އިންޑިއާގެ ކޮވިޑުގެ ހާލަތު މާ ބޮޑަށް ގޯސްވަމުން ދާތީ އެ ގައުމުން އަންނަ މީހުންނަށް ވަގުތީ ގޮތުން ނިއު ޒީލެންޑަށް އެތެރެ ނުވެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.
އިންޑިއާގައި މި ވަގުތު ދުވާލެއްގެ މައްޗަށް 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން ދާއިރު، މަރުވާ މީހުންގެ އަދަދުތައް ވެސް އުޅެނީ 800 ގައެވެ.
އެހެންކަމުން ނިއު ޒީލެންޑުން ނިންމާފައިވަނީ އެ ގައުމުގެ ރައްޔިތުން ހިމެނޭ ގޮތަށް، އިންޑިއާއިން ދަތުރުކޮށްފައި އަންނަ އެއްވެސް މީހަކު ގައުމަށް އެތެރެވިޔަ ނުދިނުމަށެވެ.
މިއަދު ނިއު ޒީލެންޑުގައި 23 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން 17 މީހުންނަކީ އިންޑިއާއިން އައި މީހުންނެވެ. ނިއު ޒީލެންޑުން ނިންމީ އެޕްރިލް 11 އިން 28 އަށް އަންނަ މީހުންނަށް ބޯޑަރު ނުހުޅުވުމަށެވެ.
މި މުއްދަތުގައި އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރާނީ ރައްކާތެރިކަމާއެކު އިންޑިއާގެ ދަތުރުތައް އަލުން ފެށޭނެ ގޮތެއް ހޯދުމަށެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނިއު ޒީލެންޑަކީ މިހާތަނަށް އެންމެ ކާމިޔާބު އެއް ގައުމެވެ. އެ ގައުމުގެ އެތެރޭގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނެތްތާ މިހާރު ވެސް 40 ވަރަކަށް ދުވަސް ވެއްޖެ އެވެ. ނަމަވެސް ގައުމަށް އެތެރެވާ ބައެއް މީހުން ޕޮޒިޓިވް ކަމަށް ދައްކަ އެވެ.










