ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ.

ސީމާ ހުރީ ކޮޓަރީގައެވެ. ނަބީލުގެ އިންތިޒާރުގައެވެ. މިހާރު ނަބީލު އަންނާނެއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އޭނާ ހަމަ ގަސްތުގައި ކޮޓަރިން ނުނިކުތީއެވެ. އޭނާ ބޭނުންވީ ނަބީލު ކޮޓަރިއަށް ވައްދާށެވެ. އޭނާ ބުނި ގަޑީގައި، އޭނާ ބުނިގޮތަށް ކަންތައް ކުރަން ފުރުސަތު ދޭށެވެ. އެހެންކަމުން އެއް ގަޑި ފަނަރަ ހިނގާން ކައިރިވުމުން، ސީމާ ގޮސް ޑްރެސިންޓޭބަލް ކައިރީގައި ހުއްޓުނެވެ. ވަންނަ ދޮރަށް ފުރަގަސްވާ ގޮތަށެވެ.

މާ ގިނައިރު އެހެން ހުންނާކަށް ސީމާއަކަށް ނުޖެހުނެވެ. ކޮޓަރީ ދޮރު ހުޅުވާލައިފައި މީހަކު ވަދެއްޖެއެވެ. ހަމަ ޔަޤީނެވެ. އެއީ ނަބީލެވެ. އޭނާ އެ އައި ގޮތަށް އައިސް، ސީމާގެ ފުރަގަހުން ބައްދާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމެއްގެ ބޮޑުކަމުން، ސީމާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ސީމާގެ ގައިން ދޮވަމުން ދިޔަ "އިޓާނިޓީ" ގެ މީރުވަހުން ނަބީލުގެ ހިތް ފުރެމުން ދެއެވެ.

"ވަރަށް ލޯބިވޭ!" ކަންފަތަށް ވަން ނަބީލުގެ ވައިއަޑު، ސީމާގެ މުޅި ހަށިގަނޑުން ހީބިހިނެގުވިއެވެ.

"މީ ޓޫ" ސީމާއަށް ލޯ މަރައިލެވުނެވެ.

"މިއަދު އަދި ވަކިން ރީތިހެން ހީވަނީ" ނަބީލުގެ ކުރިމައްޗަށް ސީމާ އަނބުރައިލުމަށްފަހު، މޫނަށް ބަލައިލަމުން ނަބީލު ބުންޏެވެ. ސީމާ ލަދުން ބޮނޑިވެގަތެވެ. އިރުކޮޅަކަށްފަހު އޭނާ ލޯ ހުޅުވައިލިއެވެ. ނަބީލުގެ މޫނަށް ބަލައިލިއެވެ.

"ތޭންކްޔޫ!"

ކޮން ކަމަކަށް؟"

ބުނި ގަޑިއަށް އައިމަ. ދެން ކޮބައި ސަޕްރައިޒް؟" ސީމާ ބޭނުންވަނީ ނަބީލްގެ ސަޕްރައިޒް އެނގޭށެވެ.

"ފުރަތަމަ ސީމާގެ ސަޕްރައިޒް! ހިނގާ އަވަހަށް ކާންދާން!" ސީމާގެ އަތުގައި ހިފައިގެން، ނަބީލް ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. "ބައްޕަ ކޮބާ؟"

"މިހާރު އަންނާނެ. ކޮބާ ނަބީގެ ބައްޕަ؟ ބުނީމެއްނު މިއަދު މެންދުރު ކާން އަންނަ ވާހަކަ."

"އާނ! ދޯ!" ޖީބުގައި އޮތް ފޯނު ނަގައި، ބައްޕައަށް ނަބީލު ގުޅައިލިއެވެ.

"ސަރޕްރައިޒް!" ކާމޭޒުމަތީގައި ހުރި ބޮޑު ބޯތަށްޓެއްގެ މަތި ނަގަމުން ހިނިތުންވެ ހުރެ، ނަބީލުގެ މޫނަށް ސީމާ ބަލައިލިއެވެ. އެ ތަށީގައި ހުރި ހަނާކުރި ބޯވަ ފެނިފައި، ނަބީލު އުފަލުން ފޮޅުނުތަން އޭނާއަށް ފެނުނެވެ. ނަބީލަށް އަނގަ ކައިލެވުނެވެ.

"މަގޭ ހިތަށް ވެސް އެރި ބޯވަ ހެދީއޭ. ހާދަ ރަނގަޅޭ!" ސީމާ ގެނެސް ގަޔާ ކައިރިކޮށްލަމުން، ސީމާގެ ނިތްކުރިއަށް ނަބީލް ދޮނެއް ދިނެވެ.

"ދެން ކޮބާ ނަބީގެ ސަޕްރައިޒް؟" ސީމާ ހުރީ ނަބީލުގެ އުނަގަނޑާ ދިމާއިން ބައްދާލައިގެންނެވެ.

"ލޯ މަރާ!"

ސީމާ ލޯމެރުމުން ޖީބުގައި އޮތް ވޮލެޓް ނަގައި، އެއިން ދެ ޓިކެޓް ނެގިއެވެ. އެއީ މި ރޭ ސީމާ ގޮވައިގެން ފިލްމަށް ދާން ނަބީލް ނެގި ދެ ޓިކެޓެވެ. ފިލްމަށް ދިޔުމަކީ، ނަބީލުގެ އާދައެއް ނޫނެވެ. ސީމާގެ ސުންނަތެއް ވެސް ނޫނެވެ. އެހެންނަމަވެސް ދުވަސްތަކަކަށްފަހު، އޮލިމްޕަހުގައި ދިވެހި ފިލްމެއް އަޅުވާތީއާއި ސިނަމާއެއްގައި ސީމާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ ހިތުން ޓިކެޓް ނެގީއެވެ.

"ލޯ ހުޅުވާ!"

ސީމާ ލޯ ހުޅުވިއެވެ.

"ސަޕްރައިޒް! މި ރޭ އަހަރެމެން ފިލްމަށް ދާނީޔޯ!" ރާގު އަޅުވާލައިފައި ނަބީލު ކިޔައިލިއެވެ.

ސީމާއަށް ފެނުނީ ނަބީލުގެ އަތުގައި އޮތް ދެ ޓިކެޓެވެ. އެ ދެ ޓިކެޓްގައި ވެސް އޮތީ "ސަޕްރައިޒް" އެވެ. އެއީ މި ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކުރާ ފިލްމުގެ ނަމެވެ.

"ފިލްމަށް ވެސް ސަޕްރައިޒް؟" ސީމާއަށް އަހައިލެވުނެވެ.

"އާނ! އެހެންވެއޭ ސަޕްރައިޒްއެއް އޮންނާނޭ ބުނީ ވެސް. ދާންވާނެ ދޯ!"

"މަ އަދި ދުވަހަކު ވެސް އޮލިމްޕަހަކަށް ނުދަން!" ސީމާ ހިނިތުންވެލާފައި ބުންޏެވެ.

"މަ ދިޔައިން އެއް ފަހަރު."

ވާހަކަ މިހައިތަނަށް ދިޔަތަނާ ނަބީލުގެ ބައްޕަ ޖަމާލު އައިސް، ކާގެއަށް ވަނެވެ. ބައްޕަ ފެނުމުން ނަބީލް ކޮޅަށް ތެދުވިއެވެ. ސީމާ ވެސް ތެދުވިއެވެ.

"ބައްޕާ!"

"ދަރިފުޅުމެން ކޮން ވާހަކައެއް މާ އޮލަކޮށްލާފަ ތި ދައްކަނީ؟" ޖަމާލު އައިސް، އެ ތަނުން ގޮނޑިއެއްގައި އިށީންނިއެވެ.

"މި ދައްކަނީ މި ރޭ ފިލްމަށްދާ ވާހަކަ." ނަބީލާއި ސީމާ ވެސް މޭޒުދޮށުގައި ޖައްސައިލިއެވެ.

"އޮލިމްޕަހަށް؟" އަވަސް އަވަހަށް ޖަމާލަށް އަހައިލެވުނެވެ. ސިހިފައި އަހައިލާ ކަހަލަ ގޮތަކަށެވެ.

"އާނ! ސީމާ ގޮވައިގެން ދިވެހި ފިލްމެއް ބަލައިލަން ކަމަށް."

"ބައްޕައަކަށް ހިޔެއްނުވޭ ތިޔައީ ރަނގަޅު ކަމެއްހެން." ޖަމާލުގެ މޫނުމަތީން ފެންނާން ހުރީ ކަންބޮޑުވުމެވެ.

"އެއީ ކީއްވެ؟" ނަބީލަށް ހުރެވުނީ ސުވާލެއްގެ ތެރޭގައެވެ.

"މި އޮތް ހުރިހައި ދުވަހު ފަޅަށްހުރި ތަނެއްނު އެއީ. ބައްޕައަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ ދާކަށް."

"ބައްޕަ ދައްކާ ވާހަކަ." ނަބީލްގެ ގާތަށް އައީ ހިންޏެވެ. "ފަޅަށް ހުއްޓޭކިޔާފަ ކީއްތަވާނީ؟ އެ ތަން ފުލްވާނެ މި ރޭ."

"ފަޅަށް ހުރުމެއް ނޫން މައްސަލައަކީ. ފަޅުވާން ޖެހުނު ސަބަބު މައްސަލައަކީ. އެހެންވެ މި ހެން މި ބުނީ."

މި ވާހަކައިގައި ނަބީލުގެ ދެ ބަފައިން ތިއްބާ، ޒާހިރުގެ ދެމަފިރިން އައިސް ކާގެއަށް ވަނެވެ. ކޮންމެ ދުވަހަކު ވެސް ފިހާރަ ބަންދުކޮށްފައި ޒާހިރު އަރާނީ މިސްކިތަށެވެ. ގެއަށް އަންނާނީ ނަމާދުން ފައިބައިގެންނެވެ. އެހައި އިރުވާންދެން އަބީރާ އިންނާނީ މުސައްލަ މަތީގައެވެ. ނަމާދުކޮށް ނިމިގެން ޤުރުއާން ކިޔަވާށެވެ.

"އަހަނ. ޖަމާލު ވެސް އައިސް ދޯ މި އިނީ؟ ނުވެސް ދެނަހުރިން!" ޒާހިރު ހިނިތުންވެލިއެވެ.

"ސީމާ މިއަދު މާ މީރު އެއްޗެއް ކައްކައިގެން އުޅޭ ވާހަކަ ބުނީމަ މި އައީ."

"ޚާއްޞަ ކޯއްޗެއް އަނެއްކާ ކެއްކީ ދަރިފުޅާ؟" ސީމާއާ ދިމާއަށް ބަލައިލަމުން ހިނިތުންވެލައިފައި، ޒާހިރު އައިސް އެ ތަނުން ހުސްގޮނޑިއެއްގައި ޖައްސައިލިއެވެ.

"ބޯވަ ހެދީ. ދޯ ދަރިފުޅާ! ނަބީލަށް މާ މީރު އެއްޗެކޯ ބޯވަމަހަކީ" އަބީރާ އައިސް ތަށިތަކުގެ މަތި ނަގާންފެށިއެވެ.

"އެހެންތަ؟ ތީ ބައްޕައަށް ވެސް ވަރަށް މީރު އެއްޗެއް. އަވަހަށް ކާން ފަށަމާ ހިނގާ!" ޒާހިރު ތަށްޓެއް ނެގިއެވެ.

ރޭގަނޑުގެ އަށްގަޑިބައި އެހައިކަންހައި އިރެވެ. ފެންނަނީ މަޖީދީމަގެވެ. އޮލިމްޕަސް ކައިރިއެވެ. ދުއްވާތަކެއްޗާއި ހިނގާބިނގާވާ މީހުން އިރަށާއި ހުޅަނގަށް ދަތުރުކުރަމުންދެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މަންޒިލަކަށް ވަނީ އޮލިމްޕަހެވެ. އަންހެނުންނާއި ފިރިހެނުންނެވެ. އެހެންނަމަވެސް ގިނައީ އަންހެނުންނެވެ. ވަރުގެކޮޅަށް ނަލަހެދިލައިގެން އަންނަ އަންހެން ގުރޫޕުތަކެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތީން ވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ރައްޓެހިންނާއެކު ބައިހަދާލައިފައި، ބޭރަށް ނިކުމެލެވުނީތީ ވެވޭ އުފަލެވެ. ޒަމާންތަކަކަށްފަހު، ދިވެހި ފިލްމަކަށް ވަދެލުމުގެ ފުރުސަތު ލިބޭތީ ލިބޭ ހިތްހަމަޖެހުމެވެ.

މި ބައިގަނޑުގެ ތެރޭގައި ލާމެހިގެން އައިސް އޮލިމްޕަހަށް ވަންތަން ފެނުނީ ނަބީލާއި ސީމާއެވެ. އަތުގައި ހިފާލައިގެންނެވެ. ގަޔަށް ރީތިކޮށް ފަހާފައި ހުރި ހުދުކުލައިގެ ދިގު ހެދުމެއްގައި ސީމާ ފެންނައިރު ވަކީން ބޮޑަށް ރީތިކަމަށް ދައްކައެވެ. ނަބީލު ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއްގައެވެ.

"ހާދަ ބަޔަކު އެބަ ވަދެޔޭ ދޯ!" އޮލިމްޕަހަށް ވަންނަ މީހުންގަނޑުގެ ތެރެއިން ފުރޭނެމުން، ހޯލާދިމާއަށް ނަބީލާއި ސީމާ ދިޔައެވެ.

"މަ ބުނީމެއްނު މި ރޭ ފުލްވާނޭ." ވޮލެޓުން ޓިކެޓް ނަގަމުން ނަބީލް ބުންޏެވެ.

"އެހައި ގިނަ ދުވަސްކޮށްފަ ފިލްމެއް އެޅުވީމަ ވީ ގޮތް ކަންނޭނގެ. ދޯ!"

ޓިކެޓް ކަނޑާފައި ނަބީލާއި ސީމާ އޮލިމްޕަހުގެ ހޯލަށް ވަދެއްޖެއެވެ. އެއީ ސީމާއަށް އަދި މުޅިން އާ މާހައުލެކެވެ. ނަބީލު ވެސް ވަރަށް ކުރިން ވަން ތަނެކެވެ. އެހެންކަމުން ދެ މީހުންގެ ހަރަކާތުގައި ވެސް ހުރީ އާ ކަމެވެ. ގޮނޑި ދައްކަން ހުންނަ މީހާ ދެއްކި ގޮނޑީގައި، އެ މީހުން ގޮސް ޖައްސާލިއެވެ. އޭރު ވެސް ވަރުނުލައި މީހުން ވަންނަމުން ދެއެވެ.

ނަބީލަށް ގޮނޑީގައި ހަމަޖެހިލެވޭވަރު ނުވެއެވެ. ޖީބުގައި އޮތް ފޯނު ރީންގުވާން ފަށައިފިއެވެ. ނަބީލު ފޯނު ނެގިއެވެ.

"ބައްޕަ އެ ގުޅަނީ."

"ދެން އަވަހަށް ނަގާ!"

"ފިލްމަށް އައިތޯ ބަލަން އެ ގުޅަނީ. ހަވީރު ވެސް ގުޅާފަ ބުނި ފިލްމަށް ދާނެކަމެއް ނެތޭ."

"އެހެންތަ؟ ދެން ނަބީލް ކީކޭ ބުނީ؟"

"މަބުނިން މިހާރު ޓިކެޓު ވެސް ނެގިއްޖޭ. ދެން ދާނީއޭ. އެކަމަކު އެހައި ހިތްހަމަޖެހިފައެއް ނޫން ހުރީއެއް."

"ބައްޕަ އަދިވެސް ދެކެނީ ނަބީލަކީ ކުޑަކުއްޖެއްކަމަށް ކަންނޭނގެ އެއްނު." ސީމާ ހިނިތުންވެލިއެވެ. އޭރު ބައްޕަގެ ފޯނު ވެސް ކެނޑިއްޖެއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox