ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ޒުވާން ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑު

Aug 5, 2026, 7:32 PM
2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ (ކ).-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ (ކ).-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ކުރިއަށްގެންދަން ނިންމާފައިވާ، 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާ އިން ޒުވާން ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. 

އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަަގަކުރުމަށްޓަކައި ނޮވެމްބަރު މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

އެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، ނޮވެމްބަރު މަސް ތެރޭ ނިއު ޒީލެންޑަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ދަތުރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

Advertisement

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު ފީފާ ބްރޭކްގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗެއް ކުޅޭނެ އެވެ. މި މެޗުތައް ތާވަލުކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޝެޑިއުލާ ދިމާވާ ގޮތަށެވެ.  

އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ. މިއީ، އިންޑިއާ ގައުމީ ޓީމުން  ނިއު ޒީލެންޑުގައި ކުޅޭ ފުރަތަަމަ މެޗުތަކެވެ. މީގެ ކުރިން، އޯޝެނިއާ ސަރަހައްދުގައި އިންޑިއާ އިން ކުޅުނު ހަމައެކަނި މެޗަކީ، 2005 ވަނަ އަހަރު ފިޖީއާ ދެކޮޅަށް ކުޅުނު މެެޗެވެ. 

މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގައި ވެސް ކުޅުނު ނިއު ޒީލެންޑާ ދެކޮޅަށް މީގެ  ކުރިން އިންޑިއާ އިން ދެ ފަަހަރެއްގެ މަތިން ނުކުމެފައިވެ އެވެ. އެއީ، 1981 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި މެރްޑޭކާ މުބާރާތުގަ އެވެ. އެ މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި، 2018 ވަނަ އަހަރު މުމްބާއިގައި ކުޅުނު އިންޓަކޮންޓިނެންޝިއަލް ކަޕްގައި، އިންޑިއާ އަތުން 2-1 އިން ނިއު ޒީލެންޑް މޮޅުވި އެވެ. 

ނިއު ޒީލެންޑާ ދެކޮޅަށް މި ފަހަރު ކުޅެން ލިބުނު މެޗާ ބެހޭގޮތުން، އިންޑިއާގެ ކޯޗު ހާލިދު ޖާމިލް ބުނީ، އަބަދުވެސް މަތީ ލެވަލްގެ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބޭ ފުރުސަތަކީ، ކުރިއަށް ދިއުމަށްޓަކައި ހުޅުވޭ ދޮރުތަކެއް ކަމަށެވެ. 

ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ޒުވާން ޓީމެއް؟

މި މަހު އެއް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫގައި ކުރިއަށްދިޔަ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުލުމުގައި އިންޑިއާ ލައްވާލީ ރާއްޖެ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް، އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރަން އެންމެ ފުރަތަމަ މަސައްކަތްކުރީ، ސެޕްޓެމްބަރު/އޮކްޓޫބަރު ފީފާ ބްރޭކުގަ އެވެ. އެކަމަކު، އެ މުއްދަތުގައި އިންޑިއާ އިން ފީފާ އާސިއާން ކަޕްގައި ކުޅެން ޖެހޭތީ، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު މަހުގެ ފީފާ ބްރޭކު ތެރެއަށް ބަދަލުކުރީ، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ސީނިއާ ޓީމު ކުޅެން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމަކު، މިހާރު އޮތްގޮތުން، ނޮވެމްބަރު މަހު ކުޅުނު ކަމުގައި ވިޔަސް، އިންޑިއާގެ އެންމެ ސީނިއާ ކުޅުންތެރިން ހިމެނޭ ޓީމެއް ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ކުޑަ އެވެ. 

އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވި ދެ ފަހަރު ވެސް އިންޑިއާ އިން ކުޅުނީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެއީ، 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އެ ގޮތުން، 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ އަތުން ފައިނަލުގައި މޮޅުވިއިރު، 2018 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ އަތުން ވީ ބައްޔެވެ. 

އިންޑިއާ އިން ކަލްކަތާގައި އޮކްޓޫބަރު މަހު ބްރެޒިލާ ދެކޮޅަށް ކުޅެން ވެސް ނިންމާފަައިވާއިރު، ސާފް ޗެމްޕިއަންޝިޕަށް ނޮވެމްބަރު މަހު ފޮނުވާނެ ޓީމެއް ކަނޑައެޅުމަށްޓަކައި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ޖަޕާނުގެ ނަގޯޔާގައި އަންނަ މަހު ބާއްވާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ވާދަނުކުރާތީވެ، އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމަށް އެ އިވެންޓުގެ މެޗުތައް ގެއްލޭނެ އެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ ވިސްނުމަކީ، ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމެއް ފޮނުވުން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. 

އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ. އެއީ، އިންޑިއާ އިން ސަރަހައްދުގެ ތަށި އުފުލާލި ނުވަ ވަނަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox