އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުން ކުރިއެރުންތަކެއް ހޯދާފައިވާކަން އިއުލާން ކުރިތާ އެއް ދުވަސް ފަހުން ނިއުކްލިއާ ފެސިލިޓީއަކަށް ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ.
ބީބީސީއަށް މައުލޫމާތު ދިން އިސް އޮފިޝަލަކު ބުނީ ނިއުކްލިއާ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައުއިން ތެދުވަން ޖެހޭ ކަމަށެވެ. އިރާނުގެ ނިއުކްލިއާ ފެސިލިޓީއަށް ދިން ކަމަށް ބުނާ ހަމަލާ އައީ ކޮން ބަޔެއްގެ ފަރާތުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް މީގެ ކުރިން ވެސް މިފަދަ ހަމަލާ އަމާޒުވެފައި ވެއެވެ. އެގޮތުން ބިމު އަޑީގައި ހިންގާ ނަތާންޒް ނިއުކްލިއާ ފެސިލިޓީގައި މިދިޔަ އަހަރު ރޯވީ ސައިބާ ހަމަލާއެއްގެ ސަބަބުން ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މިއަދު އަނެއްކާވެސް ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިން ކަމަށް ބުނެފައި މި ވަނީ އިރާނާއެކު އެމެރިކާއިން އެކުލަވާލި ނިއުކްލިއާ އެއްބަސްވުމެއްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ އެ އެއްބަސްވުން ހުއްޓުމަކަށް އައިސްފައި އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ހުރަސް އެޅުއްވުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނަތާންޒް ފެސިލިޓީގައި މުޅިން އާ ސެންޓްރިފިއުޖުތަކެއް އިފްތިތާހު ކުރައްވާފަ އެވެ. އެއީ އިރާނުން ހިންގާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމަށް މުހިއްމު ތަކެއްޗެވެ. ސެންޓްރިފިއުޖް މެދުވެރިކޮށް އުފައްދާ ޔުރޭނިއަމް ބޭނުންކޮށްގެން ހަކަތަ އުފައްދަން ރިއެކްޓާ ފިޔުލް ތައްޔާރު ކުރެވޭނެ އެވެ. ހަމަ އެއާއެކު އެ ޔުރޭނިއަމުން ނިއުކްލިއާ ހަތިޔާރު ވެސް އުފެއްދޭނެ އެވެ.
އާ ސެންޓްރިފިއުޖް އިފްތިތާހު ކުރުމަކީ 2015 ވަނަ އަހަރު އެމެރިކާ އާއެކު އެކުލަވާލި އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިރާނުގައި ޔުރޭނިއަމް ބެހެއްޓޭނީ ވަކި މިންވަރަކަށެވެ.










