ފާއިތުވި ހަ މަސް ތެރޭގައި ކޮވިޑު ޖެހުނު މީހުންނަށް ޑިޕްރެޝަނާއި ޑެމެންޝިއާ އަދި ސައިކޯސިސް އާއި ސްޓްރޯކް ފަދަ މައްސަލަތައް ދިމާވުމުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިން ހެދި ދިރާސާއިން ދެއްކި ގޮތުގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަނީ ފަހުން ސައިކޮލޮޖިކަލް ނުވަތަ ނިޔުރޮލިޖިކަލް މައްސަލަ ދިމާވެފަ އެވެ.
އޭގެ ތެރެއިން ވެސް އެފަދަ މައްސަލަ ދިމާވުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ދައްކަނީ ކޮވިޑުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ނުވަތަ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ޖެހުނު މީހުންނަށެވެ.
އެގޮތަށް ދިމާވަނީ ސްޓްރެސް އާއި ވައިރަހުގެ ސަބަބުން ސިކުނޑިއަށް ސީދާ އަސަރުކޮށްގެން ކަމަށް ބެލެވޭ ކަމަށް އެ ދިރާސާ ހެދި ސައިންސްވެރިން ބުނެފައި ވެއެވެ.
އެ ދިރާސާގައި ބަލާފައިވަނީ އެމެރިކާގައި ކުރިން ކޮވިޑު ޖެހުނު ބައި މިލިއަން މީހުންގެ ސިއްކީ ރިކޯޑުތަކާއި އެ މީހުންނަށް ނަފްސާނީ އަދި ނިޔުރޮލޮޖިކަލް މައްސަލަ ފަހުން ދިމާވުމުގެ ފުރުސަތު އޮތް މިންވަރަށެވެ.
ދިރާސާއިން ދެއްކި ގޮތުގައި ކޮވިޑު ތަހައްމަލު ކުރަމުންދާ ވަގުތު އެންމެ ގިނަ މީހުންނަށް ދިމާވާ އެއް އުނދަގުލަކީ އެންޒައިޓީ އަދި މޫޑް ޑިސްއޯޑާތަކެވެ. އެއީ މާ ބޮޑަށް ބަލުވުމުގެ ސަބަބުންނާއި ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ކަމަށް ދިރާސާގައި ވެއެވެ.
ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ސްޓްރޯކް އާއި ޑެމެންޝިއާ ފަދަ މައްސަލަތައް ދިމާވަނީ ވައިރަހުން ކުރާ ބަޔޮލޮޖިކަލް އަސަރުގެ ސަބަބުންނާއި ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.










