ރިޕޯޓުކުޅުދުއްފުއްޓަށް ސިޓީ ކައުންސިލެއް؛ އުއްމީދާއި ތަސައްވުރު އުހަށް!

ކުޅުދުއްފުއްޓަށް ސިޓީ ކައުންސިލެއް؛ އުއްމީދާއި ތަސައްވުރު އުހަށް!

ކުޅުދުއްފުށި ސިޓީ: ކައުންސިލް އިންތިހާބާ ގުޅިފައި އޮތް އުއްމީދުތައް ވަރަށް މަތި - އަހުމަދު އިހުސާން \ އަދަދު
ކުޅުދުއްފުށި ސިޓީ: ކައުންސިލް އިންތިހާބާ ގުޅިފައި އޮތް އުއްމީދުތައް ވަރަށް މަތި - އަހުމަދު އިހުސާން \ އަދަދު

"ރަށަށް ބޭނުމީ ބޯހިޔާވަހިކަން، ގިނަ ފްލެޓްތަކެއް އަޅާނެ އިންތިޒާރު ކުރެވޭ،"

މިއީ, އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ މެދު ހދ. ކުޅުދުއްފުށީ ޒުވާނެއް ކަމަށްވާ އަފްތީމް އިބްރާހިމްގެ ޝުއޫރު ހުރި ގޮތެވެ.

އުމުރުން 22 އަހަރުގެ އަފްތީމް، އޭނާގެ އަމިއްލަ ދިރިއުޅުމެއް ފަށާ އުމުރަށް ދިޔަ ނަމަވެސް ދިރިއުޅުން ބައްޓަން ކުރާނެ ގޮތެއް ނެތެވެ. ބިމުގެ ދަތިކަން ކުރިމަތިވެ، ގެވަޅު ނުދޭތާ އަހަރުތަކެއްވެފައިވާއިރު އެކަށީގެންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ކުޅުދުއްފުށީގައި ނުހިންގަ އެވެ.

ކުޅުދުއްފުށީގެ ހުރިހާ ޒުވާނުންގެ ވެސް ހާލަކީ، ހަމަ އަފްތީމްގެ ހާލަތެވެ.

ބޯހިޔާވަހިިކަމުގެ މައްސަލައަކީ 10،000 އަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމުންދާ ކުޅުދުއްފުށީ ސިޓީއަށް އޮތް އެންމެ ބޮޑު މައްސަލައަށްވެފައިވާއިރު، ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ކެމްޕެއިންގައި އެ ސިޓީއާ ގުޅޭ އެންމެ ބޮޑު ވައުދަކީ ވެސް އެއީ އެވެ.

"ބޯހިޔާވަހިކަމުގެ ޔަގީންކަން! ފްލެޓް އަޅާނަން! ހައުސިން ޕްރޮޖެކްޓް ހިންގާނަން! ގޯތި ދޭނަން!" މިއީ މިފަހަރު އެ ސިޓީގައި އެންމެ ގުގުމާ ވައުދުތަކެވެ.

ކެމްޕެއިން ފޯރީގައި ތިބި، ކެނޑިޑޭޓުން އެ ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ދެމުންދާއިރު، ކުޅުދުއްފުށީގެ މިސްރާބު ހަގީގަތު ވެސް އޮތީ ބޮޑު ބަދަލަކާ ދިމާއަށެވެ؛ އެ ސިޓީގެ، ރަށު ކައުންސިލް އިދާރާގައި ސިއްކަ ޖަހައި ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލެއްގެ ބޯޑް އަޅުވާނެ އެވެ.

އެ ސިޓީ ކައުންސިލާއެކު، ބޯހިޔާވަހިކަން ފަދަ ސިޓީއަށް ދިމާވެފައި އޮތް ބޮޑެތި މައްސަލަތަކަށް ހައްލު އަންނާނެ ކަމުގެ އުއްމީދުތައް ރައްޔިތުންގެ ވަރަށް އުހެވެ.

"ރައްޔިތުން މިހާ އިންތިޒާރު ކުރާ ކައުންސިލް އިންތިހާބެއް މި ރަށަކުން އަދި ނުދެކެން، އޭގެ ސަބަބުތައް ވަރަށް ގިނަ، ރައްޔިތުންގެ އުއްމީދުތަކާއި ކައުންސިލަށް އަންނަ ބޮޑު ބަދަލުން ހަގީގަތުގައި ވެސް ހީނުކުރާ ވަރުގެ ރަނގަޅު ބަދަލުތަކެއް އަންނާނެ،" ކުޅުދުއްފުށީގައި ގާއިމް ހުރެ އެ ރަށުގައި ނޫސްވެރިކަން ކުރަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަބްދުލްވާހިދު ހަސަން ބުންޏެވެ.

ރައްޔިތުންގެ މިހާ ބޮޑު އުއްމީދެއް ކޮން ކަމަކަށް؟

މާލެ ފިޔަވައި އެންމެ ކާރުބާރު ބޮޑު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކުޅުދުއްފުއްޓަށް ވެސް ވަނީ ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ރައްޔިތުންގެ ބޭނުންތައް ގުޅިފައިވަނީ އެފަދަ މައްސަލަތަކާ އެވެ. މި މައުލޫ ފަށަން ޖެހެނީ ބޯހިޔާވަހިކަމުންނެވެ.

"ރަށުގައި މިހާރު ހަދާފައި މި ހުރީ ރޯހައުސްތަކެއް، ވަކިން ދިރިއުޅުމެއް ބޭނުންވާ ޒުވާނުންނަށް އެއީ އެންމެ އެކަށީގެންވާ ބޯހިޔާވަހިކަމަކަށް ނުވޭ، ރަށުގައި ބިމުގެ ދަތިކަން ވަރަށް ބޮޑު، ގިނަ ޒުވާނުން މިހާރު އެންމެ އެދެނީ ރަށުގައި ފްލެޓްތައް އެޅިގެން ދިޔުން، އޭގެ ދަށުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިޔުން،" ސިޓީގެ ޒުވާނެއް ކަމަށްވާ އަފްތީމް އިބްރާހިމް ބުންޏެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު ވެސް އެބަ އޮތެވެ. މިހާރު ވެސް ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ތާރު އަޅާފައިވީ ނަމަވެސް އެ މަގުތަކުގެ ރައްކާތެރިކަން ގެއްލި، އެކަށީގެންވާ ގޮތުގައި މަގުތައް ބަލަހައްޓަމުން ނުދާ މައްސަލަ ބޮޑެވެ. ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް، ތައާރަފްކޮށް ފުޅާ ކުރުމަށް ވެސް ރަށު ރައްޔިތުން އިންތިޒާރު ކުރެ އެވެ. ރަށުގެ އެއާޕޯޓާ ޖެހިގެން ބޮޑު ކުޅިއެއް އޮތްއިރު އެ ތަން ވެސް ތަރައްގީވެގެން ދިޔުމަށް އެދޭ ޒުވާނުން އެބަ ތިއްބެވެ.

"އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ ގުދުރަތީ ރީތިކަމާއެކު ތަރައްގީ ކުރެވިގެންދާ ސިޓީއަކަށް ކުޅުދުއްފުށި ވެގެން ދިޔުން، އެއީ ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމެއް،" އަފްތީމް ބުންޏެވެ.

ގުދުރަތީ ރީތިކަން ވެސް އޮތް ކުޅުދުއްފުށީގެ ކައުންސިލަކީ ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް ހިދުމަތްދޭ ކައުންސިލެކެވެ. އުތުރުގެ ގިނަ އަތޮޅުތަކުން ބޭސްފަރުވާ އާއި އެހެން ވެސް ގިނަ ހިދުމަތްތަކަށް ރައްޔިތުން ގޮސް އުޅެނީ ކުޅުދުއްފުއްޓަށެވެ. ހިދުމަތް ހޯދަން އެ ރަށުގައި ކިޔު ދަމާލާ މީހުން ކޮވިޑާއެކު ދެ ގުނަ އިތުރު ވެސްވި އެވެ. މިހާރު މާލޭ އަތޮޅުން ވެސް މީހުންދެ އެވެ. އެހެންވަނީ ކޮވިޑާއެކު ވިހެއުން ފަދަ ކަންކަމަށް އެންމެ ގިނަ ބަޔަކު ކުޅުދުއްފުށީ ހޮސްޕިޓަލް އިހްތިޔާރު ކުރާތީ އެވެ. އެހެންވެ، އެމީހުންނަށް ކައުންސިލުން ވެސް ހިދުމަތް ދޭން ޖެހެ އެވެ.

އެފަދަ ފުޅާ ހިދުމަތްތަކެއް ކައުންސިލަށް ދޭން ޖެހިފައިވާއިރު އޭގެ ކޮލިޓީ ރަނގަޅުވުމަކީ ރަށުގެ ރައްޔިތުންގެ އިތުރުން އުތުރުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ވެސް އުއްމީދަކަށް ވާނެ އެވެ.

"ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ އޮނިގަނޑު ވަރަށް ތަފާތު، ރަށު ކައުންސިލެއް ނަމަވެސް މިހާރު ވެސް މި ކައުންސިލުން މި ދަނީ އުތުރު ތިން އަތޮޅު، މިހާރު ބ. އަތޮޅާއި ކ. އަތޮޅުގެ ރަށްރަށުގެ މީހުންނަށް ވެސް ހިދުމަތް ދެމުން، ނަމަވެސް ކައުންސިލްގައި ވަސީލަތްތަކާއި މުވައްޒަފުން މަދު، އެކަށީގެންވާ ހިދުމަތެއް ފޯރުކޮށް ނުދެވޭ، ނަމަވެސް ސިޓީ ކައުންސިލްގެ އޮނިގަނޑު އޮތް ގޮތުން ކައުންސިލަށް އިތުރު މުވައްޒަފުން ލިބިގެންދާނެ، މިއީ ހިދުމަތް ރަނގަޅުކޮށް އަވަސް ކުރުމަށް މުހިންމު ކަމަކަށް ވެގެންދާނެ،" ކުޅުދުއްފުށީ ރަށުގެ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވި އެވެ.

"މިކަމަށް ރައްޔިތުން އެބަ އިންތިޒާރު ކުރޭ."

މިފަދަ ބޮޑު ބަދަލެއް އަދި ބޮޑު ޒިންމާއެއް ކުޅުދުއްފުށީގައި އުފެދޭ ސިޓީ ކައުންސިލްގެ ބޮލުގައި އެޅޭއިރު އެތަނަށް ވަންނަން ތިބި ކައުންސިލަރުންނަކީ ރައްޔިތުންގެ އުއްމީދުތަކާ ހަމައަށް ވާސިލްވެވޭ ފެންވަރުގެ ބަޔަކަށްވުން މުހިންމުވާނެ އެވެ.

ކެންޑިޑޭޓުން ތަފާތު، މިއީ އެންމެ ބޮޑު ބަދަލު!

ނޫސްވެރިޔާ ވާހިދު ފާހަގަ ކުރި ގޮތުގައި، މިފަހަރު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ވެސް އެހެން ފަހަރުތަކާ ހިލާފަށް ތައުލީމީ، ގާބިލް، ޒުވާން ކެންޑިޑޭޓުންނެވެ. ރައްޔިތުންގެ އުއްމީދުތައް އުފުލިގެން ދިޔަ އެއް ސަބަބަކީ ވެސް އެއީ އެވެ. އެފަދަ ކެންޑިޑޭޓުންތަކެއް ހޮވިއްޖެނަމަ ރަށުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދި، ތަރައްގީގެ މަޝްރޫއުތައް ސަރުކާރާއެކު އެންމެ ރަނގަޅަށް ކުރިއަށް ގެންދިޔުމުގެ ހިޔާލު އެ ބޭފުޅުންގެ ހުންނާނެކަން ވާހިދު ފާހަގަ ކުރެ އެވެ.

އެމްޑީޕީ އާއި ޕީޕީއެމްއިން ކެންޑިޑޭޓުން ނެރެފައިވާއިރު އަމިއްލަ ގޮތުން ވެސް ކައުންސިލަށް ވާދަކުރެ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ރަށުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ. މީގެ ތެރެއިން 80 ޕަސެންޓް ކެންޑިޑޭޓުންނަކީ ޒުވާނުންކަން ވެސް ފާހަގަކޮށްލެވެ އެވެ.

"މި ތިބީ ވަރަށް ގާބިލް، ރައްޔިތުން ބޭނުންވާ ކަހަލަ ކެންޑިޑޭޓުންތަކެއް، އެންމެ ބޭނުންވާ ދާއިރާތަކުން ކިޔަވައިގެން ތިބި ކެންޑިޑޭޓުން،" ދައުރު ނިންމާލައްވައި ކައުންސިލްގެ ރައީސް ލަތީފްގެ އުއްމީދުތައް ވެސް ވަރަށް މައްޗެވެ.

ރަށުން ނެގޭނެ އެންމެ އުއްމީދީ ކައުންސިލެއް މިފަހަރު އުފެދިގެން ދާނެ

ކައުންސިލްތަކަށް ގެންނަ ބަދަލާއެކު ކުޅުދުއްފުށިން ވެސް އަންހެން ލީޑަރުންތަކެއް އުފެދިގެންދާނެ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވާއިރު އެ ދެ ދާއިރާގައި ވެސް ވާދަވެރި ކެމްޕެއިންތަކެއް ދަނީ ކުރިއަށެވެ.

ކުރިން ވެސް ވާހަކަ ދެއްކި އަފްތީމް ބުނި ގޮތުގައި ސިޔާސީ ޕާޓީތަކެއްގެ މެދުގައި އިންތިހާބަށް ކެމްޕެއިން ކުރިއަށް ދިޔަ ނަމަވެސް މި ފަހަރު މަޝްރަހު ވަރަށް ތަފާތެވެ. އިންތިހާބުގައި ގޮތް ކިޔަން އެންމެ ބޮޑު އާބާދީއެއް އޮތީ ޒުވާނުން ކަމަށްވާއިރު އަފްތީމް ބުނި ގޮތުގައި، ޒުވާނުން މިފަހަރު ތިބީ ޕާޓީގެ ލޯގޯއަށް ބަލާފައި ވޯޓު ދިނުމުގެ ބަދަލުގައި މީހާގެ މޫނަށް ބަލާފައި ވޯޓު ދިނުމަށެވެ.

"ކުރިން މި ފެންނަނީ އެހެން އިންތިހާބުތަކުގައި ފައިސާކޮޅެއް ދޭ ކެންޑިޑޭޓަށް ނުވަތަ ޕާޓީއަކަށް ޒުވާނުން ވެސް ވޯޓު ދެމުން ދިޔަތަން، އެކަމަކު މިފަހަރު ޒުވާނުން ވެސް މި ބަލަނީ ރަށަށް ރަނގަޅު ވާނެ ގޮތެއް، މިފަހަރު މި ބަލަނީ މީހާއަށް، ވަކި ޕާޓީއެއްގެ ޓިކެޓް އޮތުމަކީ މިފަހަރު ވޯޓުދޭ ސަބަބެއްގެ ގޮތުގައި ނުބަލާ،" އަފްތީމް ބުންޏެވެ.

މިފަހަރު އިންތިހާބުގައި ފެންނަ އެންމެ ތަފާތުކަމަކީ، ގިނަ އިންތިހާބުތަކެއް ކަވާކޮށްފައިވާ ކުޅުދުއްފުށީ އޮންލައިންގެ ނޫސްވެރިޔާ ވާހިދު ވެސް ބުނި ގޮތުގައި، ކެންޑިޑޭޓުންނާމެދު ރައްޔިތުން ދެކޭ ދެކުމެވެ. ގާބިލް، ތައުލީމީ ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާފައިވުމަކީ ރަނގަޅު މީހަކު ހޮވުމަށް ރައްޔިތުންނަށް ވެސް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވާހިދު ބުންޏެވެ.

"މިފަހަރު އިންތިހާބުގައި ކާމިޔާބު ހޯދާނީ ވަކި ޕާޓީއެއް ނޫން، ގާބިލް ކެންޑިޑޭޓުން،" އޭނާގެ ވާހަކަ ހުރީ މިހެނެވެ.

އެހެންވީއިރު އެ ކެންޑިޑޭޓުންގެ ތަސައްވުރެއް ވެސް އޮތުން މުހިންމެވެ. އެއީ، މިފަހަރު ކުޅުދުއްފުށީ ރައްޔިތުން ގޮތް ކަނޑައަޅާނެ ނާޅިއަށް ވާތީ އެވެ.

މޭޔަރެއް، ތަސައްވުރެއް އެބަ އޮތް!

ކުޅުދުއްފުށި ހަ ދާއިރާއަކަށް ބަހާލައިގެން ސިޓީ ކައުންސިލް އެކުލަވާލަން ނިންމާފައިވާއިރު އެއިން ކޮންމެ ދާއިރާއަކުން މެންބަރަކާއި ހުރިހާ ދާއިރާއެއްގެ ރައްޔިތުން ވޯޓުލައިގެން މޭޔަރެއް އިންތިހާބު ކުރާނެ އެވެ.

ރާއްޖޭގެ ހަތަރުވަނަ ސިޓީގެ ފުރަތަމަ މޭޔަރަކަށްވުމުގެ ރޭހުގެ ވާދަވެރިކަން ވެސް ވަރަށް ބޮޑެވެ؛

އަމިއްލަ ދެ ކެންޑިޑޭޓަކާއެކު، ހަތަރު ކެންޑިޑޭޓަކު އެބަ ތިއްބެވެ. ވަރުގަދަ ކެމްޕެއިނެއް ޕީޕީއެމް އާއި އެމްޑީޕީގެ ކެންޑިޑޭޓު ދަނީ ކުރަމުންނެވެ. އެގޮތުން ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ ރަށަށް އޮތް އެ ބޭފުޅުންގެ ތަސައްވުރު ހިފައިގެން ރައްޔިތުން ކައިރިއަށް ޒިޔާރަތް ކުރައްވަމުންނެވެ. މިއީ ރަށުގައި މިފަދަ ގޮތަކަށް އޮތް އެންމެ މުހިންމު ކެމްޕެއިނަށް ވެސް ވެގެންދާނެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފްގެ އެންމެ ބޮޑު ތަސައްވުރަކީ ރައްޔިތުންގެ ލަފާއާއެކު ސިޓީގެ ތަރައްގީގެ ޕްލޭނަކާއި ލޭންޑް ޔޫސް ޕްލޭނެއް ހެދުން ކަމަށް އޭނާ ވިދާޅުވެ އެވެ. އެ ޕްލޭންގެ ދަށުން އޭނާ ވިދާޅުވާ ގޮތުގައި، ކައުންސިލް ލެވެލްގަ ހައުސިން ސްކީމެއް ވެސް ތައާރަފް ކުރައްވާނެ އެވެ.

"ލޭންޑް ޔޫސް ޕްލޭން ހެދިގެން ދާނީ ވިޔަފާރިތަކަށް ވެސް ހަމަހަމަ ފަހި ފުރުސަތެއް އޮންނާނެ ގޮތުގެ މަތިން ޕަބްލިކް އޭރިޔާތަކާ ގްރީން ޒޯންތައް ވެސް ކަނޑައެޅި ތަރުތީބު ވާނެ ގޮތަށް، ދިރިއުޅުމަށް ފަހި ހިތްގައިމު ފެހި ސިޓީއެއްގެ ގޮތުގައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ވެސް އިސްކަން ދޭނަން،" އާތިފް، ރަށަށް އޮތް އުއްމީދުތައް ހާމަ ކުރެއްވި އެވެ.

ކަސްޓަމްސްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އާތިފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލެއް އުފެއްދުމަކީ އަމާޒެވެ. ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓް ކުރެވިގެންދާނެ ކަމަށް ވިދާޅުވެ އެވެ.

ކުޅުދުއްފުއްޓަށް ވެސް ލިބިގެން މި ދަނީ މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންގެ ބޭނުންތައް ފުއްދައި މާލީ ބާރުވެރިކަން ހޯދުމުގެ ފުރުސަތުކަން ފާހަގަ ކުރައްވަމުން، އާތިފު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

ގާތްގަނޑަކަށް މި ލިބެނީ ރަށުގަ ކުޑަ ސަރުކާރެއް ހިންގުމުގެ ބާރު

އާތިފްއާ ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ އިގުބާލް ވެސް ހުންނެވީ ވައުދުތަކާއެކު އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި އޮތް އިޖުތިމާއި، އުމްރާނީ އަދި އިގުތިސޯދީ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.

"އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކެރިގެން ނުކުމެ މިހުރީ، އަޅުގަނޑުގެ ވިސްނުމުގަ ހުރީ ކައުންސިލްގެ ހަރުމުދާ އިތުރުކޮށް އާމްދަނީ އިތުރު ކުރުން، މައި ސަރުކާރަށް ބަރޯސާވާކަށް ނުޖެހޭ، އިގުތިސޯދީ ގޮތުން ހަމަ އިސްކޮޅަށް ތެދުވެވޭނެ،" އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާފައިވާ އިގުބާލް ވިދާޅުވި އެވެ.

"މުހިންމީ ތަޖުރިބާ ހުރި މީހުން، މި ރަށުގައި ހުނަރުވެރި މީހުން އެބަތިބި،"

ފަސް އަހަރު ތެރޭގައި ސިޓީއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ހައްލު ކުރައްވާނެ ކަމުގެ ވައުދާއެކު ހުންނެވި އިގުބާލް ވެސް ވަރަށް ބޮޑު އަމާޒެއް ސިޓީގެ ލޭންޑް ޔޫސް ޕްލޭނާމެދު ގެންގުޅުއްވަ އެވެ.

"ކުޅުދުއްފުށީގައި ތަސައްވަރެއް އެބަ އޮންނަން ޖެހޭ، މާސްޓާ ޕްލޭނެއް، ހިތަށް އެރިހާ ގޮތަކަށް ކަންތައް ކުރަން އޮތް ތަނެއް ނޫން މިއީ،" އިގުބާލް ވިދާޅުވި އެވެ.

މޭޔަރުންނަށް ވާދަކުރާ ކެންޑިޑޭޓުންގެ ވަރުގަދަ އަޒުމަކާއި ތަސައްވުރެއް އޮތުމުން ރައްޔިތުންނަށް ލިބޭ ހިތްވަރު އިތުރު ވާނެ އެވެ. އަފްތީމްމެން ފަދަ ޒުވާނުންގެ މުސްތަގުބަލު، މި ކައުންސިލް އިންތިހާބާ މި އޮތީ ނުހަނު ބޮޑަށް އެމުނިފަ އެވެ. އެ ޒުވާނުންގެ މުސްތަގުބަލުގައި ކުރަހައި، ކުލަ ޖެއްސުމުގެ ޒިންމާ މި އުފެދޭ ކައުންސިލް އުފުލަން ޖެހޭނެ އެވެ.

ދެން އޮތީ އިންތިހާބެވެ!

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox