ރިޕޯޓުކޮވިޑު ފަރުވާގައި ޑރ. މޫސަގެ އެއް އަހަރު!

ކޮވިޑު ފަރުވާގައި ޑރ. މޫސަގެ އެއް އަހަރު!

ގެއްލިގެންދާ ކޮންމެ ފުރާނައަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ފުރާނަ ސަލާމަތްކުރަން. ވެންޓިލޭޓަރަށް ލީ ގިނަ މީހުން ރަނގަޅުވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން.

ކޮވިޑު ފަރުވާގައި ޑރ. މޫސަގެ އެއް އަހަރު!

ކޮވިޑް އައިސީޔޫ، ޑީއެޗް 11އިން ޑރ. މޫސާ ހުސެއިން އިއްޔެ ހެނދުނު ވެސް ނުކުމެވަޑައިގަތީ ބަލީގައި ހާލު ބޮޑުވި މީހަކު ވެންޓިލޭޓަރަށް ލައިފަ އެވެ. އުމުރުން ދުވަސްވީ އެ މީހާގެ ފުރާނަ ސަލާމަތްކުރަން އެ ނޫން ގޮތެއް ނެތީ އެވެ؛ މެޝިނަށް ނުލައި ވޭތޯ ބަލަން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

މި ވާހަކަ ފެއްޓެވި ތަނުން ވެސް ބަލި މީހެއްގެ ގާތަށް ކުއްލިއަކަށް ވަޑައިގަންނަވަން ޖެހުނެވެ. މިއީ، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑރ. މޫސަ އާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިން އުޅެން ޖެހުނު ބުރަކަމުގެ ކުޑަ މިންވަރެކެވެ.

އިންޓަވިއުގައި ތިބި ހޯލަށް އެނބުރިވަޑައިގެން މޫސަ "އަދަދު"އަށް ވިދާޅުވެދެއްވީ ކޮވިޑު ފަރުވާގައި އަހަރެއްހާ ދުވަހު ކުރެއްވުނު ތަޖުރިބާ އެވެ؛

Advertisement

ޖ
ޖ

ޑރ. މޫސަ "އަދަދު"އާ ވާހަކަ ދައްކަވަނީ: ކޮވިޑް ފަރުވާގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އިރު އުނދަގޫޫ ހާލަތްތައް ކުރިމަތިވެވަޑައިގަތް ކަމަށް ވިދާޅުވި. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ކޮވިޑުގައި ރާއްޖެ އިން ގެއްލިގެން ދިޔަ ފުރާނަތައް ސަލާމަތްކުރަން ޑޮކްޓަރުން ކުރެއްވި މަސައްކަތެވެ. ލޯ ކުރިމަތީގައި، މީހުން މަރުވާއިރު ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސިއްހީ ހިދުމަތްތެރިންނަށް ކުރި އަސަރެވެ. ބަލި މީހާ އަށް ދެން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަން ޔަގީންވާ ހިސާބުން ކުރިމަތިވި ހިތްދަތި ކަމެވެ. އެނދުތަކުގެ ޖާގަ ފުލްވި ހާލަތްތަކުގައި ދެން ފަރުވާ ދޭނެ މީހަކު ކަނޑައެޅުމުގެ ނިންމުންތައް ނިންމަން އުނދަގޫވިި ވަރެވެ.

"މި ހުރިހާ އުނދަގޫކަމެއް ވެސް މި ބައްޔާ އެކު އަޅުގަނޑުމެންނަށް ތަޖުރިބާކުރަން ޖެހުނު،" މޫސަ ވިދާޅުވި އެވެ.

ފުރާނައެއް ގެއްލޭ ކޮންމެ ފަހަރަކީ ހިތްދަތިކަމެއް

ކޮވިޑަށް ފަރުވާ ދޭ އައިޖީއެމްއެޗުގެ ޓީމުގައި މޫސަގެ އިތުރުން ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް އާއި ޑރ. މުހައްމަދު އަލީ ސުލައިމާނާއި ޑރ. އިސްނީންގެ އިތުރުން ޑރ. ރަޖީބް ހިމެނިވަޑައިގަންނަވަ އެވެ.

މި ޓީމުގެ އުނދަގޫ ދުވަސްތަކުގެ ތެރެއިން މޫސަ އަށް އެންމެ ހިތްދަތިވި ބައެއް ހާދިސާތައް ވިދާޅުވެ ދެއްވި އެވެ.

[ކޮވިޑް ޕޮޒިޓިވްގެން] ގެނައި ތަންކޮޅެއް ޅަ އުމުރުގެ ދިވެއްސެއް. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އޭނަ ސަލާމަތް ކުރެވޭތޯ. ކެންސާ ޕޭޝަންޓެއް އެއީ. ހުރިހާ މަސައްކަތެއް ކޮށްގެން ވެސް އޭނަ ގެއްލުން އެއީ ވަރަށް ބޮޑު ހިތްދަތި ކަމެއް، ހިތާމަކުރި ދުވަހެއް، -- މޫސަ

އައިޖީއެމްއެޗުގައި ކުރިން ފަރުވާ ދެމުން އައި ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން އެޑްމިޓްކޮށް ސަލާމަތް ނުކުރެވި ދިއުމަކީ ވެސް، މޫސަ ވިދާޅުވި ގޮތުގައި، ވަރަށް އުނދަގޫވި ކަމެކެވެ.

ކްރިޓިކަލް ކެއާއަށް ޑީއެޗް 11ގައި ހުންނަނީ ގާތްގަނޑަކަށް 10 އެނދެވެ. މި އެނދުތައް ފުރޭ ފަހަރުތައް މެދުވެރި އެވެ. އެންމެ އުނދަގޫވީ، މޫސަ ވިދާޅުވި ގޮތުގައި، އެނދުތައް ފުރޭ ހާލަތަށް ދާއިރު ބާކީ އިންނަ ދެ އެނދުގައި ފަރުވާދޭނީ ކޮން ކާކަށްތޯ ކަނޑައެޅުމެވެ.

ބަލި ކޮންޓްރޯލްނުވާ މިންވަރަށް ފެތުރިއްޖެ ނަމަ ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވިދާނެ ކަމަށް ސިއްހީ މާހިރުން އޭރު ވިދާޅުވަމުން ގެންދެވީ މި މަންޒަރު އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާތީ އެވެ.

"ކްރިޓިކަލް ކެއާ ބެޑް އެހާ ގިނައިން ނެތް މާލެ އޭރިއާގައި. ހުރި ބެޑްތައް ފުލްވެއްޖިއްޔާ ޖެހެނީ ކެއާ ޕްރަޔޯރަޓައިޒް ކުރަން، މީގެއިން އެންމެ އަވަހަށް ސަވައިވްވާނެ ޕޮސިބްލް މީހުންނަށް ބަލާފައި،" މޫސަ ވިދާޅުވި އެވެ.

"ކޮވިޑުގެ އެންމެ ހާލު ބޮޑުވި މީހުން ކައިރީގައި ވަރަށް ގިނައިރު އުޅެ، ގިނަ މީހުން ވެންޓިލޭޓަރަށް ލާން ކަރަށް ހޮޅި ވެސް އަޅުގަނޑު ހުރެގެން ހުންނާނެ ލައްވާފައި. ދަންނަވަން ބޭނުންވަނީ ކޮންމެ މީހަކަށް ވެސް އެ ދެވެނީ ދުނިޔޭގެ މިވަގުތަށް ދެވެން އޮތް އެންމެ މެކްސިމަމް ކެއާއޭ."

އެކަމަކު މި ބައްޔަކީ ވަރަށް އަވަަހަށް ފެތުރިގަނެގެން ގޮސް ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ޝަޓްޑައުންކޮށްލާ ބައްޔެކެވެ. އެހެންވެ ކިތަންމެ މަސައްކަތެއް ކުރިއަސް ބަލީގައި މީހުން ގެއްލިގެން ދެ އެވެ. ރާއްޖެ އިން 25,900 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު 67 މީހަކު މި ބަލީގައި މަރުވެފައިވެ އެވެ.

ގެއްލިގެންދާ ކޮންމެ ފުރާނައަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ސޭވްކުރަން. -- ޑރ. މޫސަ

ހައި ރިސްކް މީހުން ގިނަވުމަކީ އެންމެ ބޮޑު ކަންބޮޑުވުން

މާލެ އިން ކޮވިޑުގެ ބަލި މީހަކު ފުރަތަމަ ފެނި ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރާ އެކު ލޮކްޑައުންކުރީ އެޕްރީލް، 15، 2020 ގަ އެވެ. އޭގެ ފަހުން ބާރަށް މާލެތެރޭގައި ބަލި ފެތުރިގެން ދިޔައިރު، ސިއްހީ ހިދުމަތްތެރިންނަށް ވެސް މި ބައްޔާ ގުޅޭ އެންމެ ރަނގަޅު މައުލޫމާތު ނެތުން ގޮންޖެހުމަކަށް ވި އެވެ.

ސ
ސ

މޫސަ "އަދަދު"އާ ވާހަކަ ދައްކަވަނީ: ދަސްވި ފިލާވަޅުތަކުން ކޮވިޑާ އެކު އެންމެން ވެސް އުޅެން ދަސްކުރަން އެދިވަޑައިގަތް. --ފޮޓޯ: އާއިމް ޒަމީރު / އަދަދު

ޑރ. މޫސަ ސިފަކުރެއްވި ގޮތުގައި އެ ސަބަބާ ހެދި، ހިދުމަތް ދިނުމުގައި ސިއްހީ ހިދުމަތްތެރިން މީގެ ކުރިން ދުވަހަކު ވެސް ނުކުރައްވާ އުނދަގޫ، ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ.

މިދިޔަ ޑިސެމްބަރު މަހުގައި ޗައިނާގެ ވޫހާން އިން ކޮވިޑް-19 ފެނުނުކަން އިއުލާންކުރި ހިސާބުން ފެށިގެން ވެސް މުޅި ދުނިގެ ބަލަމުން އައީ ކޮވިޑަކީ ވަރަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގަ އެވެ. ވަކި ހާއްސަ ފަރުވާއެއް ނެތް މި ވައިރަސް ފެތުރޭލެއް ބާރުވެފައި ބަލި ޖެހިއްޖެ ނަމަ ބޮޑުވަރުވާ ބަޔަކު ތިބުން އެއީ ކަންބޮޑުވުމެކެވެ.

ރާއްޖެ އައި އިޓަލީގެ ދެ ޓޫރިސްޓުން ޕޮޒިޓިވްކަން އެނގުނު އިރު މި ބަލީގައި ކުރިއަށް ދާންވީ ގޮތެއް މުޅިން ސާފެއް ނޫނެވެ. މުޅިން އާ ބައްޔަކަށް ވުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ބައެއް ޕްރިޑިކްޝަން މޮޑެލްސްތައް ހަދާފައި ހުރިއިރު ވަރަށް ގިނަ މީހުން މި ބަލީގައި މަރުވެދާނެ ކަމަށް ބެލެވިފައި ހުރީމަޔާ އެކުގައި އަދި މާލޭގެ ތޮއްޖެހުން ބޮޑުވުމުން ވަރަށް ބޮޑަށް ފެތުރިދާނެ ކަމަށް ބެލެވިފައި އޮތީ،" މޫސަ ވިދާޅުވި އެވެ.

ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރަމުން އައީ ގިނަ ބަޔަކު ބައްޔަށް ހުށަހެޅިއްޖެ ނަމަ ފަރުވާދޭނެ ގޮތްތަކެއް ހޯދުމަށެވެ. އޭރު ހުރީ މިކަމަށް ހާއްސަކޮށް ޑޮކްޓަރުން ވަރަށް ބޮޑަށް ތަމްރީންކޮށްފަ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ރާއްޖޭގައި ވެސް ހައި ރިސްކު ކެޓަގަރީގެ މީހުން ގިނަވުމެވެ. ބަލި ޖެހިއްޖެ ނަމަ އެފަދަ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އެންމެ އިސްކަމަކަށް ވީ ހައި ރިސްކު މީހުން ދެނެގަނެ އެކަށީގެންވާ ތަނަކަށް ބަދަލުކޮށް އެކަށީގެންވާ ފަރުވާއެއް ދިނުމެެވެ.

ދިވެހި ޑޮކްޓަރުންގެ ޑޮކްޓަރުންގެ ފުރަތަމަ ކާމިޔާބީއަކީ މި ބަލި އޭރު ފެތުރުނު އިޓަލީން އައިސް ތިބި ދެ ޓޫރިސްޓުން އެޑްމިޓްކޮށް ބަލިން ރަނގަޅު ކުރެވުމެވެ. ގޮތް ނޭނގޭ ބައްޔެއްގެ ކުރީކޮޅު އެއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޑޮކްޓަރުން ވިދާޅުވި އެވެ.

ފުރާނަ ސަލާމަތްކުރެވިދާނެތޯ ސުވާލު އުފެދުނު އުމުރުން ދުވަސްވީ ދެމަފިރިން ރަނގަޅު ނުވާނެ ކަމަށް އުއްމީދު ވެސް ކަނޑާލާ ހިސާބަށް ދިޔަ އެވެ. އެކަމަކު ޑޮކްޓަރުން ހިތްވަރު ދޫނުކުރެއްވީ އެވެ.

"ވެންޓިލޭޓަރުން ގިނަ ބަޔަކު ނެގުނު"

ކޮވިޑުގެ ފަރުވާގައި ހޭދަވީ އަހަރެއްހާ ދުވަހު ޑޮކްޓަރުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެންޓިލޭޓަރަށް ލާފައި ނެގުނު މީހުން ރާއްޖޭގައި ގިނަ ވުމެވެ. އެހެން ގައުމުތަކުގެ ތަފާސްހިސާބުތަކާ އަޅާކިޔާފައި ނުވި ނަމަވެސް އެއީ ފާހަގަކުރެވޭ ކަމެކެވެ.

މޫސަ ވިދާޅުވީ ބަލީގައި އުއްމީދު ކަނޑާލި ގިނަ ބަޔަކު ރަނގަޅު ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ހަކުރު ބައްޔާއި ނޭވާ ހިއްލުމާއި ނިއުމޯނިއާ ވެގެން އޮކްސިޖަން ނުހިފެހެއްޓައިގެން މެޑީކަލީ އުއްމީދު ކަނޑާލި ބަލި މީހުން މާތްﷲގެ އިރާދަފުޅާއި ބަލި މީހުންގެ ހިތްވަރުން ރަނގަޅުވެފައި ހުރި ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހުން ބަލިން އަރައިގަނެވި އަމިއްލައަށް ހިނގައި އުޅޭ ތަން ފެނިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެކެވެ.

އާއިލާއާ ދުރުގައި، ދިރިއުޅުމަށް ބޮޑު ބަދަލެއް

ކޮވިޑުގައި ހޭދަވި އަހަރު ދުވަހުގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުން ބަދަލުވެއްޖެ އެވެ؛ ބަލީގައި ފަރުވާ ދެއްވަން އުޅުނު ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ގޮތުންނެވެ. އެ މީހުންގެ ހުރިހާ ވަގުތެއް އާއިލާއާ ދުރުގައި ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގަ އެވެ. ކޮވިޑުގެ "އެކަހެރި" ކަމުގައި ތިބި މީހުންނަށް ލޮލަށް ފެންނަ ބައަކީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންނެވެ.

އެ މީހުން ވޭތުވެދިޔަ އަހަރެއްހާ ދުވަސް ހޭދަކުރީ ބަލި މީހުންގެ ފަރުވާއަށް ހުސްވެގެންނެވެ.

އަހަރެއްހާ ދުވަސް މަންމަ އާއި ދުރުގައި ހޭދަވި، -- މޫސަ

މޫސަގެ އަނބިކަނބަލުންނަކީ ނަރުހެކެވެ. ބަލި މީހުންނާ އެންމެ ގާތުގައި، ތިބެން ޖެހުނު އެއް ބައަކީ ނަރުހުންނަށް ވާތީ ފުރަތަަމަ ދުވަސްކޮޅު ދެ ބޭފުޅުން ދިމާވީ ހަފުތާއަކު އެއް ދުވަހު ކަމަށް މޫސަ ވިދާޅުވި އެވެ. ދެ ބޭފުޅުން މަސައްކަތް ކުރެއްވީ ވެސް ދެ ފެސިލިޓީއެއްގަ އެވެ.

"މީގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ލައިފް ޗޭންޖެއް މިއައީ ވަރަށް ބޮޑު،" މޫސަ ވިދާޅުވި އެވެ.

"އެތައް ބައެއްގެ ބޮޑު ގުރުބާނީއެއް"

ކޮވިޑުގެ ބިރުން އަރައިގަތުމުގެ އުއްމީދު މިއޮތީ ވެކްސިނާ އެކު އާވެފަ އެވެ. ދެ ޑޯޒު ފުރިހަމަކުރުމުގެ އުފާވެރިކަން ރާއްޖޭގައި ވެސް އެބައޮތެވެ.

އެކަމަކު ކޮވިޑުގައި ތާށިވި އަހަރެއްހާ ދުވަހަކީ ފަހަތަށް ދޫކޮށްލައި ހަނދާން ނައްތާލެވޭ ވަރަށް ވުރެން ބޮޑު ގުރުބާނީއެކެވެ. އެކަކު އަނެކަކަށްޓަކަ އެވެ. ގައުމަށްޓަކަ އެވެ.

ކ
ކ

ޑރ. މޫސަ "އަދަދު"އަށް އިންޓަވި ދެއްވަނީ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

"އަޅުގަނޑުމެން ސިއްހީ ދާއިރާގައި އުޅޭ މީހުންނަށް، އެހެން ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން އެހީވި. މިސާލަކަށް ޕޮލިސް، އެމްއެންޑީއެފް، އެހެން އޮގަނައިޒޭޝަންތަކުގައި އުޅޭ ބޭފުޅުން ވެސް ވަރަށް ބޮޑު މަސައްކަތެއްކޮށްގެން އަޅުގަނޑުމެންނަށް މެނޭޖްކުރެވުނީ މާލެ އޭރިއާގައި،" މޫސަ ވިދާޅުވި އެވެ.

މި ގުރުބާނީއަކީ މުޅި ގައުމުގެ ހުރިހާ ރައްޔިތުން އެއްވެގެން ވި ގުރުބާނީއެއް، --މޫސަ

ކޮވިޑަށް މީހަކު ޕޮޒިޓިވްކަން އެނގޭ ހިސާބުން އޭނާގެ ގެއިން އެމްބިއުލަންސަށް ލައިގެން ފެސިލިޓީތަކަށް ގެންގޮސް ފަރުވާ ފެށުމާ ހަމައަށް ވަރަށް ގިނަ ބައަކު މަސައްކަތްތަކެއް ކުރި ކަން މޫސަ ފާހަގަކުރެއްވި އެވެ. އެ އެންމެންގެ ހަޔާތުގައި ވޭތުވެދިޔަ އަހަރަކީ، މޫސަ ސިފަކުރެއްވި ގޮތުގައި، ވަރަށް ބޮޑު ބަދަލެކެވެ.

"އަދި ނުނިމޭ، ރާއްޖެ މިއޮތީ އުނދަގޫ މަރުހަލާއެއްގައި"

ދެ ޑޯޒަށް ހަމަވުމުން ރަށު ބަންދުން ވީއްލި ދަތުރުތައް ފަށަންވީ އެވެ. އެކަމަކު ކޮވިޑުން ރާއްޖެއަށް އަރައިގަނެވުނީ ހެއްޔެވެ؟

ނޫނެކެވެ؛ ޑރ. މޫސަ ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މިއޮތީ ކޮވިޑުގެ އެންމެ އުނދަގޫ އެއް މަރުހަލާގަ އެވެ. އެއީ ވަރަށް ގިނަ ރަށްތަކެއްގައި ބަލި ފެތުރިފައި އޮތުމެވެ.

ގުދުރަތީގޮތުން ބެހިފައި އޮތް ރަށްތަކަށް ކަނޑުދަތުރުފަތުރުކުރުމަކީ އެހާ ފަސޭހަ ނުވުމާއި ކޮވިޑް މެނޭޖްކުރަން ވަސީލަތްތައް ހުރި ކަމުގައި ވިޔަސް މި ބަލީގެ ފަރުވާ ދިނުމުގައި ތަޖުރިބާހުރި މީހުން ގިނަ ތަންތަނުގައި ނެތިއްޖެ ނަމަ ބޮޑުވަރުވުން އެކަށީގެންވެ އެވެ. ބައެއް ރަށްތަކުން ޕޮޒިޓިވްވާ މީހުން ކިރިޔާ ގޯސްވާ އަތަށް އަޅާލުމުން މާލެ ފޮނުވަން ބޭނުންވެ އެވެ.

s
s

ކޮވިޑް ވެކްސިން ކިޔޫގައި ގިނަ ބަޔަކު މަޑުކޮށްލައިގެން: ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްގެން ވެސް ދަސްކުރަން ޖެހެނީ ކޮވިޑާ އެކުގައި އުޅެން ކަމަށް ޑރ. މޫސަ ވިދާޅުވި. -- ފޮޓޯ / އަދަދު

މޫސަ ވިދާޅުވީ ސިއްހީ ދާއިރާ ވެސް ހިމެނޭ ގޮތުން ހުރިހާ ރައްޔިތުން ކޮވިޑާ އެކު އުޅުން ނޫން ގޮތެއް ނެތް ކަމަށެވެ. ޑޮކްޓަރުންގެ ފަރުވާ މިހާރު ކުރިއަށް ގެންދަނީ ކޮވިޑާއި ނޮން ކޮވިޑް މީހުންނާ އެކުގަ އެވެ. އެހެން ދާއިރާތަކުގައި އުޅޭ މީހުން ވެސް ހިދުމަތުގައި ނުކުމެ ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

ވެކްސިންގެ ދެ ޑޯޒު ޖެހުމާ އެކު ބަލިން އަރައިގަނެވުނީއެއް ނޫނެވެ. ވެކްސިންގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮވިޑް ބަލި ޖެހުނަސް ބަލީގެ އެންމެ މިންވަރު ދަށްކުރުމެވެ. ވެކްސިން ޖެހިޔަސް ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.

ކޮވިޑާ އެކު ސިއްހީ ދާއިރާއަށް އަށް ކުރަން ޖެހުނީ ތަކުލީފު ބޮޑު ތަޖުރިބާތަކެކެވެ؛ ޑރ. މޫސަ ހިއްސާކުރެއްވީ އަހަރެއްހާ ދުވަހުގެ ތެރެއިން ކުޑަ ޕަސެންޓެކެވެ.

"މިއީ ހަމައެކަނިި ހެލްތު އިޝޫއެއް ނޫން. ސޯޝިއޯއިކޮނޮމިކް ހެލްތު އިޝޫއެއް. މީގައި އިގްތިސާދީ ގޮތުންނާއި ދިރިއުޅުމާއި ވަރަށް ގިނަ ކަންތަކެއް ވަރަށް ގިނަ މީހުންގެ ބަދަލުވެގެން ހިނގައްޖެ، ވަރަށް ގިނަ މީހުން ގުރުބާނީތަކެއް ވެއްޖެ،" މޫސަ ވިދާޅުވި އެވެ.

"މި ގުރުބާނީއަކީ މުޅި ގައުމުގެ ހުރިހާ ރައްޔިތުން އެއްވެގެން ވި ގުރުބާނީއެއް."

އޭނާ އެދިވަޑައިގަންނަވަނީ، މި ބައްޔާ އެކު އުޅެން ދަސްކުރާށެވެ. ކުރިމަތިވި ގޮންޖެހުންތަކާއި ހިތްދަތި ކަމާއި އުނދަގޫތަކުން އަރައިގަތުމުގައި މި ބަލިން ލިބުނު ފިލާވަޅުތަކާއި ރީތި އާދަތައް ކުރިއަށް ނެރުމަށެވެ.

ފަޒީނާ އަހުމަދު

އެޑިޓަރ

ދެ ހާސް ހަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ފަޒީނާ އަހުމަދަކީ ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އަދި ކޮރަޕްޝަނުގެ މައްސަލަތައް ކަވަރުކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމު ތިން ފަހަރު ހާސިލްކޮށްފަ އެވެ. ކުރިން މަސައްކަތްކުރީ "ހާމަ"، "ހަވީރު" އަދި "މިހާރު" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox