ޗައިނާގެ ނުފޫޒު ގައުމުތަކަށް ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގައި ހަދަން އުޅޭ ގާނޫނުގެ ބިލުގެ މަސައްކަތް މި މަހުގެ 21 ވަނަ ދުވަހު ސެނެޓުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
"ސްޓްރެޓެޖިކް ކޮމްޕެޓިޝަން އެކްޓް 2021" ގެ ނަން ދީފައިވާ އެ ބިލުގައި ހިމެނެނީ ޗައިނާގެ ނުފޫޒާ ދެކޮޅަށް ގެންގުޅޭ ޑިޕްލޮމެޓިކް އަދި ސްޓްރެޓެޖި ފިޔަވަޅުތަކެވެ.
ޖުމްލަ 280 ސަފްހާ ހިމެނޭ އެ ބިލުގައި ވަނީ ޗައިނާއާ އެކު އޮތް އިގްތިސާދީ ވާދަވެރިކަމުގެ އިތުރުން ޑިމޮކްރަސީ އާއި އިންސާނިއްޔަތާ ގުޅުން ހުރި ކަންކަމުގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކަށް ވެސް އަލިއަޅުވާފަ އެވެ.
ޗައިނާގައި އުޅޭ އުއިގާ ދަރިކޮޅުގެ މިސްލިމުންނާ މެދު އަމަލު ކުރާ ގޮތުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، ޗައިނާގެ ބައެއް ކަމަށް ދައުވާ ކުރާ ހޮންކޮންގެ ޑިމޮކްރަސީއަށް ތާއީދު ކުރުން އޭގައި ހިމެނެ އެވެ.
ޗައިނާގެ މައްސަލައަކީ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ވިސްނުން އާއްމު ގޮތެއްގައި ވަރަށް އެއް ގޮތް މައްސަލަ އެކެވެ.










