ރިޕޯޓުދިގު ކޮވިޑުގެ އުނދަގޫ ސީރިއަސްކޮށް ނަގަންޖެހޭ

ދިގު ކޮވިޑުގެ އުނދަގޫ ސީރިއަސްކޮށް ނަގަންޖެހޭ

ދިގު ކޮވިޑުގައި އުޅޭ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ މައްސަލަތަކަކީ، ހަކަތަ ނެތުން، ކެއްސުން، ފުއްޕާމެއަށް ދާއިމީ ގެއްލުންވުން އަދި އެންޒައިޓީ ނުވަތަ އިންތިހާއަށް ބިރުގަތުމުގެ އިހްސާސްތަކެވެ.

ކޮވިޑް ބަލި ޖެހި، ރަނގަޅުވިޔަސް ބައެއް ފަހަރު އެތައް ދުވަހެއް އެކަމުގެ ތަކުލީފު އުފުލަންޖެހޭ. -- އިލަސްޓްރޭޝަން: އަހުމަދު އިހުސާން / އަދަދު
ކޮވިޑް ބަލި ޖެހި، ރަނގަޅުވިޔަސް ބައެއް ފަހަރު އެތައް ދުވަހެއް އެކަމުގެ ތަކުލީފު އުފުލަންޖެހޭ. -- އިލަސްޓްރޭޝަން: އަހުމަދު އިހުސާން / އަދަދު

އޭނާ އަށް ދިމާވާ މައްސަލައަކީ މާ އަވަހަށް ވަރުބަލިވުމެވެ. ކަންމަތީ ފިހާރައާ ހަމައަށްދާއިރު ގައިގަ ހަކަތައެއް ނުހުރެ އެވެ. އިންހޭލަރު ބޭނުން ނުކޮށްފި ނަމަ ޖެހޭނީ ހުއްޓިހުރެ، ފުން ނޭވާތަކެއްލާށެވެ. ގިނައިން ކެއްސަ އެވެ. ކެއްސަނީ ހިކިކޮށް، ކެއްސުންބަލީގަ ގިނަ ދުވަސްތަކެއް އުޅެންޖެހިފައިވާ މީހެއްހެނެވެ. އެކަމަކު އައިޝާ (އަސްލު ނަމެއް ނޫން) އަށް ކޮވިޑް ބަލި ޖެހި، ރަނގަޅުވިތާ މިހާރު ފަސް މަސް ދުވަސް ވެއްޖެ އެވެ.

"ބައެއް ފަހަރު ހިތަށް އަރާ އުމުރު ދުވަހު އުޅެންޖެހޭނީ މި ހާލުގަ ބާވައޭ. ކޮވިޑް ޖެހިގެން އުޅުނު އިރު ވެސް ހަގީގަތުގައި މިހާ އުނދަގުލެއް ނުވޭ. އޭގެ ފަހުން މިހާރު ފަސް މަސް ދުވަސް ވީއިރު ވެސް މި އުޅެނީ ކޮވިޑްގެ އުނދަގުލުގަ،" މޯބައިލް ފޯނަށް ކެއްސަމުން 29 އަހަރުގެ އެ އަންހެން މީހާ ކިޔައިދިނެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގެ ފުރަތަމަ މިހާއަށް ޖެހުނު ފަހުން މިހާރު 24,000 މީހުންނަށް އެ ބަލި ޖެހިއްޖެ. ކޮވިޑް-19 ޖެހި، ބަލިވެގެން ރާއްޖޭގައި މިއަދާ ހަމައަށް 67 މީހަކު މަރުވެއްޖެ އެވެ. އަދި ބަލި ފަސޭހަވި ނަމަވެސް އޭގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގައި، އަދަދު ނޭންގޭ އެތައް ބަޔަކު އެބަ އުޅެ އެވެ.

ދިގު ކޮވިޑަކީ ކޮބާ؟

ދިގު ކޮވިޑަކީ ބަލިން ނައްސިވުމުން ވެސް ބަލީގެ ސަބަބުން ދިމާވާ މައްސަލަތައް ދިގު ދިގުދެމިގެން ދިއުމެވެ. ބައެއް ފަހަރު ހަ މަސް ނުވަތަ އެއް އަހަރު ވަންދެން ވެސް މައްސަލަތައް ފެނެ އެވެ. އެންމެ ގިނައިން މީހުންނަށް ކުރިމަތިވާ މައްސަލަތަކަކީ، ހަކަތަ ނެތުން، ކެއްސުން، ފުއްޕާމެއަށް ދާއިމީ ގެއްލުންވުން އަދި އެންޒައިޓީ ނުވަތަ އިންތިހާއަށް ބިރުގަތުމުގެ އިހްސާސްތައް ކުރިމަތިވުމެވެ.

"އަޅުގަނޑުގެ ބައެއް ޕޭޝަންޓުން ވެސް އެބަހުރި ލޯންގް ކޮވިޑުގެ މައްސަލަތައް ކުރިމަތިވާ. އެންމެ ގިނައިން ފެންނަނީ ނޭވާލާން އުނދަގޫވާ މައްސަލަ އަދި ބައެއް ފަހަރު ހަމުގެ ތަންތަންކޮޅު ރަތްވުން ނުވަތަ ނޫވުން ފަދަ ކަންކަން ވެސް ދިމާވެފައި ހުރޭ،" އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި އެވެ.

ދިގު ކޮވިޑާ ގުޅޭ ގޮތުން މިހާރު ހުރީ އެނެކްޑޯޓަލް ހެއްކެވެ. އެއީ ސައިންޓިފިކް ފެކްޓް ނުވަތަ ދިރާސާއަކާ ނުލާ، ބަލި މީހާ ކުރާ ތަޖުރިބާއިން ދަނެގަންނަ ކަންކަމެވެ.

ކޮވިޑް ބަލި ފަސޭހަވެގެން އިޓަލީގެ ވެރި ރަށް ރޯމުގެ ހޮސްޕިޓަލަކުން ދޫކޮށްލި ކޮންމެ 10 މީހަކުން ނުވަ މީހެއްގެ ފަރާތުން 60 ދުވަސް ފަހުން ވެސް ދިގު ކޮވިޑުގެ އަލާމާތްތައް ފެނިފައިވާ ކަމަށް ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި އިޓަލީގެ ދިރާސާ ކުރާ ބަޔަކު ލިޔެފައިވެ އެވެ.

ބަލި ފަސޭހަވެގެން އެއްވެސް އަލާމާތެއް ނުފެންނަނީ 143 މީހުންގެ ތެރެއިން އެންމެ 13 ޕަސެންޓު މީހުންގެ ފަރާތުންނެވެ. އޭގެ ތެރެއިން 32 ޕަސެންޓު މީހުންނަކީ އެކެއް ނޫނީ ދެ އަލާމާތް 60 ދުވަސް ފަހުން ވެސް ފެންނަ މީހުންނެވެ. އަދި 55 ޕަސެންޓު މީހުންނަކީ ތިނެއް ނުވަތަ އެއަށްވުރެ ގިނަ އަލާމާތް ފެންނަ މީހުންނެވެ.

ދިގު ކޮވިޑުގައި ދިވެހިން ވެސް

ޔޫސުފް ލައިލާ، 28، (އަސްލު ނަމެއް ނޫން) ކޮވިޑް-19 އަށް ފައްސިވީ، ފްރަންޓަލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުމުގެ މަސައްކަތް ކުރަނިކޮށެވެ. އޭނާ ހީކުރީ ބަލި ރަނގަޅުވުމުން ނިމުނީ ކަމަށެވެ. އެކަމަކު 2020، ނޮވެމްބަރު މަހުން ފެށިގެން އަދިވެސް އޭނާ ދަނީ ބަލީގެ ސަބަބުން ކުރިމަތިވި އުނދަގޫތަކާ ތަހައްމަލް ކުރަމުންނެވެ.

"އެއް މަސް ދުވަސްވީއިރު ވެސް ކެއްސުމެއް ހުރި. އޭގެ ފަހުން ތިން މަސް ވީއިރު ވެސް އަހަންނަށް ނޭވާލާން އުނދަގޫތަކެއް ހުރި. ވަރަށް އަވަހަށް ވަރުބަލިވެފައި ހުންނަނީ ވެސް. ކުޑަކޮށް ޑިސްއޮރިއެންޓް [ބުރާންތި] ވެފައި ހުންނަ ކަހަލަ ގޮތެއް ވެސް ވޭ،" އޭނާ ކިޔައިދިނެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ހާއްސަވެފައިވާ ޑރ. މޫސާ ހުސެއިން ވިދާޅުވީ ރާއްޖޭގައި ދިގު ކޮވިޑް މައްސަލަތައް ހުންނަ މީހުންނަށް ތަފާތު އެކި ކަންކަން ދިމާވި ނަމަވެސް އެންމެ ގިނައީ ނޭވާލާން އުނދަގޫވުމާއި އެންޒައިޓީ ނުވަތަ ބިރުވެރިކަން އިހްސާސްވުން ކަމަށެވެ.

"މި މައްސަލަތައް ކުރިމަތިވާ މީހުންގެ 60 ޕަސެންޓް މީހުންނަށް ހަ މަސް ފަހުން ވެސް ވަރުބަލިވުން ކުރިމަތިވޭ. އަދި އެންޒައިޓީއަކީ އިންވޭރިއަބްލީ ހަމަ އެންމެންގެ ވެސް ހުންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ވަރުބަލިވުމުގެ މައްސަލަތައް ކުރިމަތިވާ މީހުން އާދައިގެ ކަމެއްކޮށްލި ނަމަވެސް އާދަޔާ ހިލާފަށް ވަރުބަލިވެދާނެ އެވެ. އަދި އާދައިގެ ދިރިއުޅުމެއް އުޅުމަށް މީހާއަށް ބުރޫއަރަ އެވެ.

"ބައެއް ފަހަރު މި ވާ ގޮތަކީ ކޮވިޑް ރަނގަޅުވެގެން ދާއިރު ވެސް ހުރޭ ފުއްޕާމޭ ތެރޭގައި ވީކްނަސްއެއް. އޭގެ ސަބަބުން ހިނގާލާ ކަމެއްކޮށްލި ނަމަވެސް ހުންނާނީ ވަރުބަލިވެފަ. އެހެންވީމަ ފަންކްޝަން ލިމިޓް ވަނީ. ދުވެ ހެދި ނަމަވެސް ބުރަ މަސައްކަތެއް ކޮށްލިޔަސް ހުންނާނީ ނޭވާ ހާސްވެފަ،" ޑޮކްޓަރު ކިޔައިދިނެވެ.

އެންޒައިޓީ ނުވަތަ ބިރުވެރި އިހްސާސްތަކާ ކުރިމަތިލާންޖެހޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރެއް ކުރެ އެވެ. ރާއްޖޭގައި ދިގު ކޮވިޑް ތަހައްމަލް ކުރަންޖެހޭ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް އެންޒައިޓީއާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

"އެންޒައިޓީއަކީ އިންވޭރިއަބްލީ ހަމަ އެންމެންގެ ވެސް ހުންނަ ކަމެއް. ފުދޭވަރަކަށް ބޮޑު ސްޓްރެސްފުލް ކޮންޑިޝަނެއްގެ ތެރޭގައި މި ދަނީ. ކޮވިޑްޖެހުމާ އޭގެ ތެރޭގައި ތަހައްމަލް ކުރަންޖެހޭ ދުވަސްތަކާ އަދި ކުރިއަށް އޮތް ތަނުގައި ކަންކަން ވާނެ ގޮތެއް ވެސް ނޭންގޭތީ،" އޭނާ ވިދާޅުވި އެވެ.

ދިގު ކޮވިޑުގެ އުނދަގޫ ކުރިމަތިލާންޖެހޭ މީހުންނަށް ނިދުމުގައި ވެސް ބައެއް މައްސަލަތައް ކުރިމަތިވެ އެވެ. އަދި އާދަޔާ ހިލާފަށް އެކި ކަންތައްތަކާ ކަންބޮޑުވުމަކީ ވެސް ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ.

"ބަލީގައި އުޅޭ ބައެއް މީހުން އައިސްފަ ބުނާނެ ރަނގަޅަކެއް ނުނިދެއޭ. ނިދަން އޮންނަ އިރު ވެސް ހޭލެވެނީއޭ. ދެން ރަނގަޅުވެގެން އެނބުރި އަންނައިރު ވެސް މި ބުނަނީ ކުއްލިއަކަށް ހޭލެވެނީއޭ ކަންތައްތަކާ މާބޮޑަށް ކަންބޮޑުވަނީއޭ. ކިރިޔާ ކަމެއް ވިޔަސް ވަރަށް ބޮޑަށް ހާސްވެގެންދޭ،" ޑރ. މޫސާ ވިދާޅުވި އެވެ.

ދިގު ކޮވިޑުގެ ހައްލަކީ ކޮބާ؟

ދިގު ކޮވިޑުގެ އަޑި ހޯދުމަށް މިހާތަނަށް ފުރިހަމަ ދިރާސާއެއް ކޮށްފައެއް ނެތެވެ. ދިރާސާތައް ދަނީ ކުރިއަށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިކަމާ ގުޅޭ ދިރާސާއެއް މިހާރު ވަނީ ފަށައިފަ އެވެ. އަދި ބައެއް އެހެން ގައުމުތަކުން ވެސް މިކަމުގެ ދިރާސާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކޮށްފައިވާ އަސަރު ދަނެގަތުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިހާރު އަންނަނީ ތަފާތު އެކި ދިރާސާތައް ކުރަމުންނެވެ. ދިގު ކޮވިޑާ ގުޅޭ ހާއްސަ ދިރާސާއެއް ކުރުމަށް ރާއްޖޭގައި އަންނަނީ ތައްޔާރުވަމުންނެވެ.

ދިގު ކޮވިޑާ ގުޅޭ ވަރުގަދަ ދިރާސާއެއް ފަށާފައިވާ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސާސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗާ މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާން ކުރައްވައިފަ އެވެ. މި ދިރާސާތަކުން މުހިންމު ސުވާލުތަކަކަށް ޖަވާބު ލިބޭނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެ އެވެ.

ދިގު ކޮވިޑަށް ޑރ. އެންތަނީ ފައުޗާ ވަނީ ސައިންޓިފިކް ނަމެއް ވެސް ދެއްވައިފަ އެވެ. އެއީ ޕޯސްޓް އެކިއުޓް ސީކުއެލީ އޮފް ސާސް ކޮވް-2 އެވެ. ދިގު ކޮވިޑަށް ސައިންޓިފިކް ނަމެއް ދިނުމުން އެއީ ބައްޔެއްގެ ގޮތުގައި ދެކި ފަރުވާ ކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ އެވެ.

އަހަރެން ކުރަންވީ ކޮން ކަމެއް؟

ދިގު ކޮވިޑުގެ މައްސަލަތައް ދިމާވާ މީހުންނަށް މިހާރު ފަރުވާ ދެނީ އެ ކުރިމަތިވާ މައްސަލައަށެވެ. ބައެއް މީހުންނަށް ދިގު ކޮވިޑުގެ މައްސަލަތައް ޖެހި އަނެއް ބަޔަކަށް މިކަން ނުވާ ސަބަބު ދަނެގަނެވިފައި ނުވާތީ މި ބައްޔަށް ކުރިން ރައްކާތެރިވެވިދާނެ ގޮތްތަކެއް އަދި ހޯދިފައެއް ނުވެ އެވެ.

ދިގު ކޮވިޑުގެ މައްސަލައެއް ކުރިމަތިވާ ނަމަ އެއީ ބައްޔެއްގެ ގޮތުގައި ދެކި ފަރުވާތެރިވުމަށް ކުރިން ވާހަކަ ދެއްކެވި ޑރ. މޫސާ ހުސެއިން ވިދާޅުވި އެވެ.

"ވަރަށް މުހިންމު ކަމެއް އެއްވެސް ކަހަލަ އުނދަގޫ ކަމެއް ހުރި ނަމަ ސްޕެޝަލިސްޓަކަށް ދައްކައިގެން ކުރިއަށް ގެންދިއުން،" އޭނާ އިރުޝާދު ދެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ކަންކަމުގެ މައުލޫމާތު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކައިރިން ހޯދުމަކީ ވެސް މުހިންމު ކަމެކެވެ.

"ވަރަށް މުހިންމު ކަމެއް އެއީ ޑޮކްޓަރުންގެ ވާހަކަ އަޑުއަހަން. ގޮތް ނޭންގޭ ފަރާތްތަކުން ފަތުރާ ވާހަކަތައް ގަބޫލު ކުރުމަކީ ފަހުން ދެރަ ގޮތެއް ވެސް މެދުވެރިވެދާނެ ކަމެއް،" ކުރިން ވާހަކަ ދެއްކެވި ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox