަށް ފަހު މި ހޭޝްޓެގް ބޭނުންކޮށްގެން ފޭސްބުކް، ޓްވިޓާ ނޫނީ އިންސްޓަގްރާމުން ފޮޓޯ ޝެއާކުރާ އިރު އުރީދޫ މޯލްޑިވްސް ވެސް ޓެގް ކުރަން ޖެހެ އެވެ.
ދުވުންތެރިންގެ "ރަން މޮމެންޓްސް" ޝެއާ ކުރެވޭނެ ސުންގަޑިއަކީ އޮގަސްޓް 9 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.
އަތޮޅު ދުވުން ނިންމާ ފަރާތްތަކަށް ލިބޭ އިނާމުތައް
- މަމަކްއެމްވީ އިން ދެ މީހަކަށް ކެވޭ ޑިނާ ވައުޗާ
- ލަ ވޭރާ ޕިއްޒޭރިއާއިން އެއް ޕިއްޒާ އަދި ދެ މީހުންގެ ޑްރިންކްސް
- ރޭޖް ޖިމުން އެކަކަށް އެއް މަސް ދުވަހުގެ ޖިމް މެމްބާޝިޕް
- ޕިއްޒާ ކިޗަން އިން ޕިއްޒާއެއް
- ލެ ޕާފިއުމް އިން ގިފްޓް ޕެކެއް
މިއީ އުރީދޫއިން އަތޮޅު ދުވުން ބާއްވާ ދެ ވަނަ އަހަރެވެ. މި ވާޗުއަލް އިވެންޓުގައި ދުވުންތެރިންނަށް ޖެހެނީ ނައިކީ ރަން، ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް ނޫނީ ރަންކީޕާ އެޕް ފަދަ ޓްރެކާ އެޕަކުން އެ މީހަކު ދުވި ރޫޓްގެ ފޮޓޮއެއް ޝެއާކުރާށެވެ.











